އީރާންގެ ކޮންޓްރޯލް އޮންނަ ގޮތަށް ހޮރްމޫޒު ކަނޑުއޮޅި ރެގިއުލޭޓް ކުރުމަށް އުސޫލުތަކެއް ކަނޑައެޅުމާއި އެ ކަނޑުއޮޅި ހުރަސްކުރާ ތެޔޮ ޓޭންކަރުތަކާއި، ކޮންޓެއިނަރ އުފުލާ އާގުބޯޓުތަކުން ފީއެއް ނެގުމުގެ ނުކުތާ، އެމެރިކާއާއި ވާހަކަ ދައްކަން އީރާނުން ފުރަތަމަ ހުށަހެޅި 10 ނުކުތާގެ ތެރޭގައިވެސް ހިމެނެއެވެ.
އެކަމާ ގުޅޭގޮތުން އީރާނުގެ އެކިއެކި މަސްއޫލުވެރިން މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ފަހުން ދެއްވި ތަފްސީލްތަކުގައި ވިދާޅުވެފައިވަނީ، ހޮރްމޫޒު ކަނޑުއޮޅިން ނަގާ ފީން ބައެއް، އުމާނަށްވެސް ދެވޭނޭ ކަމަށާއި، އަދި ހަނގުރާމައިގައި އީރާނަށް ލިބުނު ގެއްލުންތަކުން އީރާނު އަލުން ބިނާކުރުމަށްވެސް ހޮރްމޫޒުން ނެގޭ ފީ ބޭނުން ކުރެވޭނޭ ކަމަށެވެ. އީރާނުން ހުށަހަޅާފައިވަނީ ހޮރްމޫޒުން ހުރަސްކުރާ ތެޔޮ ޓޭންކަރުތަކުން ގެންދާ ކޮންމެ ތެޔޮ ފީފާއަކުން އެއްޑޮލަރުގެ ފީއެއް ނެގުމަށެވެ.
ހޮރްމޫޒު ކަނޑުއޮޅިން ފީ ނެގުމާ ގުޅޭގޮތުން އީރާނުން ހުށަހެޅި 10 ނުކުތާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ގަބޫލު ކުރިއެވެ. ދާއިމީ ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް އީރާނާއި އެމެރިކާއިން ވާހަކަ ދައްކަން މަގުފަހި ކުރުމަށްޓަކައި ދެ ހަފްތާއަށް ހަނގުރާމަ ހުއްޓާލަން ނިންމައި އެކަން ޓްރަމްޕް އިއުލާންކުރީ އީރާނުގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށެވެ. ޓްރަމްޕް ބުނެފައިވަނީ، އީރާނުން ހުށަހަޅާފައިވާ ކަންތައްތަކަކީ “ވާހަކަ ދެއްކިދާނެ” ކަންތައްތަކެއް ކަމަށާއި، ވާހަކަ ދައްކައިގެން ދެފަރާތަކަށް ހައްލުތައް ހޯދިދާނެ ކަންތައްތަކެއް ކަމަށެވެ.
އީރާނާ ވާހަކަ ދައްކަން ޓްރަމްޕް އެއްބަސްވީ އީރާނުން ހުށަހެޅި 10 ނުކުތާގެ މައްޗަށް އެއްބަސްވެ ކަމަށާއި، އެމެރިކާއިން ކުރިން ހުށަހަޅާފައިވާ 15 ނުކުތާއަށް ނޫންކަމަށާއި، އެމެރިކާއިން އީރާނަށް ދޫދީފި ކަމަށް ބުނެ މީޑިއާއިން ވާހަކަ ދައްކަން ފެށުމުން އެމެރިކާ ސަރުކާރަށް ފަހުން ޖެހުނީ، އެކަން ދިފާއު ކުރާށެވެ.
ވައިޓް ހައުސްގައި ފަހުން ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިޔަކު ޓްރަމްޕާ ސުވާލު ކުރީ، ހޮރްމޫޒު ހުރަސްކުރާ އުޅަނދުތަކުން ފީއެއް ނަގަން އީރާނުން ނިންމައިފި ކަމަށާއި، އެކަމަށް ބުނާނީ ކީކޭތޯއެވެ. ޖަވާބުގައި ޓްރަމްޕް ބުނީ، އެހެން ފަރާތްތަކާއި، އީރާނާ ގުޅިގެން ހިންގާ ޕްރޮޖެކްޓެއްގެ ދަށުން ހޮރްމޫޒުން ފީ ނެގިދާނެ ކަމަށެވެ. އެހެން ފަރާތްތަކުގެ ގޮތުގައި މާނަކުރީ އެމެރިކާއާއި އީރާނާ ގުޅިގެން ހަދާ “ޖޮއިންޓް ވެންޗަރ” އެއްގެ ދަށުން ހޮރްމޫޒުން ފީ ނެގުމާއި، ހޮރްމޫޒު މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. ޓްރަމްޕް ބުނީ އެއީ، ހޮރްމޫޒުން ދަތުރުކުރާ ބޯޓުފަހަރުގެ ހިމާޔަތާއި ރައްކާތެރި ކަމަށްވެސް މުހިންމު ކަމެއް ކަމަށެވެ.
އެކަމަކު، ހޮރްމޫޒުގެ ކަންކަން ބެލެހެއްޓުމުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް އޮންނާކަށް އީރާނު ބޭނުމެއް ނުވެއެވެ. ހޮރްމޫޒު ކަނޑުއޮޅި އެއް ފަރާތުން އޮންނަނީ އީރާނުގެ އައްސޭރިއަށެވެ. ކަނޑުއޮޅީގެ ބޮޑު ބަޔަކީ ޝަރުއީގޮތުން އީރާނުގެ ކަނޑުގެ ސަރަހައްދަށް ވާގޮތަށެވެ. ހޮރްމޫޒުގެ އަނެއްފަޅި އޮންނަނީ އުމާންގެ އައްސޭރިފަށަށް ވާގޮތަށެވެ. ވީމާ، އެތަނުގެ ކަންކަމާ ބެހެން އެމެރިކާ އުޅެންޖެހޭ ސަބަބެއް ނެތްކަމަށް އީރާނުން ބުނެއެވެ.
ހޮރްމޫޒު ކަނޑުއޮޅިން ފީ ނަގަން އީރާނުން އުޅޭ މައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އެމެރިކާ ސަރުކާރު ސީރިއަސްވީ އޭގެފަހުން ހިނގައިދިޔަ ކަންތަކަށް ފަހުގައެވެ. މީޑިއާއިން އެ ވާހަކަ ދައްކައި އަދި އެމެރިކާގެ ބޮޑެތި ތެޔޮ ކުންފުނިތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރާން ފެށުމުންނެވެ. އެމެރިކާގެ ތެޔޮ ކުންފުނިތަކުން ބުނީ، ފީ ނަގަންޏާ، ހޮރްމޫޒުން ތެޔޮ ޝިޕްމަންޓެއް ހުރަސްކުރުމަށާއި، އިންޝުއަރެންސުން 2.5 މިލިއަން ޑޮލަރު އަގުބޮޑު ވެގެންދާނޭ ކަމަށާއި، އޭގެ އަސަރުކުރާނީ ތެޔޮ ގަންނަ ފަރާތްތަކަށް ކަމަށެވެ.
ޓްރަމްޕް ބުނެފައިވަނީ، އީރާނުން ކުރާން މިއުޅެނީ ވަރަށް ދެރަވަރު ކަމެއް ކަމަށާއި، އެއީ، އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވެފައިވާ ކަމެއް ނޫން ކަމަށެވެ. އަނެއްކާވެސް ޓްރަމްޕް މިވަނީ، އީރާނުގެ ހުށަހެޅުމާ ދެކޮޅު ހަދާފައެވެ.
ހަނގުރާމައިގެ ކުރިން، ހޮރްމޫޒުން ފީއެއް ނުނަގައި ޓޭންކަރުތަކާއި އާގުބޯޓުފަހަރު ހޮރްމޫޒު މިނިވަން ކަމާއެކު ދަތުރުކޮށް އުޅުނެވެ. އެކަން ހުއްޓުވަން މަޖުބޫރު ކުރީ އެމެރިކާއިންނެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ގައިރުގާނޫނީ ހަނގުރާމައެއް ފެށުމުންނެވެ. ހޮރްމޫޒުން މިހާރުވެސް ދުވާލެއްގެ މައްޗަށް 15 ވަރަކަށް ބޯޓު ހުރަސްކުރެއެވެ. އެއީ، ފީ ކުރިން ދައްކައި އަދި އީރާނުގެ ސަލާމަތީ ބާރުތަކާ ހުރިހާ މައުލޫމާތެއް ހިއްސާކުރާ ބޯޓުފަހަރެވެ.
އެމެރިކާއާއި އީރާނާ ދެމެދު ބާއްވަން ހަމަޖެހިފައިވާ ވާހަކަތައް ނުބޭއްވި ނާކާމިޔާބުވިޔަސް އެއީވެސް އެމެރިކާގެ ފަރާތުން ދިމާވާނޭ ކަމެކެވެ. އެއީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާނު ހިމަނަން އީރާނުން ހުށަހަޅައި އަދި އެކަމަށް އެއްބަސްވުމަށްފަހު ޓްރަމްޕް ފަހުން އޭނާގެ ނިންމުން ބަދަލުކުރުމުންނެވެ. ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ނުހުއްޓާނަމަ ވާހަކަތަކަށް ނުދާނޭ ކަމަށް އީރާނުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އީރާނަށް ހަމަލާދޭން އެމެރިކާއިން ނިންމީ އީރާނުގެ ތެލުގެ ބޭނުމުގައި ކަމަށް ޚުދު ޓްރަމްޕް ބުނެފައި ވެއެވެ. އީރާނުގެ ޚަރްޖް އައިލެންޑް ހިފަން އުޅުނީ އެބޭނުމުގައެވެ. ނަމަވެސް އެކަމެއް ނުވިއެވެ.
ހޮރްމޫޒު ކަނޑުއޮޅިއަކީ އެމެރިކާއިން އެއްވެސް ބޭނުމެއްކުރާ ކަނޑުއޮޅިއެއް ނޫން ކަމަށާއި، އީރާނުން އެ ކަނޑުއޮޅި ކޮންޓްރޯލް ކުރިޔަސް ފަރުވާލެއް ނެތްކަމަށް އެތައް ފަހަރަކު ބުނުމަށްފަހު ދެން ދިމާކުރީ އެ ކަނޑުއޮޅިވެސް ހިފާށެވެ. އެކަންވެސް ކުރާކަމަށް ނުކެރުނެވެ. ދެން އުޅުނީ އީރާނުން ފީއެއް ނަގާ ވާހަކަ ބުނުމުން އޭގެންވެސް އެމެރިކާއަށް ބައިއަޅާގޮތަށް ހެދުމަށެވެ. އީރާނުން އެޔަށްވެސް ނޫނެކޭ ބުނީމާ މިހާރު އަނެއްކާވެސް ދަނީ އީރާނަށް އިންޒާރުދީ ބިރުދައްކަމުންނެވެ. ސަރަހައްދުގައި އޮތް އެމެރިކާގެ ލަޝްކަރުތައް އިތުރަށް ވަރުގަދަކޮށް އީރާނަށް އަލުން ހަމަލާދޭން ތައްޔާރުވަމުންނެވެ.
ޕާކިސްތާނުގައި ބާއްވަން އުޅޭ ވާހަކަތަކުން އެއްވެސް ނަތީޖާއެއް ނުކުންނާނެ ކަމުގެ އުންމީދު ގެއްލުނީ އީރާނުގެ ހުށަހެޅުންތައް “ޑަސްބިނަށް ލާފައިވާކަމަށް” ވައިޓްހައުސްއިން އިއްޔެ ބުނުމުންނެވެ.



