އިންޑިއާގެ ޒުވާނުން އުފައްދައިގެން އުޅޭ އޮންލައިން ޕާޓީ “ކޮކްރޯޗް ޖަންތާ ޕާޓީ – ސީޖޭޕީ” ގެ ވާހަކަ ގިނަ ބަޔަކު މިހާރު ވާނީ އަޑުއަހާފައެވެ. މިއީ، އިންޑިއާގެ ޒުވާނުން އުފައްދައިގެން އުޅޭ، ޒުވާނުން ބައިވެރިވާ ހަރަކާތެކެވެ.
ޒުވާނުންގެ މި ހަރަކާތަށް “ކޮކްރޯޗް ޖަންތާ ޕާޓީ” ގެ ނަމުން ނަންދީފައި ވަނީވެސް ސަބަބާ ހެދިއެވެ. އެއީ، އިންޑިއާގެ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ނުވަތަ ޗީފް ޖަސްޓިސް ސޫރިޔަ ކާންޓް، އިންޑިއާގައި ވަޒީފާނެތި އުޅޭ ބައެއް ޒުވާނުންނަށް ނިސްބަތް ކުރައްވައި އެއީ “ކުރަފިތަކެކޭ” ވިދާޅުވުމުން އެކަމަށް ނިސްބަތް ކޮށެވެ. ވަޒީފާނެތި އުޅޭ ޒުވާނުންނަށް ނިސްބަތް ކުރައްވައި ޗީފް ޖަސްޓިސް އެފަދަ ދެރަބަހެއް ވިދާޅުވުމުން އެކަމާ ވިއްދައިގެން ނަންދިނީއެވެ.
އެހެންވެ، އެކި ކަންކަމުގައި ޒުވާނުންގެ އަޑުތައް އުފުލަން “ކޮކްރޯޗް ޖަންތާ ޕާޓީ” ގެ ނަމުގައި އޮންލައިން ޕާޓީއެއް އުފެއްދީ އުމުރުން 30 އަހަރުގެ އަބިޖީތު ދިޕްކޭ ނަމަކަށްކިޔާ ޒުވާނެކެވެ. އެއީ، އެމެރިކާގައި ދިރިއުޅޭ އިންޑިއާގެ ޒުވާނެކެވެ. އޭނާ އެމެރިކާގައި ދިރިއުޅޭތާ ދެއަހަރެއްހާ ދުވަސްވެއްޖެއެވެ.
އޭނާ މި ހަރަކާތް ފެށީ މާބޮޑު މަގްބޫލްކަމެއް ލިބޭނޭ ކަމަށް ބަލައިގެނެއްވެސް ނޫންކަމަށް ވެއެވެ. އެހެން ނަމަވެސް “ކޮކްރޯޗް ޖަންތާ ޕާޓީ” ގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޒުވާނުން ބައިވެރިވާން ފެށީ ފަތުއަޑުކިޔާފައެވެ. އެ ޕާޓީ އުފެއްދިތާ މިވީ ކުރު މުއްދަތުގެ ތެރޭގައި އިންސްޓަގްރާމް އެކައުންޓް ފޮލޯކުރި މީހުންގެ އަދަދު އެކަނިވެސް 22 މިލިއަނަށްވުރެ މަތިވެގެން ދިޔައެވެ. އިންޑިއާގެ ވެރިކަމުގައި މިހާރުއޮތް ބީޖޭޕީގެ އިންސްޓަގްރާމް އެކައުންޓް، ވޭތުވެދިޔަ ދިހަ ބާރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ފޮލޯކޮށްފައިވަނީ 9.3 މިލިއަން މީހުންނެވެ.
“ކޮކްރޯޗް ޖަންތާ ޕާޓީ” ގެ ސޯޝަލް މީޑިއާ އެހެން އެކައުންޓްތައް ފޮލޯކުރާ މީހުންގެ އަދަދުތައްވެސް ވަނީ އިންތިހާއަށް އިތުރުވެގެން ގޮސްފައެވެ.
“ކޮކްރޯޗް ޖަންތާ ޕާޓީ” އަށް އިންޑިއާގައި ލިބެމުންދާ މަގްބޫލުކަން އަދިވެސް އިތުރުވެ ފުޅާވަމުންދާއިރު، ބައެއް ފަރާތްތަކުން މި ހަރަކާތް އަޅާކިޔަނީ އަވަށްޓެރި ބަންގްލަދޭޝް އާއި ނޭޕާލްގައި ކުރިއަށްދިޔަ ޖެން-ޒީގެ ހަރަކާތްތަކާއެވެ. ބަންގްލަދޭޝްއާއި ނޭޕާލްގައި އޮތް ކޮރަޕްޓް ސަރުކާރުތައް ވައްޓާލީ ޖެން-ޒީ ނުވަތަ ޒުވާނުން ނުކުމެ ކުރި މަސައްކަތުންނެވެ.
“ކޮކްރޯޗް ޖަންތާ ޕާޓީ” އަށް ފޮލޯކުރާ މީހުން ގިނަވުމާއި، އެމީހުންގެ ހަރަކާތްތައް ފުޅާވާން ފެށުމުން، އިންޑިއާ ސަރުކާރުން މިކަން ހުއްޓުވަން ފިޔަވަޅުތަކެއް އަޅާނޭކަމުގެ ބިރު ކުރިންވެސް އޮތީ ހީވެފައެވެ. މިހާރު ކަން ވަމުންދަނީވެސް އެ ބީދައިންނެވެ.
“ކޮކްރޯޗް ޖަންތާ ޕާޓީ” އުފެއްދި އުމުރުން 30 އަހަރުގެ އަބިޖީތު ދިޕްކޭ އެމެރިކާގައި ހުރެ ބުނީ، އޭނާ އިންޑިއާއަށް ހިނގައްޖެނަމަ ހައްޔަރު ކޮށްފާނެކަމުގެ ބިރު މިހާރު އުފެދިފައިވާ ކަމަށެވެ. އޭނާއަށް މަރުގެ އެތައް އިންޒާރުތަކެއް ލިބެމުންދާ ކަމަށްވެސް، ރޮއިޓަރސްއަށް ދިން އިންޓަރވިއުއެއްގައި އަބިޖީތު ދިޕްކޭ ބުނެފައި ވެއެވެ.
މީގެއިތުރުން، އެ ޕާޓީއަށް ނިސްބަތްވާ ސޯޝަލް މީޑިއާ ހުރިހާ އެކައުންޓްތައްވެސް އިންޑިއާގައި ސެންސަރުކޮށް ބްލޮކުރަން ފަށާފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.
“ކޮކްރޯޗް ޖަންތާ ޕާޓީ” ގެ އެކްސް އެކައުންޓް އިންޑިއާ ސަރުކާރުން ބްލޮކްކުރުމުން އެ އެކައުންޓް އަލުން ލިބޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އަބިޖީތު ބުނެފައި ވެއެވެ. އިންސްޓަގްރާމް ޕޭޖް ހެކްކޮށްފައިވާތީ އެ ޕޭޖް ރިކަވަރ ކުރެވޭތޯވެސް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.
އަބިޖީތު ދިޕްކޭ ބުނެފައިވަނީ، އެމެރިކާގައާއި އަދި އިންޑިއާގައި ދިރިއުޅޭ އޭނާގެ އާއިލާގެ މެމްބަރުންގެ ސަލާމަތާމެދު ވަރަށް ކަންބޮޑުވާ ކަމަށެވެ. އެއީ، އޭނާއަށް ޖިސްމާނީ އަނިޔާ ކުރާނޭ ކަމަށް ބުނެ ދެމުންގެންދާ އިންޒާރުތަކާ ގުޅިގެންނެވެ.
“ކޮކްރޯޗް ޖަންތާ ޕާޓީ” ގެ އޮންލައިން ޕްލެޓްފޯމްތަކަށް ބަޔަކު ހުރަސްއަޅަން މިފެށީ، އެ ޕާޓީގެ ފަރާތުން ބައެއް ހަރަކާތްތައް ރާވައި އެކަން އިއުލާންކުރަން ފެށި ހިސާބުންނެވެ. އޭގެ ތެރެއިން އެއްކަމަކީ، އިންޑިއާގެ މައި ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރާ ދެކޮޅަށް ޖޫން 6 ގައި ކުރަން ރާވާފައިވާ މުޒާހަރާއެވެ.
“ކޮކްރޯޗް ޖަންތާ ޕާޓީ” އިންޑިއާގައި ހަރަކާތްތެރިވަނީ ސިއްރަކުންނެއް ނޫނެވެ. އެ ޕާޓީގެ ޒުވާން މޫނުތައް އެކި ދިމަދިމާއިން މިހާރު ފެންނަން ފަށާފައި ވެއެވެ. އެ ޕާޓީން ތަރުޖަމާނުގެ ގޮތުގައި ތިން ޒުވާނުން ކަނޑައަޅާފައި ވެއެވެ. އޭގެ ތެރެއިން އިސް ތަރުޖަމާނެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އިންވެސްޓިގޭޓިވް ޖާރނަލިސްޓެއް ކަމަށްވާ ސައުރަވް ދާސްއެވެ.
ނިއުދިއްލީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސައުރަވް ދާސް ބުނީ، “ކޮކްރޯޗް ޖަންތާ ޕާޓީ” ގެ ލީޑަރު އަބިޖީތު ދިޕްކޭ ޖޫން 6 ވަނަ ދުވަހުގެ ހެނދުނު 8 ޖަހާއިރު، އެމެރިކާއިން އެނބުރި އިންޑިއާއަށް އަންނާނޭ ކަމަށެވެ. އަދި ހުރިހާ ސަޕޯޓަރުން އެއަރޕޯޓަށް ދިއުމަށްވެސް އޭނާ އެދިފައި ވެއެވެ.
ދިއްލީގެ ޖަންތަރު މަންތަރުގައި ހަމަ އެދުވަހު މުޒާހަރާކުރަންވެސް އެޕާޓީންވަނީ ނިންމާފައެވެ. އެއަރޕޯޓުން ލީޑަރާއެކު އެމީހުން މިސްރާބު ޖަހާނީ ސީދާ ޖަންތަރު މަންތަރު މައިދާނަށެވެ. މުޒާހަރާގައި ބައިވެރިވުމަށް އިންޑިއާގެ ސިޔާސީ ހުރިހާ ޕާޓީތަކަށް ތަރުޖަމާނު ވަނީ ދައުވަތު ދީފައެވެ.
ނިއުދިއްލީ އެއަރޕޯޓް ސަރަހައްދަކީ އިންޑިއާގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ސަރަހައްދެކެވެ. އިންޑިއާގެ ސަލާމަތީ ބާރުތަކުން ގިނަ ބަޔަކު އެއަރޕޯޓް ސަރަހައްދަށް އެއއްވިޔަކަ ނުދޭނެއެވެ. އަނެއްކޮޅުން، “ކޮކްރޯޗް ޖަންތާ ޕާޓީ” ގެ ލީޑަރު އިންޑިއާއަށް އައުމާއެކު އޭނާ ހައްޔަރު ކޮށްފާނެ ކަމަށްވެސް މިހާރު ވަނީ ބެލެވިފައެވެ.
“ކޮކްރޯޗް ޖަންތާ ޕާޓީ” ގެ އަގު ވައްޓާލަން އިންޑިއާގެ ސޯޝަލް މީޑިއާގައި އެތައް ބަޔަކު ގެންދަނީ އެތައް ވާހަކަތަކެއް ފަތުރަމުންނެވެ. ބައެއް މީހުން އެކަމާއި މުސްލިމުންނާވެސް ގުޅުވައެވެ. އިންޑިއާ މީހުންގެ ތާއީދު ހޯދަން ހަރުކަށި ހިންދޫން އެންމެ އިސްވެ ކުރާ ކަމަކީ ހިންދޫންނާއި މުސްލިމުން ޖެއްސުމެވެ. ދެން ދައްކާނީ ޕާކިސްތާނުގެ ވާހަކައެވެ.
އެކަމަކު، އިންޑިއާގެ ވަރަށް ހަރު މީހުންވެސް، ޒުވާނުންގެ މި ހަރަކާތާ ފާޅުގައި ދަނީ ގުޅެމުންނެވެ. އެހެންވެ، ޒުވާނުންގެ މި ހަރަކާތް ހުއްޓުވަން އިންޑިއާގެ މައި ސަރުކާރަށް ވަރަށް އުނދަގޫވާނޭ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.



