ބުލީކުރުން ހުއްޓުވަން ގަނޫނެއް އެކުލަވާލަނީ

ޚަބަރު ފަހުގެ

ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށްޓަކައި އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ޤާނޫނުގެ މަސައްކަތް މިހާރު އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރައީސް ވިދާޅުވި ގޮތުގައި މި ޤާނޫނު އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ބުލީކުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާ ކުރުމެވެ.

“ބުލީ ކުރުން އެއީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ހާއްސަ ޤާނޫނެއް، އެންޓި ބުލީ ޤާނޫނެއް ތަޢާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި،” ރައީސް ވިދާޅުވިއެވެ.

މި ޤާނޫނު އެކުލަވާލުމުގައި ފަންނީ ބޭފުޅުންގެ ލަފަޔާ އެކު މަޝްވަރާގެ މަރުހަލާތައް ނިންމުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޤާނޫނުގެ ދަށުން ބުލީ ކުރުމުގެ އަމަލުތަކަކީ ކޮބައިކަން ސާފުކޮށް ކަނޑައެޅިގެންދާނެއެވެ. މީގެ ތެރޭގައި ސްކޫލްތަކާއި ތަޢުލީމުދޭ އިދާރާތަކުގައި ބުލީކުރުން ހުއްޓުވުމަށް ޚާއްސަ ސިޔާސަތުތަކެއް އެކުލަވާލައި، ބުލީކުރާ ކުދިންނާ މެދު އަމަލުކުރާނެ ނިޒާމެއް ގާއިމުކުރެވޭނެއެވެ. އަދި މިފަދަ މައްސަލަތައް ސެންޓްރަލް އެޖެންސީއަކަށް ރިޕޯޓްކުރެވޭނެ ގޮތް ހަމަޖެއްސުމާއި، ރަސްމީ މަންހަޖުގެ ތެރޭގައި މިކަމާ ގުޅޭ ކަންކަން ހިމެނުމަށް ވަނީ ނިންމާފައެވެ.

ތަޢުލީމީ ދާއިރާގެ އިތުރުން، ވަޒީފާގެ މާހައުލާއި ސިއްޙީ ޚިދުމަތް ދޭ ތަންތަނުގައި ހިނގާ ބުލީކުރުމުގެ އަމަލުތައް ހުއްޓުވުމަށްވެސް މި ޤާނޫނުގައި މާއްދާތައް ހިމެނޭނެއެވެ. އަދި މިހާރު އިތުރުވަމުންދާ އޮންލައިން ބުލީކުރުން ނުވަތަ ސައިބަރ ބުލީން ހުއްޓުވުމަށްވެސް ޚާއްސަ އިޖުރާޢާތްތަކެއް ކަނޑައެޅިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ޤާނޫނު އެކުލަވާލުމުގައި ބޭރުގެ ކުރިއަރާފައިވާ ޤައުމުތަކުގައި މިކަން ތަންފީޒުކުރާ ގޮތްތަކަށް ބައްލަވާނެ ކަމަށެވެ. އަދި މިއީ މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާ ކަމެއްކަން ފާހަގަކުރައްވައި، މި މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމަށް ހުރިހާ ފަރާތްތަކުން އެއް ރޫހެއްގައި މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ