އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލެވިފައިވާ ކަމަށް އެމެރިކާގެ ހަނގުރާމައިގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އީރާނުގެ ރޫހީ ލީޑަރު އަވަހާރަ ކޮށްލެވިފައިވާ ކަމަށް އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ލިޔުނު މެސެޖެއްގައި ޓްރަމްޕް ބުނިނަމަވެސް، އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ.
އެމެރިކާއާ ބައިވެރިވެގެން އީރާނަށް ވައިގެ ހަމަލާތައް ދިނުމުގައި ބައިވެރިވާ އިސްތިއުމާރީ އިސްރާއީލުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫވެސް، އޭނާ ފިލާހުރި ތަނުގައި ހުރެ ރެކޯޑްކޮށް ނެރުނު ވީޑިއޯ ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލާއި އެމެރިކާއިން ދިން ހަމަލާތަކަށްފަހު “ފެންނަގޮތުގައި” އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލެވިފައިވާ ކަމަށެވެ.
އަދި ޚާމަނާއީގެ ހަށިކޮޅުގެ ފޮޓޯއެއް ނަތަންޔާހޫއާއި ޓްރަމްޕަށް ދައްކާފައިވާ ކަމަށްވެސް، ރިޕޯޓްތައް ފަތުރާފައި ވެއެވެ.
އީރާނަށް ދިން ހަމަލާތަކުގައި އަވަހާރަ ކޮށްލެވިފައިވާ އީރާނު ވެރިންގެ ލިސްޓެއް އިސްރާއީލުން ވަނީ އާންމުވެސް ކޮށްފައެވެ.
އެލިސްޓުގައި ހިމެނެނީ، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާއި، ޚާމަނާއީގެ އިސް މުޝީރު އަލީ ޝަމްޚާނީއާއި، ޑިފެންސް މިނިސްޓަރ އަޒީޒް ނާސިރުޒާދީއާއި، ރޫހީ ލީޑަރުގެ އަސްކަރީ ބިއުރޯގެ ވެރިޔާ މުހައްމަދު ޝީރާޒީއާއި، އައިއާރްޖީސީގެ ވެރިޔާ މުހައްމަދު ޕަކްޕޫރުއާއި، ޖާސޫސީ ވެރިޔާ ސާލިހް އަސަދީއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ހޮނިހިރު ދުވަހު ދިން ހުރިހާ ހަމަލާތަކެއްވެސް މައިގަނޑުކޮށް އަމާޒުކޮށްފައިވަނީ އީރާނުގެ ވެރިން އަވަހާރަ ކޮށްލުމަށެވެ.
އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލެވިފައިވާ ކަމަށް ބުނެ އެންމެ ބާރަށް އެ ވާހަކަ ފަތުރަމުން ގެންދަނީ ޒަޔަނިސްޓު މީޑިއާއިންނެވެ. ޒަޔަނިސްޓު މީޑިއާއާ ހަވާލާދީ އެ ޚަބަރު ދުނިޔޭގެ ބޮޑެތި ބައެއް ވިއުގަތަކުންވެސް ފަތުރާފައި ވެއެވެ.
އެހެން ނަމަވެސް، އީރާނު ސަރުކާރުގެ އޮފިޝަލުންނާއި، އީރާނު ސަރުކާރަށް ނިސްބަތްވާ ތަސްނީމް ނޫސް އޭޖެންސީއާއި، މަހެރް އޭޖެންސީންވަނީ ޒަޔަނިސްޓު މީޑިއާއިން ފަތުރާ ޚަބަރުތައް ދޮގުކޮށްފައެވެ.
ބުނެފައިވަނީ، ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ގަދަވެ ސަލާމަތުން އެބަ ހުންނެވި ކަމަށާއި، ހަނގުރާމައިގެ ކޮމާންޑްގައި އެންމެ އިސްކޮށް ހުންނެވީވެސް ޚާމަނާއީ ކަމަށެވެ.
އީރާނަށް ހަމަލާ ދިނުމަށްފަހު އެމެރިކާއާއި އިސްރާއީލުން އުންމީދުކުރީ އީރާނުގެ ރައްޔިތުން މަގުތައް ފުރާލައި، އީރާނުގެ ވެރިކަން ވައްޓާލާނޭ ކަމަށެވެ.
އެފަދަ އެއްވެސް ނިޝާނެއް ނުފެނުމުން، ނަތަންޔާހޫއާއި ޓްރަމްޕް ދެން މަސައްކަތް ކުރީ ބަޔާންތައް ނެރެގެން އީރާނު ރައްޔިތުން މަގުތަކަށް ނެރުމަށެވެ. އެކަމަކުވެސް އީރާނުން އަދި އެފަދަ މަންޒަރެއް ނުފެނެއެވެ.
އީރާނުގެ ވެރިކަން ވައްޓާލަން ކުރަމުންދާ މަސައްކަތް ކާމިޔާބު ވެއްޖެނަމަ އީރާނުގެ ވެރިކަމަށް އައުމަށް ތާއިދުކުރާނީ ކާކަށްތޯ އޭބީސީ ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން ހަނގުރާމައިގެ ރައީސް ޓްރަމްޕް ބުނީ، އީރާނުގެ ވެރިކަމަށް ގެނަންނާނެ މީހަކާ ގުޅޭގޮތުން އޭނާގެ ވަރަށް ރަނގަޅު ޚިޔާލެއް އެބައޮތް ކަމަށެވެ. ނަމަވެސް، އެއީ ކާކުކަމެއް ޓްރަމްޕް ނުބުންޏެވެ.
އީރާނުގެ ވެރިކަން ވައްޓާލުމަށްފަހު އެމެރިކާއާއި އިސްރާއީލުން އީރާނުގައި ގާއިމްކުރަން އުޅެނީ އެމީހުންގެ ގޮނޑިކޮއްކޮ ސަރުކާރެކެވެ. އީރާނު ދެކެ އެމެރިކާއާއި އިސްރާއީލު ރުޅިއައިސްގެން އުޅެނީވެސް އެމީހުން “އެޅިހާބަތަކަށް އީރާނު ރިހަނުވެގެންކަން” އެންމެނަށްވެސް އެނގެއެވެ.



