ދުޝްމަނުން ފެތުރި ވާހަކަތައް ދޮގު، ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ދުނިޔޭގައި އެބަހުންނެވި، އީރާނުގެ މުގޫ އޭނާގެ އަތުގައި

ޚަބަރު ފަހުގެ ދުނިޔެ

އީރާނުގެ ކަންކަމުގައި އެންމެފަހުބަސް ބުނާ ރޫހީ ލީޑަރުގެ މަގާމުގައި ހުންނެވި އާޔަތުﷲ އަލީ ޚަމަނާއީ އަވަހާރަ ކޮށްލާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި ޒަޔަނިސްޓު ދައުލަތް ގުޅިގެން ތެހެރާނަށް ދިން ވަރުގަދަ ޓެރަރިސްޓު ހަމަލާތަކުގައެވެ.

އާޔަތުﷲ އަލީ ޚާމަނާއީ އެވަގުތު ހުންނެވީ ރަސްމީ ގެކޮޅުގައެވެ. އެއީ، އޭނާގެ ރަސްމީ އޮފީސްވެސް ހުންނަ އިމާރާތެވެ. އެ ސަރަހައްދަށް އެމެރިކާއާއި އިސްރާއީލުން ބާރުގަދަ ތިރީހަކަށް ބޮންއަޅައި މުޅި ސަރަހައްދު ގޮއްވާލިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ހަމަލާގައި އާޔަތުﷲ އަލީ ޚާމަނާއީއާއި، އަނބިކަނބަލުންނާއި، އަންހެން ދަރިކަނބަލުންނާއި، އެތައް ކާފަދަރިންވެސް އަވަހާރަވިއެވެ. އެ ހަމަލާއިން އަލީ ޚާމަނާއީގެ ދޮށީ ފިރިހެން ދަރިކަލުން މުޖުތަބާ ޚާމަނާއީ ސަލާމަތްވެވަޑައި ގެންނެވި ނަމަވެސް ވަރަށް ބޮޑަށް ޒަޚަމްވިއެވެ. ފުރަތަމަ ބައެއް ރިޕޯޓްތައް ފެތުރިގެން ދިޔައީ މުޖުތަބާ ޚާމަނާއީވެސް އެ ހަމަލާތަކުގައި އަވަހާރަވި ކަމަށެވެ. އެހެން ނަމަވެސް، އީރާނުން އެކަން ދޮގުކުރިއެވެ.

މުޖުތަބާ ޚާމަނާއީއަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ތެރޭގައި މޫނާއި ތުންފަތް ވަރަށް ބޮޑަށް ފިހި، ވާހަކަފުޅު ދައްކަވަން ދަތިވުމާއި، އަތާއި ފައިގެ ބޮޑެތި އެތައް ސާޖަރީއެއް ހެދުން ހިމެނެއެވެ. ޒަޚަމުގެ ސަބަބުން އެއްފައި ބުރިކޮށް ޕްލާސްޓިކް ފައެއް ޖަހާފައިވާ ކަމަށްވެސް ރިޕޯޓްތަކުން އެނގިފައި ވެއެވެ.

ބައްޕާފުޅު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން، ރޫހީ ލީޑަރުގެ މަގާމަށް ފަހުންވަނީ މުޖުތަބާ ޚާމަނާއީ އައްޔަން ކޮށްފައެވެ. “ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ” ގެ ނަމުގައެވެ.

ބައްޕާފުޅު އަވަހާރަވި ހަމަލާގެ ފަހުން އަދި މަގާމަށް އައްޔަން ކުރި ފަހުންވެސް އެއްވެސް އާންމު ތާކުން މުޖުތަބާ ޚާމަނާއީ ފެނިފައެއް ނުވެއެވެ. އޭނާ އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއްވެސް ނުވެއެވެ.

މަގާމަށް އައްޔަން ކުރިފަހުން މުޖުތަބާ ޚާމަނާއީ ނެރުއްވާ ބަޔާން އިއްވަމުން ގެންދަނީ އީރާނު ދައުލަތުގެ މީޑިއާއިންނެވެ. ނެރެނީ ވީޑިއޯއެއްވެސް ނޫނެވެ. އޭނާގެ ބަޔާން ކިޔައިދެނީ ދައުލަތުގެ މީޑިއާގެ ޕްރެޒެންޓަރުންނެވެ.

އެހެންވެ، މުޖުތަބާ ޚާމަނާއީ ދުނިޔޭގައި އެބަހުރި ކަމާމެދު ބައެއް މީހުން ސުވާލު އުފައްދައި ޝައްކުތައްވެސް ކުރަމުން ގޮސްފައި ވެއެވެ. މުޖުތަބާ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އެމެރިކާގެ ހަނގުރާމައިގެ ވަޒީރު ޕީޓް ހެގްސެތާއި، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯވެސް އެތައް ފަހަރަކު ބުނެފައި ވެއެވެ. ޒަޔަނިސްޓު އިސްރާއީލުގެ ވެރިންވެސް އެކަން ކަށަވަރު ކަމަށް ކުރިން އެތައް ފަހަރަކު ބުނެފައި ވެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ފުރަތަމަ ބޭއްވި ސީދާ ވާހަކަތަކާއި، އަދި މެސެޖްގެ ޒަރީއާއިން ދެކެވެމުންދާ ވާހަކަތަކުގައި، އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފާއި އަދި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީވެސް، އެންމެފަހުގެ ލަފަޔާއި މަޝްވަރާ ހޯދާނީ ރޫހީ ލީޑަރުގެ އަރިހުންކަން އެންމެނަށްވެސް އެނގެއެވެ. އާޔަތުﷲ އަލީ ޚާމަނާއީ ދުނިޔޭގައި ހުންނެވި އިރުވެސް، ބައްޕާފުޅުގެ މުސްކުޅިފުޅު ކަމާއެކު އިންގިލާބީ އެންމެ މަތީ ކައުންސިލް ކަމަށްވާ ޝޫރާ ކައުންސިލްގެ ކަންކަން ބަލަހައްޓަވަމުން ގެންދެވީ މުޖުތަބާ ޚާމަނާއީއެވެ. ބައްޕާފުޅުގެ ލަފާފުޅާއެކު ކަންކަން ނިންމަވަމުން ގެންދެވީވެސް މުޖުތަބާ ޚާމަނާއީއެވެ. އެހެންވެ، އީރާނު އަސްކަރިއްޔާގެ ލަޝްކަރުތަކުގެ ވެރިންނާއި، އިންގިލާބީ ލަޝްކަރާއި، އީރާނުގެ ސަރުކާރާއި، އީރާނުގެ ޕާލަމެންޓުގެ މަސައްކަތްތަކުގެ އެންމެ އެތެރޭގެ ކަންކަން އޭނާއަށް އެނގިވަޑައި ގަންނަވައެވެ. ޚާރިޖީ ގުޅުންތަކުގެ މައުލޫމާތުވެސް ރަނގަޅަށް އެނގިވަޑައި ގަންނަވައެވެ.

އީރާނު ޕާލަމެންޓުގެ ރައީސާއި އަދި އީރާނުގެ ޚާރިޖީ ވަޒީރުވެސް ކަން ކުރައްވަމުން ގެންދަވަނީ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީއާއި ޝޫރާ ކައުންސިލްގެ މަޝްވަރާގެމަތިންކަން އެއީ ވަރަށް ސާފުކޮށް އެނގޭ ކަމެކެވެ. ކަން ވަމުންދަނީވެސް އެހެންނެވެ.

އެމެރިކާ ބޭނުންވާ ގޮތަށް އަދި ޒަޔަނިސްޓުން ބޭނުންވާ ގޮތަކަށް އީރާނު ދީލާނުލުމާއި، އީރާނުގެ ވެރިންގެ ވާހަކަތައް ހުރިގޮތުން އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ ދިރިދުނިޔޭގައި އެބަ ހުންނެވިކަމާއި، އީރާނުގެ ކަންކަމުގައި އަމުރުމައުރޫފް ހިންގަވަނީ ޚުދު އޭނާކަންވެސް މިހާރުވަނީ ގަބޫލު ކުރެވިފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އިހަށްދުވަހު ބުނީ، މުޖުތަބާ ޚާމަނާއީ އަވަހާރަވެފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އިސްތިއުމާރީ އިސްރާއީލުގެ ޖާސޫސީ ވެރިން، އިސްރާއީލު ޕާލަމެންޓުގެ ފޮރިން އެފެއަރޒް އަދި ޑިފެންސް ކޮމިޓީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މުޖުތަބާ ޚާމަނާއީ ދުނިޔޭގައި އެބަ ހުންނެވި ކަމަށެވެ. އީރާނުގެ ހުރިހާ ކަމެއްގެ ކޮންޓްރޯލްގައި ހުންނެވީ އޭނާ ކަމަށްވެސް ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާއި، އީރާނު ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގާލިބާފާއި އަދި އީރާނުގެ އެހެންވެސް އިސް ވެރިންނާ މިފަހުން ބައްދަލު ކުރައްވާފައި ވާކަންވެސް އެކިއެކި މަސްދަރުތަކުން ހާމަކޮށްފައި ވެއެވެ.

ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ ގެންދަވަނީ އީރާނުގެ ކަންކަން އަލުން ތަރުތީބު ކުރައްވަމުންނެވެ. ދުޝްމަނުންގެ ކިބައިން އީރާނު ދިފާއުކުރުމަށްޓަކައި އައު ރޭވުންތައް ރާވައި، ލަޝްކަރުތަކުގެ ސަފުތައް އަލުން ތަރުތީބު ކުރައްވަމުން ގެންދަވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމުގައި އީރާނުގެ ނުފޫޒުގަދަ އިންގިލާބީ ލަޝްކަރާއި، އީރާނުގެ އަސްކަރިއްޔާގެ އެއްގަމާއި، ވަޔާއި އަދި ކަނޑުގެ ސިފައިންގެ ލަޝްކަރުތަކުގެ އިސް ޖެނެރަލުންގެ ލަފާފުޅުވެސް ރޫހީ ލީޑަރު ހޯއްދަވަމުން ގެންދަވާ ކަމަށް ޚަބަރުތަކުން ސާފުވެއެވެ.

އީރާނުގެ ވެރިން ގަބޫލުކުރަނީ އީރާނު އަދިވެސް އޮތީ ހަނގުރާމައިގެ ހާލަތުގައި ކަމަށެވެ. އިސާހިތަކު ދުޝްމަނުން އީރާނަށް ހަމަލާ ދީފާނޭކަމަށް ޖާސޫސީ މައުލޫމާތުތަކުން އެނގޭތީ އީރާނުގެ ލަޝްކަރުތައްވެސް އޮތީ ފުރިހަމަ ތައްޔާރީ ހާލަތުގައެވެ. ދުޝްމަނުން ދެން އީރާނަށް ހަމަލާ ދީފިނަމަ އީރާނުގެ ފަރާތުން ދެން ފެނިގެންދާނީ ކުރިން ފެނުނު ކަހަލަ މަންޒަރުތަކެއް ނޫން ކަމަށް ވިދާޅުވެ، އީރާނުގެ ވެރިން ދުޝްމަނުންނަށް އިންޒާރު ދެއްވަމުން ގެންދަވައެވެ. އެމީހުންނަށް ލިބޭ ހިތްވަރަކީ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީއެވެ. އީރާނުގެ މުގުލުގައި ހުންނެވީ އޭނާކަން އެންމެންވެސް މިހާރު ގަބޫލުކުރެއެވެ. އެއީ، ބައްޕާފުޅު އާޔަތުﷲ އަލީ ޚާމަނާއީއަށް ވުރެންވެސް ދުޝްމަނުންނާމެދު “މާހަރުކަށި” ވިސްނުން ގެންގުޅުއްވާ ބޭފުޅެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ