އީރާނުގެ މިސައިލް ހަމަލާތަކުގައި އިސްރާއީލުން އެކަކު މަރުވެފައިވާކަން އިސްރާއީލު މީޑިއާއިން ކަށަވަރު ކޮށްދީފިއެވެ.
މަރުވި މީހަކީ އީރާނުން ތެލް އަވީވަށް ދިން މިސައިލް ހަމަލާތަކުގައި ޒަޚަމްވި މީހެއް ކަމަށްވެސް ބުނެފައި ވެއެވެ.
އިސްރާއީލުގެ އެމްބިއުލެންސް ސަރވިސްއިން ބުނެފައިވަނީ، އީރާނުގެ ހަމަލާތަކުގައި 21 މީހުން ޒަޚަމްވި ކަމަށާއި، އޭގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް ކަމަށެވެ.
މަރުވެފައިވަނީ ހާލު ސީރިއަސްވި ދެމީހުންގެ ތެރެއިން އެކެކެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގެ ރައްދުގައި އީރާނުންވަނީ އިސްރާއީލުގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތައް ދީފައެވެ.
ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި، އިސްރާއީލުން އިސްތިއުމާރު ކޮށްގެން އުޅޭ އަދި މިހާރު ވެރިރަށުގެ ގޮތުގައި ހަދައިގެން އުޅޭ ގުދުސްއާއި، ގޯލާންގެ އުސް ބިންތަކުގެ ސަރަހައްދުވެސް ހިމެނެއެވެ.
މީގެ އިތުރުން، އިސްރާއީލުގެ ތެލް އަވީވާއި، ހައިފާއާއި އީލާތަށްވެސް އީރާނުން ހޮނިހިރު ދުވަހު ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމަށްފަހު އަނެއްކާވެސް ހަމަލާތައް ދޭން ފަށާފައި ވެއެވެ.
ހަމަލާތަކުގައި އުސް އިމާރާތްތައް ގޮވައި، ތަންތަން ރޯވެ އަނދައި އަދި ބޮޑެތި އެތައް ގެއްލުންތަކެއް ލިބިފައިވާ މަންޒަރު ފެންނަ ވީޑީއޯތަކާއި ފޮޓޯތައް އާންމުވެފައި ވެއެވެ.
އަދި މިހާރު ދެމުންގެންދާ މިސައިލް ހަމަލާތަކުގައިވެސް ވަރުގަދައަށް ތަންތަން ގޮވަމުންދާ މަންޒަރުތައް ފެނެއެވެ.
މި ހަމަލާތަކުގައި މިހާތަނަށްވެސް ހަތްމީހުން ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށްވެސް އިސްރާއީލު މީޑިއާއިން ބުނެއެވެ.
އީރާނުން އިސްރާއީލަށް ދޭންފެށި ދެވަނަ ބުރުގެ މިސައިލް ހަމަލާތައް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ ވެރިންނާއި، އިސްރާއީލު ސިފައިންގެ ވެރިންގެ ގެތަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުން ދޭންފެށި ފުރަތަމަ ހަމަލާއާއެކު މުޖުރިމު ނަތަންޔާހޫ ވަނީ ބަންކަރަށް ވަދެ ބޮނދާފައެވެ. އޭގެފަހުން އޭނާ އެތަނުން ނުނިކުމެއެވެ.
އީރާނުން ދޭތެރެ ދޭތެރެއިން އިސްރާއީލަށް އޮއްސަމުން ގެންދާ މިސައިލްގެ ވާރެއާހެދި އިސްރާއީލުގެ ރަށްތަކުން ނުރައްކަލުގެ ޑަނޑޫރާގެ އަޑު ނުކެނޑޭ ކަމަށް ނޫސްވެރިން ބުނެއެވެ.
ޑަނޑޫރާ ޖަހަން ފެށުމާއެކު އިސްރާއީލު މީހުންނަށް ޖެހެނީ ބިންގަރާސްތަކަށް ވަދެ ރައްކާތެރިކަން ހޯދާށެވެ.
އީރާނުން ހަމަލާ ދޭނޭކަން އެނގޭތީ އިސްރާއީލުން މިހާރުވަނީ، ތެލް އަވީވްގައި އޮންނަ ބެން ގޫރިއަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުރި ހުރިހާ މަތިންދާ ބޯޓުތަކެއް ގްރީސްއަށާއި، ސައިޕްރަސްއަށް ފޮނުވާލާފައެވެ. އެއީ ނުރައްކަލެއް ކުރިމަތިވާ ކޮންމެ ފަހަރަކު އިސްރާއީލުން ކުރާ ކަމެކެވެ.
ބެން ގޫރިއަން އެއަރޕޯޓްގައި މިހާރު ހުރީ އެމެރިކާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓުތައް އެކަންޏެވެ.
އީރާނުން މިދިޔަ އަހަރު ދިން ހަމަލާތަކުގައިވެސް އެ އެއަރޕޯޓަށް ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ.



