އީރާނަށް އަސްކަރީ ހަމަލާދޭން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުޅެނީ، އީރާނާއެކު ކުރިއަށްގެންދާ ވާހަކަތަކުން އެކަށީގެންވާ ކުރިއެރުމެއް ނުލިބި އެކަމުގެ ނުތަނަވަސްކަމުގައި ކަމަށް އެމެރިކާގެ މީޑިއާއިން ބުނެފިއެވެ.
އީރާނަށް އަސްކަރީ ހަމަލާދޭން ފަށަން ޓްރަމްޕް މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ މީޑިއާ ވަސީލަތްތަކުން ރިޕޯޓް ކުރަމުން އެބަ ގެންދެއެވެ. އީރާނަށް ހަމަލާދިނުމާ ގުޅޭގޮތުން ޓްރަމްޕް ރޭގައިވަނީ އޭނާގެ ސެކިއުރިޓީ ޓީމާއެކު މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވާފައެވެ. ވާހަކަ ދައްކާފައިވަނީ ދެތިންދުވަސްތެރޭ އީރާނަށް ހަމަލާދިނުމަށެވެ. ނަމަވެސް، ސީދާ ވަކި ދުވަހެއް ނިންމާފައި ނުވާކަމަށް ވެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ފެށުމަކީ އެކަމުގެ މާލީ ގެއްލުން އެމެރިކާއަށް ވަރަށް ބޮޑަށް ކުރިމަތިވާނޭ ކަމެވެ. ކުރިން ކުރި 40 ދުވަހުގެ ހަނގުރާމައިގައިވެސް އެމެރިކާއަށް އެތައް ބިލިއަން ޑޮލަރެއްގެ މާލީ ގެއްލުން ލިބި، އަސްކަރީ އެތައް މަތިންދާ ބޯޓެއް ހަލާކުވެ، އެތައް ސިފައިން މަރުވެ، މެދުއިރުމަތީގައި ހުރި އެމެރިކާގެ ގިނަ ބޭސްތައް އީރާނުން ހަމަލާދީ ހަލާކުކޮށްލިއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕަށް އެމެރިކާގެ އެތެރެއިން އިގްތިސާދީ ބޮޑެތި ޕްރެޝަރުތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެމެރިކާގެ ކޮންގްރެސްއިންވެސް ދަނީ ހަނގުރާމަ ނުފެށުމަށް ޕްރެޝަރ ކުރަމުންނެވެ. ތެލާއި ގޭހުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައި ވެއެވެ. ތަކެތީގެ އަގުތައް ދަނީ އަތްނުފޯރާފަށަށް މަތިވަމުންނެވެ. އެމެރިކާ ރައްޔިތުންގެ މެދުގައި ޓްރަމްޕްގެ މަގްބޫލްކަން ނުހަނު ދަށްވެފައި ވެއެވެ. ރައްޔިތުން ތިބީ ނުރުހިފައެވެ.
އެމެރިކާގެ ރައީސްގެ ކުރިމަތީގައި އޮތީ ދެ ގޮތެކެވެ. އެއްގޮތަކީ، އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމެވެ. އަނެއްކާވެސް އިތުރު ގެއްލުންތަކާ ކުރިމަތިލުމެވެ. އެމެރިކާގެ މިޑްޓާރމް އިންތިޚާބު ކުރިމަތީގައި އޮއްވައި، ރިޕަބްލިކަން ޕާޓީއާއި އަދި އޭނާއަށްވެސް ބޮޑެތި ގެއްލުންތައް ލިބޭގޮތަށް ހަނގުރާމަ ފެށުމެވެ. މިޑްޓާރމް އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ޓްރަމްޕް އިމްޕީޗްކޮށް މަގާމުން ދުރުކުރާނޭކަން ގައިމުވެފައި ވެއެވެ.
އަނެއްގޮތަކީ، އެމެރިކާއާއި ދުނިޔެއަށް ކުރިމަތިވެގެން އުޅޭ އިގްތިސާދީ ކާރިޘާ ނިމުމަކަށް ގެނައުމަށްޓަކައި ހަނގުރާމަ ނިންމާލިކަން އިއުލާން ކުރުމެވެ.
އެމެރިކާއިން އަންގަނީ އެމެރިކާގެ ޑިމާންޑްތަކަށް އީރާނު އެއްބަސްވުމަށެވެ. ނޫނީ ހަމަލާ ދޭނޭ ކަމަށެވެ. އީރާނުން އަންގަނީ އީރާނު ރައްޔިތުންގެ ހައްގުތައް ގަބޫލުކޮށް އީރާނުގެ ޑިމާންޑްތަކަށް ޓްރަމްޕް އެއްބަސްވުމަށެވެ. ދެފަރާތުންވެސް ދޫދޭތަނެއް ނުފެނެއެވެ. ޓްރަމްޕް އުޅެނީ ހަނގުރާމައިން މޮޅުވިކަން އިއުލާން ކުރެވޭފަދަ އެއްބަސްވުމެއް ހެދުމަށެވެ. އީރާނުން ދަނީ މުލައްދަނޑީގެ ބާރު ދައްކައި އެހެން އެކަން ނުވާނޭކަން ދައްކަމުންނެވެ.
އަނެއްކޮޅުން، އެމެރިކާއިން ހަނގުރާމަ ފަށަން އުޅޭކަމުގެ ކޮޅުމަތި ފެނިގެން އީރާނުގެ ލަޝްކަރުތައް މިހާރުވަނީ ތައްޔާރީ ހާލަތަށް އައިސްފައެވެ. ހަނގުރާމައިގެ ފުރިހަމަ ތައްޔާރީތައް އީރާނުންވަނީ ވެފައެވެ.
އީރާނުން މިހާރުވަނީ އެގައުމުގެ ހުޅަނގު ވައިގެ ސަރަހައްދު، މަތިންދާ ބޯޓުތަކަށް ބަންދުކޮށްފައެވެ. ތެހެރާނުގެ ވައިގެ ސަރަހައްދު ބެލެހެއްޓުން އިތުރަށް ފުޅާކޮށްފައި ވާއިރު، އީރާނުގެ ތެލާ ގުޅުންހުރި މައި ރަށްތަކުގެ ސަލާމަތީ ފިޔަވަޅުތައްވެސް ވަރަށް ވަރުގަދަ ކޮށްފައި ވެއެވެ. ޚާއްސަކޮށް ޚަރްޖް އައިލެންޑެވެ.


