ނަތަންޔާހޫ މަގާމުން ދުރުކުރަން އެމެރިކާއިން މަސައްކަތް ފަށައިފި، ނަތަންޔާހޫގެ ރައްދު އަންނާނެގޮތެއް އަންދާޒާކޮށްލަންވެސް ނޭނގޭ

ޚަބަރު ފަހުގެ ދުނިޔެ

އިސްރާއީލުގެ ބޮޑުވަޒީރުކަމުން ބެންޖަމިން ނަތަންޔާހޫ ދުރުކުރަން އެމެރިކާއިން މަސައްކަތް ފަށައިފި ކަމުގެ ރިޕޯޓްތައް ފެތުރޭން ފަށައިފިއެވެ. އިސްރާއީލުގެ މީޑިއާ ވަސީލަތްތަކުންވެސް މި ވާހަކަ ދައްކަން ފަށައިފިއެވެ.

މިކަމުގެ ރިޕޯޓްތައް ފެތުރޭން މިފެށީ، އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އެއްބަސްވުމާ ނަތަންޔާހޫ ދެކޮޅު ހެދުމާއި، ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލުމާއި، އެމްއޯޔޫ ފެއިލްކޮށްލަން ނަތަންޔާހޫ ފާޅުގައި މަސައްކަތް ފެށުމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެހެންކަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލުން މިހާރުވަނީ، ނަތަންޔާހޫ މަގާމުން ދުރުކޮށް، އޭނާގެ ބަދަލުގައި ވެރިކަމަށް ގެންނާނެ ފަރާތްތަކާ ސިއްރު މުއާމަލާތްތައް ފަށާފައެވެ. އެގޮތުން، އެމެރިކާ ސަރުކާރުން މުއާމަލާތް ކުރަމުންދަނީ ނަތަންޔާހޫއަށްފަހު އިސްރާއީލުގެ ބޮޑުވަޒީރު ކަމަށް އަންނާނެ ކަމަށް ބެލެވިފައިވާ އިދިކޮޅު ލީޑަރު ނަފްޓަލީ ބެނެޓްއާއި، ގާޑީ އެއިސެންކޮޓްއާއެވެ.

ގާޑީ އެއިސެންޓްގެ ޔަޝަރް ޕާޓީގެ މަގްބޫލުކަން އިސްރާއީލުގައި ދަނީ އިތުރުވަމުންނެވެ. ނަފްޓަލީ ބެނެޓްވަނީ ކުރިއަށްއޮތް އިންތިޚާބުގައި ނަތަންޔާހޫ ބަލިކުރަން އިދިކޮޅު ކޯލިޝަނެއްވެސް ހަދާފައެވެ. އެ ކޯލިޝަންގައި އިދިކޮޅު ލީޑަރު ޔައިރް ލެޕިޑާއި، ކުރީގެ ޑިފެންސް މިނިސްޓަރު ބެނީ ގަންޓްޒްއާއި، ލީބަރމަންވެސް ހިމެނެއެވެ. އިސްރާއީލުގައި އާންމު އިންތިޚާބު ބާއްވަން އުޅެނީ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

އެމެރިކާއިން ނަތަންޔާހޫ މަގާމުން ދުރުކުރަން އުޅެނީ އިންތިޚާބުގެ ކުރިންކަމެއް ނުވަތަ އިންތިޚާބުން ބަލިކޮށްގެންކަމެއް ސާފެއް ނުވެއެވެ.

އީރާން-އެމެރިކާ އެމްއޯޔޫއާ ގުޅިގެން އެމެރިކާއާއި އިސްރާއީލާ ދެމެދު މީގެކުރިން ދުވަހަކުވެސް ނުޖެހޭ ވަރަށް ބޮޑެތި މައްސަލަތައްޖެހިފައި ވެއެވެ. އެމެރިކާގެ ރައީސް ޓްރަމްޕާއި ނަތަންޔާހޫގެ ގުޅުމުގައި ކުނިޖެހިފައި ވެއެވެ.

އީރާނާއެކު ހެދި އެމްއޯޔޫގެ ދަށުން ލުބުނާނަށްދޭ ހަމަލާތައް ހުއްޓާލަން އެމެރިކާގެ ރައީސް އެންގުމުން ނަތަންޔާހޫ ބުނީ އެކަން ނުވާނޭ ކަމަށެވެ. އެމެރިކާއިން އިތުރަށް ބިރު ދެއްކުމުން ނަތަންޔާހޫ ވަނީ، އެމެރިކާ ދެކޮޅު ހެދިޔަސް، އިސްރާއީލަށް އެހީ ނުވިޔަސް، ގުޅުން ކަނޑާލިޔަސް ލުބުނާނަށް ހަމަލާދިނުން ހުއްޓާނުލާނޭ ކަމަށާއި، ލުބުނާނުން ސިފައިންވެސް ނުބާލާނޭ ކަމަށެވެ.

ހަމަ އެއާއެކު، ނަތަންޔާހޫ، އޭނާގެ ކެބިނެޓުގައި ހިމެނޭ ޒަޔަނިސްޓު ހަރުކަށި ދެ މިނިސްޓަރުން ކަމަށްވާ ބެން ގްވީރާއި، ސްމޮރިޗް ލައްވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި، ނައިބް ރައީސް ޖޭޑީ ވެންސްއަށް ފާޅުގައި އެއްޗެހި ގޮވައި، ޓްރަމްޕާއި ވެންސްގެ އަގު، އެމެރިކާ ރައްޔިތުންނާއި ދުނިޔޭގެ ކުރިމަތީގައި ވެއްޓޭގޮތަށް އެތައް ވާހަކަތަކެއް ދައްކާފައި ވެއެވެ.

ނުވިތާކަށް، ނަތަންޔާހޫ ދެން ދިމާކުރީ، އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ޔަހޫދީން ގަނެފައިވާ ގޮނޑިތަކުގައި ތިބި މެމްބަރުންނާއި، އެމެރިކާގެ ޔަހޫދީ ލޮބީ ގްރޫޕްތަކުގެ އެހީތެރިކަމުގައި އީރާން އެމްއޯޔޫ ޓްރަމްޕް ލައްވައި ކެންސަލް ކުރުވުމަށެވެ. އެކަމުގެ ތެރޭގައި ޓްރަމްޕްގެ ޕާޓީއަށް ނިސްބަތްވާ އަދި ޓްރަމްޕަށް ކުރިން ވަފާތެރި އެތައް މެމްބަރުންވަނީ ފާޅުގައި ޓްރަމްޕާ ދެކޮޅަށް ތެދުވެފައެވެ.

ނުވިތާކަށް، ޔަހޫދީ ލޮބީ ގްރޫޕްތަކުން ފައިސާ އަޅައިގެން އެމެރިކާގައި ހިންގާ މީޑިއާ ވިއުގަތަކާއި، އިސްރާއީލުގެ މީޑިއާއިންވެސް ޓްރަމްޕާއި، ޖޭޑީ ވެންސާ ދެކޮޅަށް ވަރުގަދަ ކެމްޕެއިން ފަށާފައި ވެއެވެ.

މިކަހަލަ އެތައް ސަބަބާހުރެ ޓްރަމްޕްވެސް، ނައިބް ރައީސްވެސް މިހާރު ތިބީ އިސްރާއީލު ދެކެ ވަރަށް ރުޅިއައިސްފައެވެ. ކޮންމެ ފަދަ ހާލަތެއްގައިވެސް އެމެރިކާއިން އިސްރާއީލު ދިފާއު ކުރާނޭކަން އެނގޭއިރުވެސް ނަތަންޔާހޫ ވަނީ ޓްރަމްޕާ ދެކޮޅު ވެފައެވެ.

އިސްރާއީލު އުފެއްދީއްސުރެ ޓްރަމްޕް ވެގެންދިޔައީ، އިސްރާއީލަށް އެންމެ “ވަފާތެރި” ރައީސަށެވެ. އިސްރާއީލަށް އެންމެ ބޮޑަށް އެހީވާ، އިސްރާއީލަށް އެންމެ ގިނަ ހަތިޔާރުދޭ، އިސްރާއީލުގެ ދެމިއޮތުމަށް އެންމެ ގަދައަޅައި މަސައްކަތްކުރާ ރައީސަށެވެ. އެހެންވެ، ނަތަންޔާހޫއާއި، އިސްރާއީލުގެ ވެރިންވެސް ކުރިން ބުނަމުން ގޮސްފައިވަނީ ޓްރަމްޕް އެމެރިކާގެ ވެރިކަމަށް އައުމަކީ “އިސްރާއީލަށް ލިބުނު ބޮޑު ނަސީބެއް” ކަމަށެވެ.

އިސްރާއީލުގެ ވެރިން އެތައް މަސައްކަތެއް ކުރިއިރުވެސް އީރާނާ ދެކޮޅަށް ހަނގުރާމައަށްދާން އެމެރިކާގެ ވެރިކަމަށް އައި އެއްވެސް މީހަކު އެއްބަހެއް ނުވިއެވެ. އިސްރާއީލުގެ ވެރިކަމުގައި ނަތަންޔާހޫ ހޭދަކުރި ވިއްސަކަށް އަހަރުގެ ތެރޭގައި ނަތަންޔާހޫ ނުކުރާކަށް ކަމެއް ނެތެވެ. އެންމެފަހުން އޭނާގެ އަތުގައި “ނަސީބު” ހިފީ ޓްރަމްޕް ވެރިކަމަށް އައުމުންނެވެ.

ޓްރަމްޕް ވެރިކަމަށް އައި ފުރަތަމަ ދައުރުގައި، ހިފާފައިވާ ގުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީގޮތުން ބަލައިގަތުމަށް ޓްރަމްޕް ނިންމައި އެކަން ކުރިއެވެ. ގުދުސްގައި އެމެރިކާ އެމްބަސީ ހުޅުވިއެވެ. އެމެރިކާގައި ހުރި ފަލަސްތީނު ސަރުކާރުގެ އޮފީސްތައް ބަންދުކުރިއެވެ. ފަލަސްތީނަށް މާލީ އެހީ ދިނުން ހުއްޓާލިއެވެ. މިއީ، އޭގެކުރިން އެމެރިކާގެ ވެރިކަމަށް އައި އެއްވެސް ރައީސަކު ކުރަން އެއްބަސްވި ކަމެއް ނޫނެވެ. ނުވިތާކަށް، ޓްރަމްޕްވަނީ، ވެރިކަން ނިމެމުން ދަނިކޮށް، އަބްހަރަމް އެކޯޑްސްގެ ނަމުގައި ކޯލިޝަނެއް ހަދައި، އަރަބި އިސްލާމީ ގައުމުތަކާއި އިސްރާއީލާ ގުޅުން އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. ޓްރަމްޕްގެ ވެރިކަން ނިމުނުއިރު، ހައެއްކަ ގައުމުން އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރިއެވެ. އެއީ، އޭގެ ސަބަބުން އެ ގައުމުތަކަށް ލިބޭންއޮތް އިގްތިސާދީ، މާލީ އަދި އަސްކަރީ ފައިދާއަށް ބަލައިގެންނެވެ.

ޓްރަމްޕް ވެރިކަމަށް އައި ދެވަނަ ދައުރުގައި ނަތަންޔާހޫ މިވަނީ، އީރާނާ ގުޅޭގޮތުން އެތައް ދޮގު ވާހަކަތައް ދައްކައި، އީރާނަކީ އެމެރިކާއާއި ޔޫރަޕަށްވެސް އޮތް ބޮޑު ނުރައްކަލެއްކަން ޓްރަމްޕަށް ވިސްނައިދީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އޮބާމާގެ ވެރިކަމުގައި ހެދި އެއްބަސްވުން ރޫޅާލާފައެވެ. ދެން ޑިމާންޑް ކުރަންފެށީ އީރާނުން އައު އެއްބަސްވުމެއް ހެދުމަށެވެ. އެކަމުގައި އީޔޫއާއި، ހުޅަނގުގެ ގައުމުތައްވެސް ދުވީ ޓްރަމްޕް ފަހަތުންނެވެ.

އެންމެފަހުން ނަތަންޔާހޫގެ ބަހަށް ހެއްލިގެން އެމެރިކާގެ ރައީސް ޓްރަމްޕް އީރާނާ ދެކޮޅަށް ހަނގުރާމައަށްވެސް ނުކުތީއެވެ. އީރާނުގެ އެތަންމިތަނަށް ބޮންއަޅައި، މިސައިލުން ހަމަލާދީ އެތަކެއް ކުޑަކުދިންނާއި އާންމުން މަރައި، އީރާނަށް ބޮޑެތި ގެއްލުންތައް ދިނީއެވެ. އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ބޮންއަޅަން ފެށީ އެންމެ ހަތަރު ދުވަހުން “އީރާނުގެ ކަންތައް ނިންމާލަން” ތާވަލް ކޮށްގެންނެވެ. ނަމަވެސް، ކަން ވެގެންދިޔައީ އެމެރިކާވެސް އިސްރާއީލުވެސް ހީކުރި ގޮތަކަށް ނޫނެވެ.

އެމެރިކާއިން ބޭނުންވި އެއްވެސް ކަމެއް އިސްރާއީލުން ބޭނުންވި އެއްވެސް ކަމެއް ހާސިލްނުވެ، ހަނގުރާމައިން ބަލިވީއެވެ. އެއްބަސްވުމެއް ހެދުމަށް މަސައްކަތް ކުރަނީ ބަލިވީކަމަށް ނުދެއްކުމަށެވެ. އެކަމަކު، މިހާރު ހުށަހެޅިފައިވާ ކަންކަމުންވެސް، އީރާނު ހިންދެމިލާނޭ ކަމާއި، އީރާނު ދެން ބަލި ނުކުރެވޭނޭކަން ގައިމުވެފައި ވެއެވެ.

ނަތަންޔާހޫ އަދިވެސް އުޅެނީ އެމެރިކާ ލައްވައި އީރާނަށް ބޮންއަޅައި ސުންނާތިކޮށް، އީރާނުގެ ދުވަސް ދުއްވާލުމަށެވެ. ނަތަންޔާހޫ އަންގަނީ އެކަން ކުރެވޭނޭ ކަމަށެވެ. ނަމަވެސް، މިފަހަރު ޓްރަމްޕް ނުހެއްލުނެވެ. ޓްރަމްޕް އެކަމާ އެއްބަހެއް ނުވިއެވެ.

އެމެރިކާއިން އޭނާ މަގާމުން ދުރުކުރަން މަސައްކަތް ފަށައިފިކަން ޚުދު ނަތަންޔާހޫއަށްވެސް އެނގޭ ކަމަށް ވެއެވެ. ދެން އޮތީ ނަތަންޔާހޫ އަސްލު ސިފަ ދެއްކުމުގެ މަރްހަލާއެވެ. އެއީ، އީރާނާއި އެމެރިކާއާ ދެމެދު ހެދި އެމްއޯޔޫ ފެއިލްވެގެންދާނެ ފަދަ ޖަރީމާއެއް ދުނިޔޭގައި ހިންގުމަށެވެ. ކޮންމެފަދަ ކަމެއް ކުރަންވެސް އޭނާ ފަސް ނުޖެހޭނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ