ހެލްތް މިނިސްޓްރީން ބުނެފައިވަނީ މި ޕްރޮގްރާމަކީ ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ދިރާސާ ރިޕޯޓްގެ އަލީގައި ތައްޔާރުކުރެވުނު ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމަކީ ހެލްތް މިނިސްޓްރީއާއި ޔުނިސެފް، ފެމިލީ ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގުޅިގެން ކުރިއަށްގެންދާ “ޗައިލްޑް އެންޑް ފެމިލީ ވެލްބީންގ ޕްރޮޖެކްޓް” ގެ ދަށުން ހިންގޭ މުހިންމު މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މި ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ދިރާސާ ރިޕޯޓް އިފްތިތާޙުކޮށްދެއްވީ ހެލްތް މިނިސްޓަރު ގީލާ އަލީ އެވެ. އަދި ޤައުމީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
މިއަދު އިފްތިތާހުކުރެވުނު ދިރާސާ ރިޕޯޓަކީ އާއިލީ ނުތަނަވަސްކަމުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަންކަން ކުޑަކުރުމަށް ކުރެވޭނެ މަސައްކަތްތަކަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ. އަދި މި ދިރާސާގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމަކީ އާއިލާތަކަށް ކުރިމަތިވާ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރާއި ގާބިލުކަންހުރި މީޑިއޭޓަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ބުނެފައިވެ އެވެ.
ހެލްތް މިނިސްޓްރީން ބުނެފައިވަނީ، ދިރާސާ ރިޕޯޓުގެ ހޯދުންތަކުން ދައްކާގޮތުގައި، ކުޑަކުދިންގެ ދުޅަހެޔޮކަމާއި އެކުދިންގެ ކުރިއެރުން ސީދާގޮތެއްގައި ގުޅިފައިވަނީ އަންހެނުން ނުވަތަ އެކުދިން ބަލަހައްޓާ ފަރާތްތަކުގެ ތަޖުރިބާތަކާ ކަމަށެވެ. އަދި އިންސާނާގެ ހަޔާތުގެ ހުރިހާ މަރުހަލާއެއްގައި ވެސް ނާޒުކު ހާލަތްތައް ކުރިމަތިވާކަން ދިރާސާއިން ފާހަގަކޮށްފައިވާ ކަމަށާއި، އެގޮތުން ކައިވެނީގެ ކުރިން، ކައިވެނީގެ ތެރޭގައި، ދެމަފިރިން ވަކިވާ މަރުހަލާގައި އަދި ވަރިވުމަށްފަހު ވެސް އާއިލާތަކަށް ނާޒުކު ހާލަތްތައް ދިމާވާ އާއްމު ގޮތްތައް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން މި ހުރިހާ އާއިލީ ދިރިއުޅުމުގެ އެންމެހާ މަރުހަލާއެއްގައި ވެސް އާއިލީ ހަމަޖެހުން ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ މުއާމަލާތް ކުރުން ކުޑަވުން ނުވަތަ މުއާމަލާތް ކުރުމުގައި ހުރި ހުރަސްތައްކަން ދިރާސާއިން ހާމަވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. މިކަމުގެ ސަބަބުން ކުޑަކުދިން އިތުރަށް ނާޒުކު ހާލަތްތަކަށް ހުށަހެޅިގެންދާކަން ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް ގެ މައިގަނޑު މަޤްސަދަކީ އާއިލީ މައްސަލަތަކުގައި ކޯޓުން ބޭރުގައި، ވާހަކަދައްކައިގެން ސުލްހަވެރި ހައްލު ހޯދައިދޭނެ ޤާބިލު މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމެވެ. މި ޕްރޮގްރާމުގެ “ޓްރެއިނިންގ އޮފް ޓްރެއިނާސް” ބައި ފެށުމަށް ހަމަޖެހިފައިވަނީ 21 ޖޫން ގަ އެވެ. އަދި މިފެށޭ ޖުލައި މަސްތެރޭގައި މީޑިއޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ވަނީ ބޭއްވުމަށް ހަމަޖެހިފަ އެވެ.


