ޑަބްލިއުޑީސީ ރައީސުންގެ މުސާރަ މުރާޖަޢާކޮށްފި

ޚަބަރު ފަހުގެ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ މުސާރަ ޕޭ ކޮމިޝަނުން މުރާޖަޢާކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއެއް، އިންތިޚާބު ކުރެވެއެވެ. 5 އަހަރުގެ ދައުރަކަށް މި ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރަނީ ރަށުގެ ތަރައްގީއަށް ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ލަފަޔާއި މަޝްވަރާ ދިނުމުގެ އިތުރުން މުުތަމަޢުއާ އަންހެނުންގެ ކުރިއެރުވުމަށް މަސައްކަތް ކުރުމަށެވެ. އެހެންނަމަވެސް އެ ފަރާތްތަކުގެ މުސާރަ ކުޑަވުމަކީ އޮތް ކަންބޮޑުވުމެއްއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި ކުރިން ލިބެނީ މަހަކު 7،000ރ. އެވެ. އަދި ނައިބު ރައީސުންނަށް 6،000ރ. ލިބޭއިރު މެމްބަރުންނަށް ލިބެނީ 5،000ރ. އެވެ. ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް 6،000ރ. ލިބޭއިރު، ނައިބު ރައީސުންނަށް 5،000ރ. އަދި މެމްބަރުންނަށް 4،000ރ. މަހަކު ލިބެއެވެ.

އެހެންނަމަވެސް އަންހެނުންގެ ކޮމެޓީގެ ރައީސުން ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ބައެއްގެ ގޮތުގައި ކަނޑައެޅުމާއެކު ކޮމެޓީތަކުގެ ރައީސުން މުސާރަތައް ރިވިއު ކުރުމަށްފަހު މުސާރަތަކަށް މިވަނީ ބަދަލު ގެންނަވާފައެވެ. ޕޭ ކޮމިޝަނުން ވިދާޅުވީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް މަހަކު 20،000ރ. ދިނުމަށާއި އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 15،000ރ. ދިނުމަށް ވަނީ ނިންމާފައިކަމަށެވެ.

އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންނާއި މެމްބަރުންގެ މުސާރައަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 7،000ރ. އަށް ބޮޑު ކޮށްފައިވާއިރު ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 6،000ރ. އަށް ވަނީ ބޮޑުކޮށްފައެވެ. އަދި ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަ 5000ރ އިން 6000ރއަށް ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަ 4000ރ އިން 5000ރއަށް ވަނީ ބޮޑުކޮށްފައިކަމަށް ޕޭ ކޮމިޝަނުން ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން މުހިންމު ދެ ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މީގެކުރިން ކައުންސިލްގެ ބަޖެޓުން ދެމުންދިޔަ %5 ދެގުނަ ބޮޑުކޮށް، %10 އަށް ވަނީ ބަދަލުކޮށްފައެވެ. އަނެއް ބަދަލަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސަކީ ކޮމިޓީގެ ބަޖެޓުން ދޭ އެއްޗެއްގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖައްސާ އެލަވަންސަކަށް ވަނީ ހަދާފައެވެ.

މި ބަދަލުތައް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުވުމުގެ މަޤްޞަދުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ