އޮންލައިން ނޫހެއް ކަމަށްވާ “އަދަދު” ނޫހުގެ އޮފީސް ބަލާފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައިނުވެއެވެ.
ނަމަވެސް އަދަދު ނޫހުން ބުނީ ފުލުހުން އެ އޮފީސް ބަލާފާސްކުރަމުންދާ ކަމަށެވެ. ފުލުހުން އެ އޮފީސް ބަލާފާސްކުރަމުންދަނީ “އައިޝާ” ނަމުގައި ހެދި ޑޮކިއުމެންޓްރީއަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންކަމަށް އަދަދުން ބުންޏެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ އެ ޑޮކިއުމެންޓްރީގައި އެ މަނިކުފާނަށް އަމާޒުކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ. އަދި ވަނީ އެ ޑޮކިއުމެންޓްރީގެ މައްސަލަ ބަލައި، ދައުވާކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.


