ގދ. މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މަޝްރޫޢު ރަސްމީކޮށް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފްއެވެ.
މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ހަމީދާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު މުޙައްމަދު ޝަމީޒްއާއި، މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަންގެ އިތުރުން، ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށެވެ. އެއީ 400 ދުވަހުން މަސައްކަތް ނިންމާ ގޮތަށް 174.5 މިލިޔަން ރުފިޔާއަށެވެ.
އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން، 19.17 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1645 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިން ކޮންޓްރެކްޓްކޮށްފައިވާ 8.85 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، މަޑަވެލީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.


