ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށާއި، ފެމެލީ ކޯޓުގެ އިސް ޤާޟީކަމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ޚަބަރު ފަހުގެ

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހައިކޯޓުގެ އިސްފަނޑިޔާރުގެ މަޤާމަށް، އައްޔަންކުރައްވާފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއެވެ. އަދި ފެމެލީ ކޯޓުގެ އިސް ޤާޟީގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ، އެކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ނަޝީދުއެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުގެ މަޤާމަށް އައްޔަންކުރެއްވި އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޖަމީލް މޫސާ އަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ، މިދިޔަ އަހަރުގެ އޯގަސްޓުމަުގެ ތެރޭގައެވެ. އަދި މިދިޔަ ނޮވެންބަރު މަހުގެ 19ވަނަ ދުވަހުން ފެށިގެން ހައިކޯޓު ވަގުތީ ގޮތުން ހިންގެވުން ހަވާލުކުރައްވާފައިވަނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއާއެވެ.

ފަނޑިޔާރުކަމުގައި 16 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ ވަނީ ހައިކޯޓުގެ އިތުރުން ސިވިލް ކޯޓުގެ ޤާޟީކަމާއި ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަންވަނީ ކުރައްވާފައެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން ފެމެލީ ކޯޓުގެ އިސް ޤާޟީގެ މަޤާމަށް ޢައްޔަންކުރެއްވި އަލްއުސްތާޛު ޢަބްދުﷲ ނަޝީދަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ އަދި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އަލްއުސްތާޛު ޢަބްދުﷲ ނަޝީދުވަނީ މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި އެކޯޓުގެ އިސްމެޖިސްޓްރޭޓުކަމާއި ނ. ޖުޑީޝަލް ދާއިރާގެ، ދާއިރާ އިސްމެޖިސްޓްރޭޓުކަމާއި ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ އިތުރުން ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަޤާމް އަދާކުރައްވާފައިވެއެވެ. ޝަރުޢީ ދާއިރާގައި 21 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަލްއުސްތާޛު ޢަބްދުﷲ ނަޝީދު ފެމެލީ ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރެފައިވަނީ 2016 ވަނަ އަހަރުގެ މާރިޗު މަހުގެ 24ވަނަ ދުވަހުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ