ޗައިނާއިން ބުނަނީ، ޓްރަމްޕް ކުރާ ޣައިރުގާނޫނީ އަމުރުތަކަށް ދުނިޔެ ކިޔަމަންވާން ނުޖެހޭނޭ ކަމަށް

ޚަބަރު ފަހުގެ ދުނިޔެ

ޗައިނާ މިހާރު ވެފައިމިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރިމަތިވެފައިވާ ބޮލުރިހުމަކަށެވެ. އެއީ، އީރާނުގެ މައްސަލާގައި އެމެރިކާގެ ރައީސް ޗައިނާއާ ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކަށް ފިޔަވަޅެއް އަދި ދައްކާ ކޮންމެ ވާހަކައަކަށް ޗައިނާއިން ގޮންޖަހަމުން ގެންދާތީއެވެ.

އީރާނުން ސާފުނުކުރާ ތެޔޮ ގަންނާތީ ކަމަށް ބުނެ ޗައިނާގެ 5 ތެޔޮ ސާފުކުރާ ކާރުޚާނާއަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެ ކާރުޚާނާތަކާ މުއާމަލާތްކުރާ ދުނިޔޭގެ ކުންފުނިތަކާއި ބޭންކްތަކަށް ދަތިކުރާނޭ ކަމަށް ބުނުމުން ޗައިނާއިން ރައްދުގައި އެޅީ އާދަޔާޚިލާފް ފިޔަވަޅެކެވެ. ޗައިނާ ސަރުކާރުގެ މިނިސްޓްރީ އޮފް ކޮމާރސްއިން ކުރިކަމަކީ، 2021 ވަނަ އަހަރު ޗައިނާގައި ތައާރަފްކޮށްފައިވާ “ބްލޮކިންގ ރޫލްސް”  ގާނޫނު އެކްޓިވޭޓް ކޮށްލީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ގާނޫނު އެކްޓިވޭޓް ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ، އެމެރިކާގެ އެންގުމަށް ތަބާވެ ނުވަތަ އެމެރިކާގެ އެންގުމަށް ބިރުން ޗައިނާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކާ މުއާމަލާތް ކުރުން ހުއްޓާލައިފިނަމަ ޗައިނާގެ ގާނޫނާ ޚިލާފްވުމެވެ. އެއީ ކުށެއްގެގޮތުގައި ކަނޑައެޅިގެންދާނެއެވެ.

ގާނޫނު އެކްޓިވޭޓް ކުރުމަށްފަހު ޗައިނާ ސަރުކާރުން އެގައުމުގެ ހުރިހާ ކުންފުނިތަކާއި އަދި ވަކިވަކި ފަރުދުންނަށްވެސް އަންގާފައިވަނީ އެމެރިކާގެ އެންގުމަށް ކިޔަމަން ނުވުމަށެވެ. ޗައިނާގެ ކުންފުނިތަކުގެ ތެރޭގައި ބައިނަލްއަގްވާމީ އެތައް ކުންފުނިތަކެއްވެސް ހިމެނެއެވެ. އަދި ބޭންކްތައްވެސް ހިމެނެއެވެ.

އެއްކޮޅުން ޗައިނާގެ ކާރުޚާނާތަކާ މުއާމަލާތް ކުރުން ހުއްޓާލުން ޗައިނާގެ ގާނޫނާ ޚިލާފްވުން ކަމަށް ކަނޑައެޅިގެން ދާއިރު، ކާރުޚާނާތަކާ މުއާމަލާތް ކުރާނަމަ އެމެރިކާގެ ދަތިކުރުންތަކާވެސް ކުރިމަތިލާން ޖެހޭނެއެވެ.

އެކަމަކު، ޗައިނާއިން ދައްކަމުން ގެންދަނީ ބުއްދި ގަބޫލުކުރެވޭ ވާހަކަތަކެކެވެ. އީރާނުން ތެޔޮ ބޭރުކުރިޔަނުދީ އީރާނުގެ ބަނދަރުތައް ބްލޮކްކޮށްގެން އެމެރިކާއިން އުޅެނީ އަމިއްލައަށެވެ. އެއީ، އދގެ ސަލާމަތީ މަޖިލީހުން ނުވަތަ އދގެ ގަރާރަކުން ފާސްކޮށްގެން ކުރާ ކަމެއް ނޫނެވެ. ބައިނަލްއަގްވާމީ ގާނޫނެއް ނުވަތަ ގަރާރެއްގެ ދަށުންވެސް ކުރާ ކަމެއް ނޫނެވެ.

އެމެރިކާއިން އީރާނު ބްލޮކޭޑް ކޮށްގެން އުޅެނީ އެމެރިކާގެ އަމިއްލަ މަސްލަހަތަށެވެ. ދުނިޔޭގެ އެކި ގައުމުތަކުން އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ ތެޔޮ ޓޭންކަރުތަކާއި، އީރާނުގެ ބަނދަރުތަކުން ފުރައިގެންދާ ޓޭންކަރުތަކަށް ހުރަސްއަޅައި އަދި ބައެއް ޓޭންކަރުތައް ތެލާއެކު ކަނޑުފޭރެމުން ގެންދަނީ ދުނިޔެ އެކަމަށް ހުއްދަ ދީނެގެނެއް ނޫނެވެ.

އެމެރިކާއިން އަމިއްލައަށް އަޅައިގެންއުޅޭ ޣައިރުގާނޫނީ ފިޔަވަޅަކަށް ކިޔަމަން ނުވުމަކީ ކުށްވެރިވާނޭ ކަމެއް ނޫން ކަމަށް ޗައިނާއިން ގެންދަނީ ބުނަމުންނެވެ. އެހެންވެ، އެމެރިކާގެ ޣައިރުގާނޫނީ އަމުރުތަކަށް ކިޔަމަން ނުވާނޭ ކަމަށް ޗައިނާއިން ތަކުރާރުކޮށް ގެންދަނީ ބުނަމުންނެވެ.

އެމެރިކާއިން ޗައިނާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކާ ދިމާކޮށްލުމުންވެސް ޗައިނާއިން އަޅާފައި މިވަނީ އެފަދަ ރައްދު ފިޔަވަޅެކެވެ. ޗައިނާ، އެމެރިކާއަށް ދޫނުދޭނޭކަމުގެ ފިޔަވަޅެކެވެ.

އެމެރިކާގައި ހަދާފައި އޮންނަ ހަނގުރާމައާ ގުޅޭ ގާނޫނާ ޚިލާފް ކަމަކަށް ވެދާނެތީ އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ރަސްމީކޮށް ހުއްޓާލިކަން އެމެރިކާގެ ރައީސް އިއުލާން ކުރިއެވެ. އެ ގާނޫނު ބުނާގޮތުން ސިފައިންވެސް އަނބުރާ ގެންނަން ޖެހެއެވެ. އެހެން ނަމަވެސް، ގާނޫނާ ޚިލާފަށް ޓްރަމްޕް އަދިވެސް ގެންދަނީ ސިފައިން ބޭނުންކޮށްގެން ކަނޑުމަގުން އީރާނަށް ހުރަސްއަޅަމުންނެވެ. އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ޓްރަމްޕް ބުނީ އެއީ “ފްރެންޑްލީ ބްލޮކޭޑެއް” ކަމަށެވެ. މާނައަކީ އެމެރިކާގެ ކޮންގްރެސްއަށްވެސް ޓްރަމްޕް އޮޅުވާލައިގެން އުޅޭކަމެވެ.

ނުވިތާކަށް ޓްރަމްޕް ބުނެފައިވަނީ “ކަނޑުފޭރުމަކީ ވަރަށް ފައިދާހުރި ވިޔަފާރިއެއް” ކަމަށެވެ. އެމެރިކާ ސިފައިން އީރާނުގެ ތެޔޮ ޓޭންކަރުތަކަށް ހަމަލާދޭ ގޮތާއި، ޓޭންކަރުތައް ފޭރިގަންނަގޮތް ކިޔައިދީ ޓްރަމްޕްވަނީ އެއީ ވަރަށް މާޖާ ކަމެއްގެގޮތުގައި ސިފަކޮށްފައެވެ. އެކަމަކު، މިއީ ދުނިޔޭގެ ގާނޫނުތަކާއި އދގެ މުއާހަދާތަކާވެސް ޚިލާފަށް އޭނާ އެމެރިކާ ސިފައިން ލައްވައި ހިންގުވާ ޣައިރުގާނޫނީ ޖަރީމާތަކެއް ކަމެއް އޭނާއަކަށް ނޭނގެއެވެ.

އެމެރިކާއިން ޒާތީ ހަސަދެއްގެ ސަބަބުން ގައުމަކާ ދެކޮޅަށް ފިޔަވަޅެއް އަޅަން ނުވަތަ ދަތިކުރަން ނިންމުމަކީ ދުނިޔޭގެ އެހެން ގައުމުތައް އެޔަށް އަމަލުކުރަންޖެހޭ ސަބަބެއް ނޫނެވެ. އެއީ، އދގެ ތެރެއިން އަޅާ ފިޔަވަޅުތަކެއް ނޫނެވެ. އެއީ އެމެރިކާގެ އަމިއްލަ މަސްލަހަތާ ގުޅިފައިވާ އޮންނަ ކަންކަމެވެ. ޗައިނާފަދަ ގައުމުތައް އެމެރިކާއަށް ގޮންޖަހައި ރައްދުދެނީ އެހެންވެގެންނެވެ.

ހޮރްމޫޒު ކަނޑުއޮޅި “ހުޅުވަން” އެހީތެރި ނުވާތީ އެމެރިކާގެ ރައީސް ތަކުރާރުކޮށް ގެންދަނީ ޗައިނާއަށް ބަހުގެ ހަމަލާތައް ދެމުންނެވެ. އެހެމްފަހުން އެކަމާ ގުޅޭގޮތުން ޓްރަމްޕް ދެއްކި ވާހަކަތަކަށް ރައްދުދެމުން ޗައިނާއިން ބުނެފައިވަނީ އީރާނާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ފެށުމުގެކުރިން ހޮރްމޫޒު ކަނޑުއޮޅި އޮތީ މުޅިން ހުޅުވާލެވިފައި ކަމަށެވެ. އެއްވެސް ކަމަކާނުލައި އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައި ހޮރްމޫޒު ދުނިޔެއަށް ބަންދުކުރީ އެމެރިކާއިން ކަމަށްވެސް ބުނެފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ