އެސްޓީއޯ ފާމަސީތަކުގެ ޚިދުމަތް މެދުކަނޑާލުމަށް އެ ކުންފުނިން ނިންމައިފި

ޚަބަރު ފަހުގެ

އެސްޓީއޯއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ ބޭސްފިހާރަތަކުގެ ޚިދުމަތް ކުރިއަށް އޮތް ތިން ދުވަހަށް މެދުކަނޑާލުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ދައުލަތުގެ އައު ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައިސްއާ އޮޕަރޭޝަންތައް ހަވާލުކުރުމުގެ ކުރިން އިންވެންޓްރީ ނެގުމުގެ ބޭނުމުގައި މި މަހުގެ 24، 25 އަދި 26 ވަނަ ދުވަހު އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓް ކުރިއަށްގެންދަން ފާމަސީތައް ބަންދުވާނެ ކަމަށެވެ. ނަމަވެސް އިމަޖަންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބަދަލާ އެކު، އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެސްޓީއޯގެ ދަށުގައިވާ ހުރިހާ ބޭސްފިހާރައެއް ހިންގުމުގެ ފުރިހަމަ ޒިންމާ ނަގާނީ ސްޓޭޓް ފާމާއިންނެވެ. އަދި ރާއްޖެއަށް ބޭނުންވާ އެންމެހާ ބޭސް އެތެރެކުރުމާއި ސަޕްލައިކުރުމުގެ މައިގަނޑު ދައުރު ވެސް އަދާކުރާނީ ހަމަ އެ ކުންފުނިންނެވެ. މީގެ އިތުރުން، އައު މެނޭޖްމަންޓުގެ ދަށުން ސްޓޮކް ބެލެހެއްޓުން ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ސޮފްޓްވެއަރ ނިޒާމުތައް އިންސްޓޯލްކުރުމުގެ މަސައްކަތް ޖުލައި މަސް ފެށުމުގެ ކުރިން އެއްކޮށް ނިންމާލުމަށް ސްޓޭޓް ފާމާއިން ވަނީ އަމާޒުހިފާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދައުލަތުގެ އައު ބޭސް ކުންފުނިން މިހާރު ވެސް ވަނީ އައިޖީއެމްއެޗްގައި އެ ކުންފުނީގެ ފުރަތަމަ އައުޓްލެޓް ހުޅުވައި ޚިދުމަތް ދޭން ފަށާފައެވެ. އަދި އާންމު ރައްޔިތުންނަށް ފަސޭހައިން ބޭސް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން 1050ގެ ނަމުގައި ހާއްސަ ހޮޓްލައިނެއް ތައާރަފުކޮށް، އާސަންދައިގެ ދަށުންނާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ޕްރިސްކްރިޕްޝަންތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ