ޓްރަމްޕް “އަނގަގަދަކުރާތީ” ވާހަކަތަކަށްވެސް ނުދާން އީރާނުން ނިންމައިފި

ޚަބަރު ފަހުގެ ދުނިޔެ

ހޮރްމޫޒު ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް ހުޅުވާލާކަން އީރާނުން އިއްޔެ އިއުލާން ކުރުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހީވީ “މޮޔަވެގެން” އުޅޭ ހެންނެވެ. އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓުރުތު ސޯޝަލްގައި ފުލުފުލުހުން ދިޔައީ މެސެޖްތައް ޕޯސްޓްކުރަމުންނެވެ. އީރާނާއި، ހޮރްމޫޒާއި އަދި ހަނގުރާމައާ ގުޅޭގޮތުންނެވެ.

ޓްރަމްޕް އެންމެ ފުރަތަމަ ބުނީ، ހޮރްމޫޒު ކަނޑުއޮޅި ދެން ދުވަހަކުވެސް ބަންދުނުކުރަން އީރާނުން އެއްބަސްވެފައިވާ ކަމަށެވެ. އީރާނުން ބުނީ އެއްބަސްނުވާ ކަމަށާއި، އެކަމާ ގުޅޭގޮތުން އެމެރިކާއާ ވާހަކަވެސް ނުދައްކާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޓްރަމްޕް ދެން ބުނީ، އީރާނުގައި ފައްކާކޮށްފައި ހުރި ޔޫރޭނިއަމް އެމެރިކާއަށް ގެންދާނޭ ކަމަށާއި، އީރާނުގައި ހުރި ޔޫރޭނިއަމް އެމެރިކާއާ ހަވާލުކުރަން އީރާނު އެއްބަސްވެއްޖެ ކަމަށެވެ. އީރާނުން ބުނީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އީރާނުގައި ހުރި ޔޫރޭނިއަމް އެމެރިކާއާ ހަވާލުކުރާނެ އެއްވެސް ގޮތެއް ނޯންނާނޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ދެން ބުނީ، އީރާނާއި އެމެރިކާއާ ދެމެދު މެސެޖުގެ ޒަރީއާއިން ދެކެވެމުންދާ ވާހަކަތަކުގައި، މައިގަނޑު ހުރިހާ ކަމަކަށް އެއްބަސް ވެވިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެންމެފަހުގެ އެއްބަސްވުން އެކުލަވާލެވޭނޭ ކަމަށެވެ. އީރާނުން ބުނީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ވާހަކައަކީ “ރަތްރޮނގު” ކަމަށާއި، ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.

އީރާނާ ގުޅުވައި އެމެރިކާގެ ރައީސް މިފަދަ އެތައް ބަޔާންތަކެއް ނެރެފައި ވެއެވެ. އެތައް ވާހަކަތަކެއް ދައްކާފައި ވެއެވެ.

އީރާނު ސަރުކާރުން އިއްޔެ ބުނެފައިވަނީ، އީރާނާ ގުޅޭގޮތުން އެމެރިކާގެ ރައީސް އާންމުކޮށްފައިވާ ހުރިހާ ވާހަކަތަކަކީވެސް ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށާއި، އެއިން އެއްވެސް ކަމަކާ އީރާނާ ގުޅުމެއް ނެތް ކަމަށެވެ.

އެމެރިކާގެ ރައީސް ކުރަން އުޅޭ ކަމަކީ، އީރާނުން ކަންތައްތަކަކަށް އެއްބަސްވެއްޖެކަމަށް ދުނިޔެއަށް އަޑުތައް އަރުވައި އަދި ފަހުން އީރާނުން އެކަންކަމާ ޚިލާފް ވެއްޖެކަމަށް ބުނެ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށޭނޭ ހުއްޖަތެއް ހޯދަން ކަމަށްވެސް އީރާނުން ބުނެފައި ވެއެވެ.

އީރާނުން ބުދަދުވަހުގެ ނިޔަލަށް އެއްބަސްވުމެއް ނުހަދައިފިނަމަ އީރާނަށް އަލުން ބޮންތައް އޮއްސަން ފަށާނޭކަމުގެ އިންޒާރުވެސް ޓްރަމްޕް ރޭގައި ދީފައި ވެއެވެ.

މިވަގުތު ތުރުކީގައި ހުންނެވި އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސައީދު ޚާތިބްޒާދީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޓްރަމްޕް “މާ އަނގަގަދައީ” ކަމަށެވެ. އޭނާ ވިދާޅުވީ، ހަނގުރާމަކޮށްގެން އެމެރިކާއަށް އެއްވެސް ކުރިއެރުމެއް ނުލިބޭނޭ ކަމަށާއި، އީރާނު ދިފާއުކުރަން އީރާނުގެ ލަޝްކަރުތައް އޮތީ ތައްޔާރަށް ކަމަށެވެ.

އީރާނާއި އެމެރިކާއާ ދެމެދު ވާހަކަތައް ކުރިއަށްދާ ކަމަށާއި، ވަރަށް އަވަހަށް އެއްބަސްވުމެއް ފައިނަލްކުރަން ދެފަރާތް ޕާކިސްތާނުގައި ބައްދަލު ކުރާނޭ ކަމަށް ޓްރަމްޕް ބުނި ނަމަވެސް، އީރާނުން މިއަދު ބުނީ، އެމެރިކާއާއެކު ދެވަނަ ބުރުގެ ވާހަކަތަކަށް ދިއުމަށް އީރާނުން އެއްބަސް ނުވާ ކަމަށެވެ. އެމެރިކާއާ ވާހަކަ ދައްކަން އީރާނު ދާނީ ދެފަރާތް އެއްބަސްވާ އޮނިގަނޑެއް އެކަށައެޅުމުން ކަމަށްވެސް ބުނެފައި ވެއެވެ.

އީރާނުގެ ތެޔޮ ޓޭންކަރުތަކަށް އެމެރިކާ ސިފައިން ހުރަސްއެޅުމާއި، އީރާނަށް ބޮންއަޅާނޭ ކަމަށް ޓްރަމްޕް އިންޒާރުތައް ދިނުމާއި، ޓްރަމްޕް އިރުއިރުކޮޅާ ފަތުރަމުންގެންދާ ޚިލާފް އުފެދޭ ބަޔާންތަކުގެ ސަބަބުން އެމެރިކާއާއެކު ވާހަކަ ދައްކަން ނުދާނޭ ކަމަށް، ޕާކިސްތާނު މެދުވެރިކޮށް އީރާނުން އަންގާފައިވާ ކަމަށް، އެންމެ ފަހުން ލިބޭ ޚަބަރުތައް ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ