އެމެރިކާގެ މީޑިއާ ވަސީލަތަކުން ކުރި ސުވާލަކަށް ޖަވާބުދެމުން “ހަނގުރާމަ ނިމިއްޖެ” ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވާތީ، މަސްރަހް ދިރާސާކުރާ ފަރާތްތަކުންނާއި، މުހައްލިލުންނާއި، ތަޖުރިބާކާރުންނާއި، ނޫސްވެރިންވެސް ޓްރަމްޕް އެ ބުނި ބަހުގެ މުރާދާ ބެހޭގޮތުން ބަހުސް ކުރަމުން އެބަ ގެންދެއެވެ.
“ހަނގުރާމަ ނިމިއްޖެ” ކަމަށް ބުނެފައި ޓްރަމްޕް ދެން ބުނީ، ދެދުވަހެއްގެ ތެރޭގައި ޕާކިސްތާނުގައި އަލުން ވާހަކަތައް ފެށިދާނޭ ކަމަށެވެ.
އެއިން ދޭހަކޮށްދޭ އެއް މާނައަކީ އީރާނާއި އެމެރިކާއާ ދެމެދު ދެވަނަ ބުރެއްގެ ވާހަކަތައް ބާއްވަން ތައްޔާރުވަމުންދާ ކަމެވެ. އަދި ވާހަކަތަކަށް ދާއިރުވެސް އެމެރިކާއިން ކަންތައްތަކެއް ކުރިން ނިންމައިގެންދާނޭ ކަމެވެ. އީރާނާއެކު އެއްބަސްވުމެއް ހެދޭނޭ ކަމުގެ ޔަގީންކަން ޓްރަމްޕަށް އޮތްކަން، އޭނާ ބުނިބަހުން ދޭހަވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު އީރާނާއި އެމެރިކާއާ ދެމެދު އިސްލާމްއާބާދުގައި ބޭއްވި 21 ގަޑިއިރުގެ ވާހަކަތައް ނާކާމިޔާބުވީ އެމެރިކާގެ ސަބަބުންކަން އެންމެނަށްވެސް މިހާރު ގަބޫލު ކުރެވެއެވެ. އެއީ، އެއްބަސްވުމެއް ހެދުމަށްޓަކައި ވާހަކަ ދައްކަން އީރާނުން ހުށަހެޅި 10 ނުކުތާއަށް އެމެރިކާގެ ރައީސް އެއްބަސްވުމަށްފަހު، ވާހަކަތަކަށް ނައިބް ރައީސް ޖޭޑީ ވެންސް އައިސް މޭޒުދޮށުގައި އިށީނދެ އީރާނުގެ ހުށަހެޅުން ގަބޫލު ނުކުރާކަމަށް ބުނުމުންނެވެ. ޓްރަމްޕް ފުރަތަމަ ބުނީވެސް، އީރާނުން ހުށަހެޅި ނުކުތާތަކަކީ ދެފަރާތުން “ވާހަކަ ދެއްކިދާނެ” ނުކުތާތަކެއް ކަމަށެވެ. އެކަމަކު، ފަހުން ޓްރަމްޕްވެސް އެކަމަށް އެއްބަހެއް ނުވިއެވެ.
އެމެރިކާއިން ވާހަކަތަކަށް އައީ އިޚްލާސްތެރި ހިތަކާއިގެން ނޫންކަން ހާމަވެގެންދިޔައީ، ވަފުދުގެ ވެރިޔަކަށް އައި ޖޭޑީ ވެންސްއާއެކު ދެން ފޮނުވި ދެމީހުންނަކީ، އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެންމެ ބޮޑަށް ބާރުއެޅި ދެ ޒަޔަނިސްޓުންނަށް ވުމެވެ. އެދެމީހުން ދިޔައީ ކެނޑިނޭޅި ވާހަކަތަކުގެ އަޕްޑޭޓް މުޖުރިމު ނަތަންޔާހޫއަށް ދެމުންނެވެ. ނުވިތާކަށް، އެމެރިކާ ވަފުދުގެ ވެރިޔާ، ނައިބް ރައީސް ޖޭޑީ ވެންސް އިސްލާމްއާބާދުގައި ހުއްޓައި ނަތަންޔާހޫވެސް އޭނާއާ ފޯނުން ގުޅައި ވާހަކަ ދެއްކިކަން ހާމަވެފައިވުމުން، ކަންތައް ވެގެންދިޔައީ އީރާނުގެ ވެރިން ވިދާޅުވި ގޮތަށެވެ.
އެމެރިކާއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވާހަކަ ދައްކަން އައީ އިސްރާއީލުގެ އެޖެންޑާއާ އެކުގައެވެ. އެމެރިކާގެ އެޖެންޑާއެއް އޭގައި ނެތެވެ. އިސްރާއީލުގެ އެޖެންޑާއަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ރޫޅާލައި، އީރާނުގައި ފައްކާކޮށްފައި ހުރި ޔޫރޭނިއަމް އަތުލައި އަދި އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމްވެސް ނެތިކޮށްލައި، އަސްކަރީގޮތުން އީރާނު ކުޑަކަކޫމައްޗަށް ތިރިކޮށްލުމެވެ. އެއީ ސަރަހައްދުގައި އޮތް “އިސްރާއީލު ބުނާބަސްނާހާ” ހަމައެކަނި ގައުމަކީ އީރާނު ކަމަށް ވުމުންނާއި، އީރާނުގެ ފަރާތުން އިސްރާއީލަށް ނުރައްކާ އޮތްކަމަށް ދެކިގެންނެވެ.
2025 ވަނަ އަހަރު އެމެރިކާއާއި އީރާނާ ދެމެދު ބާއްވަމުންދިޔަ ސުލްހައިގެ ވާހަތަކުގެ މެދުތެރެއިން އިސްރާއީލުން ކުއްލިއަކަށް އީރާނަށް ބޮންއަޅަން ފެށީވެސް އީރާނާއި އެމެރިކާއިން އެއްބަސްވުމެއް ހަދާފާނެތީ އެކަމަށް ހުރަސްއަޅަން ވެގެންނެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއަށް ބިރުދައްކައި، އެމެރިކާ ސިފައިންގެ ބައިވެރިވުމާއެކު އިސްރާއީލުން އީރާނަށް ބޮންއަޅަން ފެށީ އެއްބަސްވުމެއްގެ ދެލިކޮޕީވެސް އެކުލަވާލެވިފައި ވަނިކޮށެވެ.
ޖެނީވާގައި ބޭއްވި ވާހަކަތަކުގެ އެންމެ ފަހު މަރުހަލާގައި، އީރާނުގައި ފައްކާކޮށްފައި ހުރި ޔޫރޭނިއަމް، ބައިނަލްއަގްވާމީ އޮބްޒާވަރުންގެ ބެލުމުގެދަށުން އެއްކޮށް ޑައިލޫޓްކޮށްލަން އީރާނުން ހުށަހެޅިއެވެ. އޭގެ މާނައަކީ ބޭނުން ނުކުރެވޭވަރު ކޮށްލުމެވެ. އެކަމަކު، އެއިން އެއްވެސް ކަމެއް ގަބޫލުނުކޮށް އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައި، އެތައްސަތޭކަ އާންމުން މަރައި އީރާނަށް ބޮޑެތި ގެއްލުންތައް ދިނުމަށްފަހު އަނެއްކާވެސް ދައްކަންފެށީ ޔޫރޭނިއަމްގެ ވާހަކައެވެ. ނިއުކްލިއަރ ޕްރޮގްރާމްގެ ވާހަކައެވެ. އެހެންވެ، އެމެރިކާއާއި އިސްރާއީލުން ހަގީގަތުގައި ބޭނުންވެގެން އުޅެނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ރޫޅާލަން ނުވަތަ ޔޫރޭނިއަމް އަތުލަން ކަމާމެދުވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ.
އިސްލާމްއާބާދަށް އެމެރިކާ ގެންގޮސް، އީރާނުން މިވަނީ މުޅި ދުނިޔެއަށް އެމެރިކާ ފަޟީހަތް ކޮށްލާފައެވެ. އެމެރިކާ އުޅެނީ އެއްބަސްވުމެއް ހަދަން ނޫންކަމާއި، އެމެރިކާގެ އިޚްލާސްތެރިކަމެއް ނެތްކަމާއި، އެމެރިކާ އޮތީ ޔަހޫދީންގެ ދަށުވެ ފިތިފައިކަން މުޅި ދުނިޔެއަށް ހާމަކޮށް ބޭޒާރުކޮށްލިއެވެ.
އެމެރިކާ ވަފުދުގެ ވެރިޔާ ޖޭޑީ ވެންސް ރޭގައި ބުނެފައިވަނީ، އީރާނުގެ ވަފުދުގެ ބޭފުޅުން ތިއްބެވީ ހަގީގަތުގައިވެސް އެއްބަސްވުމަކަށް ދިއުމުގެ ރޫހުގައި ކަމަށާއި، އިތުރަށް ވާހަކަ ދައްކައިގެން އެކަން ނުކުރެވޭންވީ ސަބަބެއް ނެތް ކަމަށެވެ. ޖޭޑީ ވެންސަށްވެސް މިވަނީ، އީރާނު އޮތީ އިޚްލާސްތެރިކަމާ އެކުގައިކަމަށް އިއުތިރާފްވެވިފައެވެ.
ލަޝްކަރުތައް ފޮނުވައިގެން ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރަން ޓްރަމްޕް ދިމާކުރީ ހިތުން އީރާނަށް ލަނޑުދިނުމަށެވެ. އީރާނުގެ ތެޔޮ ވިއްކުން ހުއްޓުވައި އީރާނު އިނދަޖައްސާލުމަށެވެ. އެކަމަކު ލަނޑުލިބުނީ އެމެރިކާއަށެވެ. ޓްރަމްޕް ދެކެ ރުޅިއައީ އެމެރިކާގެ ބައިވެރިންނެވެ. ގެއްލުން ލިބެންފެށީ އެމެރިކާއަށާއި، އެމެރިކާގެ ބައިވެރިންނަށެވެ. ތެލުގެ އަގުތައް ބޮޑުވެގެންދިޔައީވެސް އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ ގައުމުތަކުގައެވެ. އެކަމާހެދި އެމެރިކާއާ ހުރިހާ ގޮތަކުންވެސް ގާތް ހުޅަނގުގެ ގައުމުތަކާއި، އަރަބި ގައުމުތަކާއި، އޭޝިއާގެ އެތައް ގައުމަކުންވެސް ޓްރަމްޕްގެ އަމަލު ކުށްވެރިކޮށް ނުރުހުން ފާޅުކުރަން ފެށިއެވެ. އެއީ، ކުރިން ހުޅުވިފައި އޮތް ކަނޑުއޮޅި ޓްރަމްޕް ބަންދުކުރުމުންނެވެ.
އީރާނުގެ ބަނދަރުތަކަށް އަންނަ އަދި އީރާނުގެ ބަނދަރުތަކުން ފުރައިގެންދާ ތެޔޮ ޓޭންކަރުތަކަށް ހުރަސްއަޅަން އެމެރިކާގެ ރައީސް ޓްރަމްޕް ލަޝްކަރުތައް ފޮނުވިއިރު، ޗައިނާފަދަ ބާރުގަދަ ބޮޑެތި ގައުމުތަކުން އީރާނާއެކު ހަދާފައިވާ ވިޔަފާރީގެ ބޮޑެތި އެއްބަސްވުންތައް ޓްރަމްޕަށް ސިފައިން ފޮނުވައިގެން ނުހުއްޓުވޭނޭކަން އެދަނީ ސާބިތުވަމުންނެވެ. އެ ގައުމުތަކުގެ ޓޭންކަރުތަކާ ވައިއެޅެންވެސް އެމެރިކާ ސިފައިންނަކަށް ނުކެރެއެވެ. ވުމާއެކު، އެމެރިކާ ސިފައިންގެ މިޝަން ކާމިޔާބެއް ނުވެއެވެ. ޓްރަމްޕްވެސް ދަނީ ފެއިލްވަމުންނެވެ.
އިސްލާމްއާބާދުގައި ދެވަނަ ބުރުގެ ވާހަކަ ދައްކައި އަދި ވާހަކަތައް ދިގުލައިގެން ދިއުމުގެ ފުރުސަތުވެސް ބޮޑެވެ. ވާހަކަތައް އެހެން ގައުމުތަކުގައި ބޭއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އެމެރިކާއާއި ހުޅަނގުގެ ބޮޑެތި ގައުމުތަކާއި އީރާނާ ދެމެދު އެއްބަސްވުމެއް ހެދުނީ ދެއަހަރެއްހާ ދުވަހު ވާހަކަ ދައްކައިގެންނެވެ.
އެއްވިސްނުމަކީ، އެމެރިކާގެ ރައީސް އުޅެނީ އީރާނާ ވާހަކަ ދައްކައިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށެވެ. ކޮންމެވެސް ކަންތައްތަކެއް ގުރުބާން ކޮށްގެންނެވެ. މައިގަނޑު ސަބަބަކީ، އެމެރިކާގައިވެސް ތެލުގެ އަގު ބޮޑުވެ ކުންފުނިތަކުގެ ވެރިންނާއި އެމެރިކާ ރައްޔިތުންގެ ރުޅި ޓްރަމްޕަށް އަމާޒުވެ އަދި ތެޔޮ ވިއްކޭގޮތް ނުވެގެން އެމެރިކާގެ އެކުވެރި ގައުމުތަކުގެ ރުޅިވެސް ޓްރަމްޕަށް އަމާޒުވަމުންދާތީއެވެ. އެކަމުން ސަލާމަތްވާނެ ގޮތެއް ހޯދަނީއެވެ.
އެމެރިކާއިން އަދިވެސް ގެންދަނީ ސަރަހައްދަށް ސިފައިންނާއި ހަތިޔާރު ޖަމާކުރަމުންނެވެ. އެމެރިކާއަށް އެހީތެރިވާން ތިބި ބައެއްގެ އެހީވެސް ގެންދަނީ ހޯދަމުންނެވެ. އީރާނަށް ފާރަލުންވެސް އިތުރު ކޮށްފައި ވެއެވެ. އިސްރާއީލަށްވެސް އިތުރު ހަތިޔާރު ފޮނުވައި އަދި ޔޫރަޕްގެ ގައުމުތަކާއި އަރަބި ގައުމުތަކުގައި ސަލާމަތުން ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށްވެސް ހަނގުރާމަމަތީ އިތުރު ޖެޓުތަކާއި، ބޮންއަޅާ ބޯޓުތަކާއި، ތެޔޮ އުފުލާ މަތިންދާ ބޯޓުތައް ޖަމާކުރަމުން އެބަ ގެންދެއެވެ.
ވުމާއެކު، ދެވަނަ ވިސްނުމަކީ އެމެރިކާއިން އުޅެނީ އެއްގަމުމަގުން އީރާނަށް އަރައިގަތުމަށެވެ. މިއީ ސީދާ އިސްރާއީލުގެ އެޖެންޑާއެކެވެ. އެއީ، ވައިގެމަގުން ބޮންއަޅައިގެން އިސްރާއީލުން އެންމެ ބޭނުންވި ކަންތައް ނުވުމުންނެވެ. އެއީ، އީރާނުގެ ވެރިކަން ބަދަލުކުރުމެވެ. އިސްރާއީލުން އިއްޔެވެސް ބުނެފައިވަނީ، އިސްރާއީލުން މިފަހަރު ހުއްޓާލާނީ އީރާނުގެ ވެރިކަން ބަދަލުކޮށްފައި ކަމަށާއި، ކޮންމެފަދަ ހާލެއްގައިވެސް އެކަން ކުރާނޭ ކަމަށެވެ.
މިހާރު ކަންކަން އޮތް ހާލަތަށް ބަލާއިރު، އެމެރިކާއާއި އިސްރާއީލަށް އީރާނުގެ ވެރިކަން ބަދަލު ކުރެވޭނީ އީރާނު ހިފައި އިސްތިއުމާރު ކޮށްގެންނެވެ. އެކަން ކުރެވޭނީ އެއްގަމުމަގުން އީރާނަށް އަރައިގެންނެވެ. އިސްރާއީލުގެ މުހުތާދު ފުރިހަމަކުރަން އެމެރިކާ އެހީވާނޭކަމީ ގައިމު ކަމެކެވެ. އީރާނާ ވާހަކަ ދެއްކުމަކީ އެމެރިކާއިން ދުނިޔެއަށް ދައްކާ ދަޅައެކެވެ. ޓްރަމްޕްގެ ވެރިކަމުގައި އީރާނަށް ހަމަލާދީފައިވާ ކޮންމެ ފަހަރަކީ އީރާނުން އެމެރިކާއާއި ވާހަކަ ދައްކަމުން ގޮސްފައިވާ ދުވަސްވަރެކެވެ. މިފަހަރުވެސް އެކަހަލަ ހީލަތްތެރި ރޭވުމެއް އޮވެދާނެކަން ދެނެގެން އީރާނުންވެސް އުޅެނީ ބޮލުގެ ބޭނުންކޮށްގެންނެވެ. އީރާނުން ގެންދަނީ އެމެރިކާގެ ރައީސް އަޅާ ކޮންމެ ފިޔަވަޅަކަށް ރައްދު ފިޔަވަޅު އަޅައި ޕްރެޝަރަށް ވައްޓަމުންނެވެ. އީރާނުގެ ސަބަބުން ޓްރަމްޕަށް މިހާރު ދަނީ ގޮތްހުސްވަމުންނެވެ.



