އީރާނާއެކު ވާހަކަ ދައްކަން ޕާކިސްތާނަށް ދެން ވަފުދެއް ނުފޮނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރުމާއެކު އެންމެންވެސް ހީކުރީ އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށަނީ ކަމަށެވެ. އެންމެން އެގޮތަށް ވާހަކަ ދައްކަންވެސް ފެށިއެވެ.
ނަމަވެސް، އެމެރިކާގެ އެ ނިންމުމާ ގުޅިގެން ހިނގައިދިޔަ ކަންތައްތަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަހުން ބުނީ، އީރާނަށް ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށާއި، އީރާނު ބޭނުންނަމަ އެމެރިކާއާ ސީދާ ވާހަކަ ދެއްކިދާނޭ ކަމަށާއި، އަދި ފޯނުން ގުޅައިގެންވެސް ވާހަކަ ދެއްކިދާނޭ ކަމަށެވެ.
އެމެރިކާއާ ވާހަކަ ދައްކަން ނުވަތަ މަޝްވަރާކުރަން ޕާކިސްތާނަށް ވަފުދު ފޮނުވަން ފުރަތަމަ އިންކާރުކުރީ އީރާނުންނެވެ. އެއީ، އެމެރިކާއިން ކަނޑުމަގުން އީރާނުގެ ބޯޓުތަކަށް ހުރަސްއަޅަމުން ގެންދާތީއެވެ. އެކަން ނުހުއްޓާނޭ ކަމަށް ޓްރަމްޕް ބުނުމުންނެވެ.
ބްލޮކޭޑް ހުއްޓާނުލަނިސް އަދި އިރުއިރުކޮޅާ އީރާނަށް ބިރުދައްކައި އިންޒާރު ދޭނަމަ އެމެރިކާއާ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށް ބުނީ އީރާނުންނެވެ. އެމެރިކާގެ ރައީސް ޓްރަމްޕް، ތަކުރާރުކޮށް ޕާކިސްތާނަށް ވަފުދު ފޮނުވަން އުޅުމުންވެސް އީރާނު ބުނީ ވާހަކަތަކަށް ނުދާނޭ ކަމަށެވެ. ގޮތް ދޫކުރަންޖެހުނީ ޓްރަމްޕެވެ.
ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު، މުއްދަތެއް ނެތްގޮތަށް އިތުރުކުރުމަށްފަހު، ޕާކިސްތާނަށް ވަފުދު ނުފޮނުވަން ނިންމުމަށްފަހު، އީރާނާ ވާހަކަ ދައްކަން ފުރުސަތު އެބައޮތް ކަމަށް ބުނެ އަދި އީރާނުން ހުށަހެޅުމެއް ލިބިގެން ޓްރަމްޕް މިހާރު ގެންދަނީ އީރާނުގެ ހުށަހެޅުމަށް ދޭނޭ ޖަވާބަކާމެދު މަޝްވަރާ ކުރަމުންނެވެ. އީރާނުގެ ފަރާތުން ހުށަހެޅުމެއް ލިބުނުތާ 24 ގަޑިއިރު ވެގެންދިޔަ އިރުވެސް އެމެރިކާގެ ރައީސަށް އެޔަށް ޖަވާބެއް ނުދެވެއެވެ. އެހާވެސް ފުންކޮށް އެކަމާމެދު ޖެހިފައިވަނީ ވިސްނައި މަޝްވަރާ ކުރާށެވ.
އީރާނުން ހުށަހަޅާފައިވާ އެންމެ މައިގަނޑު އަދި އެންމެ އިސް ނުކުތާއަކީ ހޮރްމޫޒު ކަނޑުއޮޅި މުޅިން ހުޅުވާލުމެވެ. އެމެރިކާއިން މިވަގުތަށް އެންމެ ބޭނުންވެގެން އުޅެނީވެސް ހޮރްމޫޒު ހުޅުވުމެވެ. އެކަމަކު، ހޮރްމޫޒު މުޅިން ހުޅުވާލަން އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކެއް އަދި ސާފެއް ނުވެއެވެ. ތަޖުރިބާކާރުން ބުނަނީ، އީރާނުން ކޮންމެފަދަ ޝަރުތުތަކެއް ހުށަހެޅި ނަމަވެސް، އެއީ ހޮރްމޫޒު ހުޅުވާލެވޭ ޝަރުތުތަކަކަށް ވާނަމަ އެމެރިކާގެ ރައީސް ޓްރަމްޕް އެކަންކަށް އެއްބަސްވުން ވަރަށް ގާތް ކަމަށެވެ. ސަބަބަކީ، ހޮރްމޫޒު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި އަދި އެމެރިކާއަށްވެސް ބޮޑެތި ގެއްލުންތައް ލިބެމުންދާތީއެވެ.
އީރާނުގެ ހުށަހެޅުމުގައި ދެން ހިމެނެނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ވާހަކައެވެ. އީރާނުން ހުށަހަޅާފައިވަނީ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގައި ވާހަކަ ދެއްކުން މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށެވެ. ސުވާލަކީ އެމެރިކާ މިކަމަށް އެއްބަސްވެދާނެތޯއެވެ. ގިނަ މީހުން ބުނަނީ ޓްރަމްޕް މިވަގުތަށް އެއްބަސް ވެދާނޭ ކަމަށެވެ. އެކަމަކު ވާނޭގޮތެއް އަދި ނޭނގެއެވެ. އެކަމުގައި އިސްރާއީލު ޓްރަމްޕަށް ދޫނުދޭނޭކަން ގައިމެވެ. އިސްރާއީލު އެންމެ ބިރުގަންނަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގައެވެ.
އީރާނުގެ ހުށަހެޅުންތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވުން ވެގެންދާނީ، އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި އުދުވާނީ ހަނގުރާމައިން އެމެރިކާ ބަލިވެގެންދިޔައީ ކަމަށް ރަސްމީގޮތުން ކަނޑައެޅިގެންދާނޭ ކަމަކަށެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި އެއްވެސް ބޭނުމެއް ނުފުދި، ހަނގުރާމައިން އަތްދޮވެލައި އެމެރިކާ ހުސްއަތާ ދާންޖެހޭ ކަމަކަށެވެ. ހޮރްމޫޒުގެ ކޮންޓްރޯލް ނުނެގި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްވެސް ނުހުއްޓުވި “ދެމީދާފެހި ބުޅަލަށް ވީވަރުވެސް” އެމެރިކާއަށް ނުވެ އެނބުރި ދާންޖެހޭ ކަމަކަށެވެ.
ދެންއޮތީ އެމެރިކާގެ ރައީސް އީރާނަށް ދޫނުދީ އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ އިޚްތިޔާރެވެ. އެމެރިކާއިން މިހާރުވެސް ގެންދަނީ ސަރަހައްދަށް ހަތިޔާރާއި ސިފައިން ޖަމާކުރަމުންނެވެ. އެމެރިކާގެ ލަޝްކަރުތައް ވަރުގަދަ ކުރަމުންނެވެ. ލަޝްކަރުގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުކޮށްފައި ވެއެވެ. އިސްތިއުމާރީ ސިފައިންވެސް ތިބީ ހަނގުރާމަ ފަށަން ތައްޔާރުގައެވެ. ބައިނަލްއަގްވާމީ ކަނޑުތަކުން އީރާނަށް ދަތުރުކުރާ ހުރިހާ ބޯޓުފަހަރާއި، އީރާނުގެ ބަނދަރުތަކުން ފުރައިގެންދާ ހުރިހާ ބޯޓުތަކަށްވެސް އެމެރިކާއިން ގެންދަނީ ހުރަސް އަޅަމުންނެވެ. އީރާނުގެ ތެޔޮ ޓެންކަރުތައް ގެންދަނީ ކަނޑުފޭރެމުންނެވެ. އީރާނާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ އެތައް އައު ފިޔަވަޅުތަކެއް ގެންދަނީ އަޅަމުންނެވެ. އީރާނުގެ އެއަރލައިންތަކާ ގުޅުން އޮންނަ ކުންފުނިތަކަށް ދަތިކުރާނޭ ކަމުގެ އިންޒާރުތައްވެސް ގެންދަނީ ދެމުންނެވެ.
އެމެރިކާގެ އިތުރުން، ހުޅަނގުގެ ގައުމުތަކުންވެސް ގެންދަނީ ހޮރްމޫޒު މައްސަލާގައި ކަންކުރަންވީގޮތް އީރާނަށް އަންގައި އަމުރުކުރަމުންނެވެ. އީރާނަށް ދަތިކުރަން އެތައް ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެމެރިކާއައި ހުޅަނގުގެ ގައުމުތަކުގެ ދަތިކުރުންތަކާއި، އިންޒާރުތަކާއި ބިރުދެއްކުންތަކުގެ ރައްދު ފިޔަވަޅުތައް އީރާނުންވެސް ގެންދަނީ އަޅަމުންނެވެ. މައްސަލަ ސުލްހަވެރި މަގުން ހައްލު ކުރެވޭނޭ ގޮތްތަކެއް ހޯއްދެވުމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ކުރައްވަމުން ގެންދަވާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރުކުރައްވައި ވަރުގަދަ ކުރައްވާފައި ވެއެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުވަނީ ދުޝްމަނުންގެ ކިބައިން ގައުމު ދިފާއުކުރުމަށް ވަރުގަދައަށް ތައްޔާރުވެފައެވެ. އިތުރު ހަތިޔާރާއި ބާރުތައް ޖަމާކޮށް، ލަޝްކަރުތައް ވަނީ ތައްޔާރީ ހާލަތަށް އައިސްފައެވެ. އީރާނު ވަށައިގެން ހުރި ބޯޑަރުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވެއެވެ. ވައިގެ ދިފާއު އިތުރަށް ވަރުގަދަ ކޮށްފައި ވެއެވެ. ކިރިޔާ އަޑެއް އިވޭއިރަށް އެއަރ ޑިފެންސް ނިޒާމުތައް އެކްޓިވޭޓް ކޮށްލައެވެ.
އީރާނުގެ ކަނޑުގެ ސިފައިންނާއި، އެއްގަމު ސިފައިންނާއި، ވައިގެ ސިފައިންނާއި، އީރާނުގެ ބާރުގަދަ އިންގިލާބީ ލަޝްކަރުތައް އޮތީ ފުރިހަމަ ތައްޔާރީގައެވެ. އީރާނުގެ ވެރިން ތިއްބެވީ ރައްޔިތުންނާ އެކުގައެވެ. އީރާނުގެ ރައްޔިތުން ތިބީ އީރާނު ސަރުކާރާ އެކުގައެވެ.
އީރާނުގެ މަތިންދާ ބޯޓުތަކަށް އަޅާނޭ ތެޔޮ ނުދީ ދަތިކުރި ގައުމުތަކުން މިއަދު އީރާނާ ވާހަކަ ދައްކައި އާދޭސްކުރަމުން ގެންދަނީ ހޮރްމޫޒު ހުޅުވައި، އެގައުމުތައް ސަލާމަތްކޮށްދިނުމަށެވެ. އެމެރިކާ ސައިޒްވެފައިވަނީ ހޮރްމޫޒާހެދިއެވެ. އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އެތައް އަހަރެއްވަންދެން ހުރިހާ ގޮތަކުން ދަތިކޮށް ނިކަމެތިކޮށް ދުނިޔެއިން އެކަހެރިކޮށްފައި އޮތް އީރާނު މިއަދު ފެންނަނީ ފުރިހަމަ އާރާއި ބާރުގައި އޮތްތަނެވެ. ދުނިޔޭގެ ބޮޑު ބާރެއްގެގޮތުގައި އޮތްތަނެވެ. އެމެރިކާއާއި ހުޅަނގުގެ ބޮޑެތި ގައުމުތައް މިއަދުވަނީ އީރާނުގެ ފައިބުޑަށް ވެއްޓިފައެވެ.



