ހަނގުރާމައިގެ ފުރިހަމަ ކޮންޓްރޯލް އީރާނަށް: އައިއާރްޖީސީން ބުނަނީ ސަޕްރައިޒްތައް އަދިވެސް ކުރިއަށް ހުރީކަމަށް

ޚަބަރު ފަހުގެ ދުނިޔެ

އީރާނާ ދެކޮޅަށް އިސްވެ ހަނގުރާމަ ފެށުމަށްފަހު، އީރާނު މައިތިރި ނުކުރެވިގެން ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމެއް ހެދޭތޯ އެމެރިކާއިން އެކި ގޮތްގޮތުން އީރާނާ މުއާމަލާތް ކުރެވޭތޯ މަސައްކަތް ކުރަމުންދާކަން އެންމެނަށްވެސް އެނގެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ނޯންނާތީ އެމެރިކާއަށް ޖެހެނީ ތިންވަނަ ފަރާތެއް މެދުވެރިކޮށް އީރާނާ މުއާމަލާތް ކުރާށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އުމާނަކީ، އެމެރިކާއާއި އީރާނާ ދެމެދު ކުރެވޭ ހުރިހާ މުއާމަލާތެއްގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމެވެ. އެހެންވެ، އުމާން މެދުވެރިކޮށް އީރާނާ މުއާމަލާތް ކުރެވޭތޯ އެންމެ ފުރަތަމަ މަސައްކަތް ކުރީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއެވެ. ނަމަވެސް އީރާނުން އޭނާއަށް އެއްވެސް ޖަވާބެއް ނުދިނެވެ. ދެން އީރާނާ ގުޅީ ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއާއި، ފްރާންސްގެ ރައީސް އިމެނުއެލް މެކްރޮންއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެގެން އަދިވެސް އެތައް ގައުމަކުން އީރާނުގެ ރައީސަށާއި، ޚާރިޖީ ވަޒީރަށް ގުޅިއެވެ.

ފަހުން ގުޅި ފަރާތްތަކަށް އީރާނުން ދިން ޖަވާބުތަކުން އެނގޭގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހަދާކަށް އީރާނު އެއްވެސް ވަރަކަށް ޝައުގުވެރިއެއް ނުވެއެވެ. އީރާނު ގަބޫލުކުރާގޮތުގައި، އީރާނު ބޭނުންވާ ގޮތަށް ކަންކަން ކުރެވިގެންނޫނީ، މިފަހަރު އެއްވެސް އެއްބަސްވުމެއް ހެދުމެއް ނެތެވެ. ސަބަބަކީ، ކުރިން އެފަދަ އެއްބަސްވުންތައް ހެދުމުންވެސް އީރާނަށް ހަމަލާ ދީފައިވާތީއެވެ. ވީމާ، އީރާނަކަށް ދެންވެސް އެއްވެސް ޔަގީންކަމެއް ނެތެވެ.

އީރާނުން ބޭނުންވަނީ، އެމެރިކާ އަދި އިސްރާއީލުން ދެން ދުވަހަކުވެސް އީރާނަށް ހަމަލާ ނުދެވޭނޭ ގޮތް ހެދުމެވެ. އެމެރިކާއަކަށް އެކަމުގެ ޔަގީންކަމެއް ދެވޭނެ ކަމަކަށް އީރާނު ގަބޫލެއް ނުކުރެއެވެ.

އީރާނު ބޭނުންވާ ކަންކަމުގެ ތެރޭގައި، މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ ބޭސްތަކާއި، ސިފައިން މެދުއިރުމަތިން ބޭރުކުރުން ހިމެނެއެވެ. އީރާނަށް ހަމަލާދިނުމަށް ބޭނުންކުރާ ހުރިހާ ސާމާނަކާއި، އީރާނަށް ފާރަލުމަށް ބޭނުންކުރާ ހުރިހާ ސާމާނެއްވެސް މެދުއިރުމަތިން ބޭރުކުރުމަށް އީރާނު ބޭނުންވެއެވެ. އަރަބި ގައުމުތަކުން ބޭނުންވާނަމަ އަމިއްލަ ދިފާއުގެ ސަމާނު ހުރުމަކުން އީރާނުގެ މައްސަލައެއް ނެތެވެ.

ބައެއް ރިޕޯޓްތަކުގައި ބުނަނީ، އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި އީރާނަށް ލިބުނު ހުރިހާ ގެއްލުންތަކުގެ ބަދަލުވެސް ދޭން ޖެހޭނެކަމަށް އީރާނުން ހުށަހަޅާ ކަމަށެވެ. މިއީ، ހަގީގަތަކަށް ވާނޭކަމެއްކަމަށް ނުބެލެވެއެވެ. ނުވަތަ އެކަން ކުރަން އެމެރިކާއާއި އިސްރާއީލު އެއްބަސް ވެދާނޭ ކަމަށް ނުބެލެވެއެވެ.

މީގެއިތުރުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހަދާއިރު، މެދުއިރުމަތީގައި “އިސްރާއީލޭ” ކިޔާ ދައުތަލެއް އޮވެގެން ނުވާނޭ ކަމަށް އީރާނުން ބުނާ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. މެދުއިރުމަތީގައި ޖެހޭހާ މައްސަލައެއްގެ އަޑީގައި އޮންނަނީ އިސްރާއީލު ކަމަށް އީރާނުން ދެކެއެވެ.

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ވައިގެ ހަމަލާތައް ދޭންފެށީ، ފުރަތަމަ ކަމަކަށް އީރާނުގެ ވެރިކަން ވައްޓާލުމަށެވެ. ނަމަވެސް، އެކަމެއް ނުވިއެވެ. އެމެރިކާއާއި އިސްރާއީލު ހީކުރި ގޮތަށް އީރާނުގެ ރައްޔިތުން މަގުތަކަށް ނުނިކުތެވެ. ހަމަލާތައް ދޭންފެށި ދެވަނަ ސަބަބެއް ކަމަށް ބުނަމުންދިޔައީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ ތަންތަން ހަލާކުކޮށްލުމެވެ. ނަމަވެސް، އެމެރިކާއާއި އިސްރާއީލުން އީރާނުގެ ހުރިހާ ހިސާބަކަށް ގެންދަނީ ބޮންއަޅަމުންނެވެ. ސްކޫލްތަކަށާއި، ހޮސްޕިޓަލްތަކަށާއި، ކަރަންޓު ވިއުގަތަކަށާއި، ފެނުގެ ނިޒާމަށާއި، މާރުކޭޓުތަކަށާއި އާންމު ޚިދުމަތްދޭ ތަންތަނަށް ބޮންއަޅާން ފެށުމުން އެމެރިކާއާއި އިސްރާއީލުގެ މަގްސަދު އީރާނުގެ ރައްޔިތުންގެ އިތުރުން ދުނިޔެއަށްވެސް ހާމަވެގެންދިޔައެވެ. އެމެރިކާއާއި އިސްރާއީލު ބޭނުންވެގެން އުޅެނީ، އެމީހުން ބޭނުންހާގޮތެއް ނުހެދޭތީ މުޅި އީރާނު ސުންނާފަތިކޮށްލުންކަން ހާމަވެގެންދިޔައެވެ.

މި އުދުވާނީ ހަމަލާތަކަށް އީރާނު އޮތީ ވަރަށް ވަރުގަދައަށް ތައްޔާރުވެގެންނެވެ. ޚާއްސަކޮށް 2025 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އީރާނާއި އިސްރާއީލާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގައި ހެދުނު ގޯސްތައް ދިރާސާކޮށް އެކަން ތަކުރާރު ނުކުރުމަށް އީރާނުގެ އަސްކަރިއްޔާ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. އީރާނުގެ ވެރިރަށް ތެހެރާނާއި، އެހެން ރަށްތައް ދުޝްމަނުންގެ ހަމަލާތަކުން ދިފާއު ކުރުމަށް އެއަރ ޑިފެންސް ސިސްޓަމްތަކާއި، ހަނގުރާމައިގެ ޖެޓުތަކާއި، ހައިޕަރސޮނިކް ބެލިސްޓިކް މިސައިލާއި، ޑްރޯންތަކުގެ ސްޓޮކް ހޯދައި، އިތުރު ތަމްރީނުތައްވެސް ހެދިއެވެ. ކަނޑުގެ ސިފައިންގެ ގާބިލްކަން އިތުރަށް ވަރުގަދަ ކުރިއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕާއި، މުޖުރިމު ނަތަންޔާހޫ ހީކުރީ، އީރާނަށް ފުރަތަމަ ދުވަހު ދިން ވަރުގަދަ ހަމަލާތަކާއެކު އީރާނު އިނދަޖެހޭނޭ ކަމަށެވެ. އީރާނުގެ އަސްކަރީ ގާބިލްކަން ނެތި، މިސައިލް އުދުއްސުން ހުއްޓުމަކަށް ގެނެވޭނޭ ކަމަށެވެ.

އެކަމަކު، އީރާނުގެ ރައްދު ހަމަލާތައް އަދިވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވެ ވަރުގަދަވަމުންނެވެ. އީރާނުގެ ރައްދު ހަމަލާތަކުގައި މުޅި އިސްރާއީލު ސުންނާފަތިވެ، ދެން ސަލާމަތްނުވާ ހިސާބަށް ގޮސްފައިވާއިރު، ސަރަހައްދަށް އެމެރިކާއިން ޖަމާކުރި ހަނގުރާމައިގެ ބިޔަ ލަޝްކަރަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ނުވިތާކަށް، ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ ބޭސްތަކަށް އީރާނުން މިސައިލާއި ޑްރޯން ހަމަލާތައްދީ މިހާރުވަނީ ގާތްގަނޑަކަށް ނެތިކޮށްލާފައެވެ. ގިނަ ބޭސްތައް އީރާނުންވަނީ ގޮއްވާލާފައެވެ. ބައެއް ނަމަވެސް ސަލާމަތުން ހުރި ބޭސްތަކަށް އީރާނުން ގެންދަނީ އަދިވެސް ހަމަލާތައް ދެމުންނެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ބުނަނީ، މިއީ އައިއާރްޖީސީއަށް ލިބިގެންވާ ކުޅަދާނަކަމާއި، ގާބިލްކަމުގެ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. ރައްދު ހަމަލާތައް ދިނުމުގައި އީރާނުގައި ހުރި އެންމެ ފަހުގެ ޓެކްނޯލޮޖީގެ މިސައިލްތައް އަދިވެސް ބޭނުން ނުކުރާ ކަމަށް ބުނެއެވެ. ރެއަކަށްފަހު ރެއެއް، އީރާނުން ގެންދަނީ އެމެރިކާއާއި އިސްރާއީލާއި އަދި ހުޅަނގުވެސް ހައިރާންކޮށްލާފަދަ ޒާތްޒާތުގެ މިސައިލުން ދުޝްމަނުންނަށް ހަމަލާތައް ދެމުންނެވެ.

އެމެރިކާގެ ކަނޑުގެ ބިޔަ ލަޝްކަރުގެ އެތައް އުޅަނދަކަށް އީރާނުން ހަމަލާދީ ގޮއްވާލުމާއި، އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ އެތައް ސިފައިން މަރުވެ، އެތައްސަތޭކަ ސިފައިން ޒަޚަމްވެ، ހަތިޔާރުތައް ހަލާކުވެ އަދި އިސްރާއީލުގެ ދުވަސް ދުއްވާލަމުން ގެންދާތީ، އެމެރިކާގެ ރައީސް ޓްރަމްޕް މިހާރު އެ މަސައްކަތް ކުރަނީ އިސްރާއީލު ސަލާމަތް ކުރެވޭނެ ގޮތެއް ހޯދުމަށެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދާން މަސައްކަތް ކުރަނީ އެމެރިކާއަށް ގެއްލުމެއް ވާތީއެއް ނޫނެވެ.

ޓްރަމްޕް ކައިރީގައި ތިބި ތަޖުރިބާއެއްނެތް މުޝީރުން އޭނާއަށް ލަފާދިނީ “ވެނެޒުއެލާގެ ކަންތައް ނިންމާލިހާ ފަސޭހައިން” އީރާނުގެ ކަންތައްވެސް ނިންމާލެވޭ ކަމަށެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭންފެށި އުދުވާނީ ހަމަލާތައް ފުޅާވެ، އޭގެ އަސަރު ޚުދު އެމެރިކާއާއި، މެދުއިރުމައްޗަށާއި، ޔޫރަޕަށާއި އަދި މުޅި ދުނިޔެއަށް ކުރާނޭކަމަށް ޓްރަމްޕް ހިޔެއް ނުކުރެއެވެ. ހަނގުރާމައިގެ އިގްތިސާދީ ގެއްލުން އެހާ އަވަހަށް އެމެރިކާއަށްކޮށް އޭނާގެ ސަރުކާރު ޕްރެޝަރަށް ވެއްޓޭނޭ ކަމަށްވެސް އޭނާ ހިތަކަށް ނާރައެވެ.

ކިތަންމެ ވަރުގަދަ އަސްކަރިއްޔާއެއް އޮތަސް، އީރާނު ހުއްޓުވަން އެމެރިކާގެ ކުރެވޭނެ ހަމަ އެއްވެސް ކަމެއްނެތް ހިސާބަށް މިހާރު ކަންކަން ވަނީ ގޮސްފައެވެ. އަތުންފައިން ގޯހެއް ނުހެދި ސަލާމަތްވެވެން އޮތީ އީރާނާއެކު އެއްބަސްވުމެއް ހަދައިގެންކަމަށް ގަބޫލުކުރެވޭތީ ޓްރަމްޕް އެކަމަށް މަސައްކަތް ކުރަނީއެވެ.

އެކަމަކު، ހަނގުރާމަ ހުއްޓާލުމާއި، ހުއްޓާނުލުމުގެ ބާރު މިހާރު އޮތީ އީރާނުގެ އަތްމަތީގައެވެ. ހަނގުރާމައިގެ ކޮންޓްރޯލް އޮތީ އީރާނު އަތްމަތީގައެވެ. އެހެންވެ، އީރާނު ބޭނުންވަނީ ފުރުސަތުގެ ބޭނުންހިފައި އެމީހުން ބޭނުންވާ ހުރިހާކަމެއް ފުރިހަމަ ކުރުމަށެވެ. އީރާނުގެ ހުރިހާ ޑިމާންޑްތައް ފުރިހަމަ ކުރުމަށެވެ. ދެން ދުވަހަކުވެސް އީރާނާ ނުކުޅެވޭނެގޮތް ހެދުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ