ފަތުރުވެރިކަމުގެ ދާއިރާގެ ފުރަތަމަ އެހީގެ ތަމްރީން ޕްރޮގްރާމް އިފްތިތާޙްކޮށްފި

ޚަބަރު ފަހުގެ

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ ސައިރިކްސް ކޮލެޖްގައި ފެށި މި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 23 ބައިވެރިން ބައިވެރިވާކަމަށެވެ.  މި ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ސިއްހީ ވުޒާރާ އަދި ފަތުރުވެރިކަމާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ޖުމްލަ 130 މީހުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި މީގެތެރެއިން ހޮވާލެވޭ ބައިވެރިންނަށް އިތުރު ތަމްރީންދީ ފުރަތަމަ އެހީ ޕްރޮގްރާމް ހިންގާނެ ޓްރެއިނަރުންގެ ގޮތުގައި ނެރުމަށް ހަމަޖެހިފައިވާކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒް ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމްގެ އަލީގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ސިއްހީ ފުރަތަމަ އެހީ ދިނުމަށާއި ސީޕީއާރު ދިނުމަށް ތަމްރީން ކުރުމުން ދިވެހި ރާއްޖޭއަކީ ފަތުރުވެރިންނަށް އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތަކެއް ލިބޭނެކަން ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން ސިއްހީ ކުއްލި ހާލަތްތަކުގައި އިޖާބަދިނުން އަވަސްވެ ފަރުވާ ބޭނުންވާ މީހާގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެކަން ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހާގަ ކުރެއްވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ ޤާބިލުކަން އިތުރު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ހިންގާ މި ޕްރޮގްރާމްގެ ބައިވެރިންނަށް ތަމްރީންދޭނީ ދިވެހި ރެޑް ކްރެސެންޓްގެ ފަންނީ ބޭފުޅުން ނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އެކު ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ތާރިޤު ގެންދަވަނީ ފަތުރުވެރިކަމުގެ ދައީރާއާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭ ގިނަ ސިޔާސަތުތަކެއް އެކަށައަޅުއްވަމުން ނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ