އީރާނުން އަބޫ ދާބީއަށް ދިން ވަރުގަދަ ހަމަލާތަކާއެކު ޔޫއޭއީ “ސައިޒް” ވީތަ؟، މިހާރު ގޮވާލަނީ ސުލްހައަށް

ޚަބަރު ފަހުގެ ދުނިޔެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް – ޔޫއޭއީއަކީ އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކޮށްފައިވާ ގައުމެކެވެ. ޔޫއޭއީން އެކަން ކުރީ ޓްރަމްޕް ވެރިކަމަށް އައި ފުރަތަމަ ދައުރު ނިމެން އުޅެނިކޮށް 2020 ގައެވެ. އެއީ، އިގްތިސާދީ އަދި ދިފާއީ ޕެކޭޖްތަކުގެ ބަދަލަށް ކުރި ކަމެކެވެ. ސިޔާސީ ގުޅުން ގާއިމްކުރުމަށްފަހު ޔޫއޭއީއާއި އިސްރާއީލުންވަނީ ގުޅުންތައް ވަރަށް ބޮޑަށް ބަދަހިކޮށްފައެވެ. ވަރަށް ގިނަ ދާއިރާތަކުން މުއާހަދާތަކާއި، އެއްބަސްވުންތައް ހަދާފައި ވެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން އުޅޭތީ، އަތުވެދާނެ ނުރައްކާތަކަށް އެންމެ ބޮޑަށް ތައްޔާރުވީވެސް ޔޫއޭއީންނެވެ. އެންމެ ގިނަ ހަތިޔާރާއި، ދިފާއީ ސާމާނު ހޯދައި ޖަމާކޮށް ތައްޔާރުވީވެސް ޔޫއޭއީންނެވެ. އޭގެ ސަބަބު ޔޫއޭއީއަށްވެސް އެނގިފައި އޮތީމާ ކަމަށްވެސް ވެދާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ގަލްފް ސަރަހައްދުގައި ގާއިމްކޮށްފައިވާ އެމެރިކާގެ ކޮންމެ އަސްކަރީ ބޭހަކީ އިސްރާއީލުވެސް ބޭނުންކުރާ ބޭސްތަކެވެ. އެ ގައުމުތަކާ އިސްރާއީލާ ސިޔާސީ ގުޅުން އޮތަސް ނުވަތަ ނެތަސްވެސް މެއެވެ.

އެމެރިކާގެ އަސްކަރީ ބޭސްތައް ގާއިމްކޮށްފައިވާ ގަލްފްގެ އެއްވެސް ގައުމަކީ އެމެރިކާއާ ދެކޮޅަށް ބަހެއް ބުނުމުގެ އިޚްތިޔާރު އޮންނަ ގައުމުތަކެއް ނޫނެވެ. ކަން ކުރަންޖެހެނީ އެމެރިކާ އަންގާ ގޮތަށެވެ. އެމެރިކާއިން ނިންމާ ކަމަކާ ދެކޮޅަށް ޗުއްޕު ބުނުމުގެ ފުރުސަތުވެސް އެއިން ގައުމަކަށް ނޯވެއެވެ.

އިސްރާއީލާއި ޔޫއޭއީ ސިޔާސީ ގުޅުން ގާއިމްކޮށްފައިވާތީ، ޔޫއޭއީގައި އިސްރާއީލުގެ އަސްކަރީ ހަރަކާތްތައް ވަރަށް ފުޅާކޮށް އޮވެއެވެ. ޔޫއޭއީގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތައް ބޭނުން ކުރުމުގެ އިތުރުން، އިސްރާއީލާއި ޔޫއޭއީންވެސް ގެންދަނީ އަމިއްލަ އަސްކަރީ ބޭހެއް ބިނާކުރަމުންނެވެ. އެ  ބޭސް ހަދަމުންދަނީ ޔޫއޭއީ – ސައުދީ އިމުގެ ސަރަހައްދުގައެވެ. އިސްރާއީލުގެ ޖާސޫސީ މަރުކަޒުތައް ޔޫއޭއީގައި ގާއިމްކޮށްފައި ވެއެވެ. އިސްރާއީލުން ދީފައިވާ އެންމެ ޒަމާނީ އެއަރ ޑިފެންސް ސިސްޓަމްތައް ޔޫއޭއީގައި ގާއިމްކޮށްފައި ވެއެވެ. އީރާނުން ދީފާނޭ ރައްދު ހަމަލާތަކުން ޔޫއޭއީ ދިފާއުކުރަން އެންމެ ގިނަ ސާމާނު ދިނީވެސް އިސްރާއީލުންނެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް އުދުވާނީ ހަމަލާތައް ދިނުމަށް އެންމެ ބޮޑަށް ބޭނުންކުރަމުންދާ އެއް ތަނަކީ، އަބޫ ދާބީ ކައިރީގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސް ކަމަށްވާ އައް ދަފްރާ އެއަރބޭސްއެވެ. އެއ ބޭހަކީ އެމެރިކާ ސިފައިން ގަލްފް ސަރަހައްދުގައި ވައިގެ އޮޕަރޭޝަންތައް ހިންގުމާއި، ސަވެއިލެންސާއި އަދި ސަރަހައްދުގެ ރިފިއުލިންގއަށް ބޭނުންކުރާ އެންމެ މުހިންމު ތަންވެސް މެއެވެ. އެތާނގައި އެމެރިކާގެ 5،000 ސިފައިން ދިރިއުޅެމުން ގެންދިޔައެވެ.

އައް ދަފްރާ އެއަރބޭސްގެ އިތުރުން، ޔޫއޭއީގެ ޖަބަލް އަލީ ޕޯޓަކީ މެދުއިރުމަތީގައި އޮންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ އެންމެބޮޑު ބަނދަރެވެ. އީރާނުގެ ރައްދު ހަމަލާތައް ޔޫއޭއީއަށް ވަރުގަދައަށް އަމާޒުވާންފެށީ އީރާނަށް ހަމަލާތައް ދިނުމަށް މިތަންތަން ބޭނުންކުރާތީއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް އުދުވާނު ފަށަން ގާތްވަމުން ދިޔަވަގުތު، އީރާނަށް ހަމަލާދޭން އެއްގަމާއި، ކަނޑާއި އަދި ވައިގެ ސަރަހައްދުވެސް ބޭނުން ކުރުމުގެ ފުރުސަތު ނުދޭނޭ ކަމަށް، އެމެރިކާގެ އަސްކަރީ އަދި ނާވަލް ބޭސްތައް ގާއިމްކޮށްފައިވާ ހުރިހާ ގައުމަކުންވެސް ބުނެފައި ވެއެވެ. ނަމަވެސް، އެއީ އެ ގައުމުތަކުގެ ރައްޔިތުންނާއި މުސްލިމުން ރުއްސަން ދެއްކި ވާހަކަތަކެއްކަން ފަހުންވަނީ ހާމަވެގެން ގޮސްފައެވެ. ހެދީ ހުސް ދޮގެވެ.

ޔޫއޭއީގެ އިތުރުން، ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބޭސްތައް ގާއިމްކޮށްފައިވާ ގައުމުތަކަކީ؛ ގަތަރު، ބަހްރެއިން، ސައުދީ އަރަބިއްޔާ، ކުވައިތު، އުރުދުން، އުމާން، އިރާގު އަދި ސޫރިޔާއެވެ.  އީރާނަށް ހަމަލާދޭން މިހުރިހާ ބޭސްތައް އެމެރިކާއާއި އިސްރާއީލު ސިފައިން ބޭނުންކުރަމުން ދެއެވެ. އީރާނުގެ ރައްދު ހަމަލާތަކުގައި ބައެއް ބޭސްތައް އެއްކޮށް ހަލާކުކޮށްލާފައި ވާއިރު، ބައެއް ބޭސްތަކަށް ބޮޑެތި އެތައް ގެއްލުންތަކެއް ވަނީ ދީފައެވެ. އީރާނުން އަދިވެސް ގެންދަނީ ބައެއް އަސްކަރީ ބޭސްތަކަށް ހަމަލާތައް އަމާޒުކުރަމުންނެވެ. އަދި އެމެރިކާ ސިފައިން ބޭސްތައް ދޫކޮށް ހިޔާމަތް ހޯދައިގެން އެ ގައުމުތަކުގެ ރަށުތެރޭގައި ތިބި ތަންތަން ހޯދައި އެ ތަންތަނަށްވެސް އީރާނުން މިހާރުވަނީ ހަމަލާތައް ދޭން ފަށާފައެވެ. އޭގެ ތެރޭގައި ޔޫއޭއީގެ ތަންތަންވެސް ހިމެނެއެވެ.

އީރާނުން ކުރިންވެސް ވަރަށް ސާފުކޮށް ބުނަމުންދިޔައީ، އީރާނުގެ ތެލާއި ގޭހުގެ ތާކަށް ނުވަތަ އެހެން ސިނާއަތަކަށް ހަމަލާދޭން ބޯޓުތައް އުދުހިގެން އަންނަ ދިމާއެއް، ނުވަތަ މިސައިލް ފޮނުވާލާ ދިމާއެއް ދެނެގަނެ ސީދާ އެތާކަށް ރައްދު ހަމަލާ ދޭނޭ ކަމަށެވެ. އީރާނުން ބުނިގޮތަށް އެކަން ކުރަމުންވެސް ގެންދެއެވެ.

އީރާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލައި، ހަނަގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމުގެ ވާހަކަ ދެކެވޭން ފެށުމާއެކު، މުޖުރިމު ނަތަންޔާހޫއަކަށް ފުކެއް ދޫނުކޮށް އެފަދަ އެއްބަސްވުމެއް ހެދުމާ ޔޫއޭއީންވެސް ދެކޮޅުހެދި ކަމުގެ ރިޕޯޓްތައް ފެތުރިގެންދިޔައެވެ. ނުވިތާކަށް ޔޫއޭއީން އިސްރާއީލާއި އެމެރިކާގެ ކިބައިން ތަކުރާރުކޮށް އެދެމުންދިޔައީ އީރާނު “ފުނޑާލުމަށް” ކަމަށް ވެއެވެ. އީރާނަށް ލިބިފައިވާ ހުރިހާ އަސްކަރީ ގާބިލްކަމެއް ނެތިކޮށްލުމަށް ޔޫއޭއީން އެދެމުންދިޔަ ކަމަށް ވެއެވެ. އެއީ، ކުރިންވެސް އޮތް ޒާތީ ހަސަދައިގެ ބޮޑުކަމުންނެވެ. ނުވިތާކަށް، އެމެރިކާ ސިފައިން އީރާނުގެ ޚަރްޖް އައިލެންޑާއި، ހޮރްމޫޒު ހިފަންދޭ ހަމަލާތަކުގައި ޔޫއޭއީގެ ސިފައިން ބައިވެރިވާނެ ކަމަށްވެސް ޚަބަރުތައް ފެތުރެމުން ގޮސްފައި ވެއެވެ.

އީރާނުގައި ހުންނަ އެންމެ ބޮޑުދެ ސްޓީލް ޕްލާންޓަށް އެމެރިކާއާއި އިސްރާއީލުން އިއްޔެރޭ ބޮންއަޅައި ހަލާކުކޮށްލިއެވެ. އެދެ ޕްލާންޓަކީ އިސްފަހާންގެ މުބާރަކީ ސްޓީލްއާއި، ޚުޒެސްތާން ސްޓީލްއެވެ. އިސްފަހާންގައި ހުންނަ ޕްލާންޓަކީ މުޅި މެދުއިރުމަތީގައިވެސް ހުންނަ އެންމެބޮޑު ސްޓީލް ޕްލާންޓެވެ. އެ ޕްލާންޓުތަކަށް ބޮންއެޅުމުން، އީރާނުން ބެލީ ބޮންއެޅި ބޯޓުތައް އައީ ކޮން ދިމާއަކުންތޯއެވެ. ބެލިއިރު އެނގުނީ ދުޝްމަނުންގެ ބޯޓުތައް އައީ ޔޫއޭއީންނާއި ބަހްރެއިނުން ކަމެވެ. ބަހްރެއިންގެ ސްޓީލް ފެކްޓަރީއަށް އީރާނުން ރޭގައި މިސައިލް ހަމަލާތައް ދިންއިރު، އަބޫ ދާބީ އިކޮނޮމިކް ޒޯންގައި ހުންނަ ޔޫއޭއީގެ އެންމެބޮޑު އެލުމިނިއަން ޕްލާންޓަށާއި، ޔޫއޭއީގެ އިންފްރާސްޓްރަކްޗަރއަށް އީރާނުން އިއްޔެ ވަރުގަދަ ހަމަލާތަކެއްދީފައި ވެއެވެ.

މިއާއެކު ހުރިހާކަމެއް ބަދަލުވެގެން ހިނގައްޖެއެވެ. އީރާނާ ވާހަކަ ދެއްކިޔަސް ދޫނުދިނުމަށާއި، އަދި އީރާނު “ފުނޑާލަން” ގޮވާލަމުންދިޔަ ޔޫއޭއީން ފުރަތަމަ ފަހަރަށް މިވަނީ އީރާނުގެ މައްސަލާގައި އެހެންގޮތަކަށް ވިސްނަން އެދޭކަން ހާމަކޮށްފައެވެ. ޔޫއޭއީން މިހާރު ބުނަމުންދަނީ މައްސަލައަށް ސިޔާސީ ހައްލެއް ހޯދަންޖެހޭ ކަމަށެވެ. އެއީ ސަރަހައްދުގެ ސަލާމަތަށްޓަކައި ކަމަށް ބުނެއެވެ.

މި ވާހަކަތައް މިގޮތަށް ދެއްކުމުގެ ކުރީގައި އީރާނާ ދެކޮޅަށް ހަނގުރާމަކުރަން ޔޫއޭއީ ނުކުމެދާނެކަމުގެ ރިޕޯޓްތައްވެސް ފެތުރިގެންދިޔައެވެ. އެއީ، އީނުންދޭ ހަމަލާތަކަށް “ކެތްނުކުރެވިގެން” ނެވެ. ޔޫއޭއީގެ އިތުރުން، ގަލްފްގެ އެހެން ގައުމުތަކެއްވެސް އެމެރިކާ އަދި އިސްރާއީލާ ބައިވެރިވެ އީރާނާ ދެކޮޅަށް ހަނގުރާމައަށް ނުކުންނަން އުޅޭކަމަށް ވާހަކަތައް ފެތުރިގެންދިޔައެވެ.

އެމެރިކާއާއި އިސްރާއީލުން އެތައް ޕްރެޝަރެއް ކުރިމަތިކުރަމުންދިޔަ ނަމަވެސް، އީރާނާ ދެކޮޅަށް ހަނގުރާމައަށް ނުކުންނަން ގަލްފްގެ ގައުމުތަކަށް ކެރިދާނެބާވައޭ ސުވާލު އުފެދެއެވެ. އަބޫ ދާބީގެ އިކޮނޮމިކް ޒޯނަށް އީރާނުން ދިން ހަމަލާގެ ވަރުގަދަކަމާއި، ގެއްލުންތައް ބޮޑުކަމުން އެމެރިކާއާއި އަދި ވަކީން ޚާއްސަކޮށް އިސްރާއީލުން ނުހަނު އެހީވަމުންދިޔަ ޔޫއޭއީ “ސައިޒް” ވެގެންދިޔައިރު، ގަލްފްގެ އެހެން ގައުމުތަކުގެ ހާލެއް ނޭނގެއެވެ. އީރާނުގެ ބާރު އެ ގައުމުތަކަށް މިހާރު ފެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ