ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިހުތިސޯސަށް ބަދަލު ގެންނަވައި އެ ބަދަލުތައް ރަސްމީކޮށް އިއުލާންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ބަދަލުތައް ގެނައީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށްޓަކައި މިދިޔަ އަހަރުގެ އޮކްޓޫބަރު 25 ވަނަ ދުވަހު ބޭއްވި އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ، އަދި މީދޫ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީ އަލުން ކަނޑައަޅުއްވާ އައްޑޫގެ އިހުތިސާސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ހުޅުދޫ އާއި މީދޫއަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ އެވެ.
އެގޮތުން، އައްޑޫ ސިޓީ އާއި، ހުޅުދޫ އާއި، މީދޫގެ އިދާރީ ދާއިރާގެ އިހުތިސޯސަށް ގެންނެވި ބަދަލުތައް އެކަށައަޅައި ރައީސްގެ ގަރާރުތައް ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. މިއާއެކު، އެ ދާއިރާތަކުގެ އިޚްތިޞާޞް ދައްކުވައިދޭ ޗާޓުތައ، އެ ގަރާރުތަކުގެ ޖަދުވަލުގައި ވަނީ ހިމަނާފަ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުއްވުމަކީ، ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރައްވާފައިވާ މަސްއޫލިއްޔަތެކެވެ.


