ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ކުންފުންޏަކާ ހަވާލުކޮށް، ޢަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެމަސައްކަތް ހަވާލުކޮށްފައިވަނީ ރެއިންބޯ ކޮންސްޓްރަކްޝަނާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ ހދ.ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެރަށަށް ގެންގޮސް، މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށެވެ.

ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފެށީ 2024ވަނަ އަހަރުގެ މޭ މަހުއެވެ. އެއީ 11 ފަންގިފިލާގެ 5 ޓަވަރުގެ މަސައްކަތެވެ. އެ މަޝްރޫޢުގައި މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ބައެއް ޓަވަރުތަކުގެ ފައުންޑޭޝަން މަސައްކަތާއި ބައެއް ޓަވަރުތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް އެކަންޏެވެ. މުޅި މަޝްރޫޢުގައި ނިންމާފައި އޮތީ %18 މަސައްކަތެވެ. އޭގެފަހުން މަސައްކަތްތައް ނުނިމި، އޮތީ މުޅިން ހުއްޓިފައެވެ.

2023ވަނަ އަހަރު އޭރުގެ ސަރުކާރުން އެއްބަސްވުން ހެދީ، 2024ވަނަ އަހަރުގެ ނޮވެންބަރަށް މަސައްކަތް ނިންމުމަށެވެ.

އެމަސައްކަތް އޭރު ހަވާލުކޮށްފައި އޮތީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗަރ ކުންފުނިކަމުގައިވާ ޓުވެންޓީ ތާރޑް މެޓާލާރޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ. 2025ވަނަ އަހަރު ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވަނީ އެ މަސައްކަތަށް ސަރުކާރުން މޮބިލައިޒް ފައިސާ ދޫކުރިކަމަށެވެ. ނަމަވެސް ކޮންޓްރެކްޓަރ ފަހުން މަސައްކަތް ކުރިއަށް ނުގެންގޮސް ހުޓަލާފައިވާކަމަށެވެ. އެހެންކަމުން އިތުރު ކޮންޓްރެކްޓަރެއް ހޯދަމުންދާކަމަށް ވަޒީރު އޭރު ވިދާޅުވިއެވެ.

އެ މަސައްކަތާއެކު މިހާރު މިވަނީ އާ ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކޮށް، ފެށުމަށް ތައްޔާރުވެފައެވެ.

ކުޅުދުއްފުށީގައި ފެށި 400 ހައުސިން ޔުނިޓަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަޝްރޫޢަށް 443.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ