މާލީ ވަޒީރުގެ މަގާމަށް އައްޔަންކުރައްވާފައިވާ ހަސަން ޒަރީރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ޒަރީރުގެ ނަން ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް ވޯޓަށް އެހުމުން، އޭނާއަށް ރުހުން ދިނުމަށް ފާސްވީ 49 މެންބަރުންގެ ތާއީދާއެކުގައެވެ.
ޒަރީރު މާލީ ވަޒީރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވީ މިދިޔަ މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ވަޒީރުކަމުގެ ޒިންމާގެ އިތުރުން، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އެންމެ އިސްވެރިޔާގެ މަސްއޫލިއްޔަތުވެސް ރައީސް ވަނީ ޒަރީރާ ހަވާލުކުރައްވާފައެވެ.
ހަސަން ޒަރީރަކީ މި ސަރުކާރުގެ ތިންވަނަ މާލީ ވަޒީރެވެ. މި ސަރުކާރުގެ ފުރަތަމަ މާލީ ވަޒީރަކީ ޑރ. މުހައްމަދު ޝަފީގެވެ. އޭގެ ފަހުން އެ މަގާމު ފުރުއްވީ މޫސާ ޒަމީރެވެ.
މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޒަރީރަކީ 2000 ވަނަ އަހަރުން ފެށިގެން އޮޑިޓް އަދި ޓެކްސްގެ ދާއިރާގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމާއި، ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕާސަންކަންވެސް އޭނާ ކުރެއްވިއެވެ. މީގެ އިތުރުން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީގެ ފައިނޭންސް ޑިރެކްޓަރުގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ޒަރީރު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އެކައުންޓިންގ އަދި ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައެވެ. އަދި އޭނާއަކީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ ފެންވަރުގެ ޗާޓަރޑް އެކައުންޓަންޓެއްގެ ކޮލިފިކޭޝަންވެސް ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.


