ހޮރްމޫޒް ކަނޑުއޮޅިގައި އުޅަނދުފަހަރަށް ހިދުމަތް ދިނުމުގެ ގާނޫނީ އޮނިގަނޑާ ބެހޭގޮތުން އުމާނާއެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާބިލާފް ވިދާޅުވެއްޖެއެވެ.
އީރާނު ޕާލަމެންޓުގެ ރައީސަކީ، އެމެރިކާއާ އެކު ބާއްވާ ވާހަކަތަކުގައި އީރާނުގެ ފަރާތުން ބައިވެރިވެވަޑައި ގަންނަވާ އެންމެ އިސް މަންދޫބުވެސް މެއެވެ.
މުހައްމަދު ބާގިރު ގާލިބާފް މިއަދު ވިދާޅުވީ، އުމާނާއެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށާއި، ހޮރްމޫޒު ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ފުރިހަމަ އިސްތިގުލާލު ދެމެހެއްޓޭނެ ކަމަށެވެ.
އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާބިލާފް ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އެމްއޯޔޫއީން، އީރާނުގެ ކިބައިން ހޮރްމޫޒުގެ ކޮންޓްރޯލް ނުނެގޭ ކަމަށެވެ. އެމްއޯޔޫގައި ހަމައެކަނި ބުނެފައިވަނީ، އޭގައި ހިމެނޭ 60 ދުވަހުގެ ތެރޭގައި ހޮރްމޫޒުން އެއްވެސް ފީއެއް ނުނެގޭނެކަން ކަމަށެވެ. އެކަމަކު، 60 ދުވަހަށްފަހު ހޮރްމޫޒު ހިންގުމާއި، ބެލެހެއްޓުމަށްޓަކައި އީރާނާއި އުމާނާ ވާހަކަ ދައްކައިގެން އުސޫލުތަކެއް ކަނޑައެޅުމުގެ ދޮރު ފުޅާ ދާއިރާއެއްގައި ހުޅުވިފައިވާ ކަމަށް އީރާނު ޕާލަމެންޓުގެ ރައީސް ވިދާޅުވެފައި ވެއެވެ.
ގާލިބާފް ވިދާޅުވީ، ހޮރްމޫޒު ކަނޑުއޮޅިއަކީ އީރާނާއި އުމާނުގެ ސަރަހައްދީ ކަނޑުތައް ކަމަށާއި، އީރާނުން ހޮރްމޫޒް މިލިޓަރައިޒް ކޮށްފައިވާ ކަމަށް ބުނެ އެ ކަނޑުތަކުގެ ކޮންޓްރޯލް ނަގަން ނުވަތަ ހަގީގަތް އޮޅުވާލައި ހީލަތްތެރިކަމާއެކު ހޮރްމޫޒަށް ބާރު ފޯރުވުމުގެ ފުރުސަތު އެމެރިކާއަށް ނުދެއްވާނެ ކަމަށެވެ. އީރާނުން ހަމަހިލާ ދޫނުދޭނޭ ކަމަށްވެސް ގާލިބާފް ވިދާޅުވިއެވެ.
އީރާނު ޕާލަމެންޓުގެ ރައީސް ވިދާޅުވީ، ހޮރްމޫޒު މިހާރު ވެފައިވަނީ ހަނގުރާމައިގައި އީރާނަށް ލިބުނު އެންމެ ވަރުގަދަ ހަތިޔާރަށް ކަމަށާއި، އެހެންކަމުން އެ ހަތިޔާރު އީރާނުން އެއްވެސް ގޮތަކުން ދޫނުކުރާނޭ ކަމަށެވެ.
އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އެމްއޯޔޫގެ ދަށުން އެމެރިކާއިން ފުރިހަމަ ކުރަންޖެހޭ ކަންކަން ނުކުރާތީ، އީރާނުން މިހާރުވަނީ އެމެރިކާއާ ވާހަކަ ދެއްކުން ހުއްޓާލާފައެވެ. ގަތަރުގައި ބާއްވަން ތާވަލްކުރި ވާހަކަތަކަށްވެސް އީރާނު ނުދިޔައެވެ.
އީރާނުން ބުނަނީ، އެމެރިކާއިން ވައުދުތައް ފުރިހަމަ ކުރުމުންނޫނީ، ދެން އެއްވެސް ވާހަކައެއް ނުދައްކާނޭ ކަމަށެވެ. ދޯހާގައި ބާއްވަން ތާވަލްކުރި ވާހަކަތައް ކެންސަލް ވެފައިވާކަން ގަތަރުވެސް ހާމަކޮށްފައި ވެއެވެ.
އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އެމްއޯޔޫގެ ފުރަތަމަ މާއްދާގައި ހިމެނެނީ އިސްތިއުމާރީ އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމެވެ. އެމެރިކާއަކަށް އިސްރާއީލު ނުހުއްޓުވުނެވެ.
އެމެރިކާއިން މިދިޔަ ހަފްގާ ބަންދުތެރޭގައި ދެ ފަހަރެއްގެމަތިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނީ، އީރާނުން ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރި އުޅަނދުފަހަރަށް ހަމަލާދިނުމުން އެކަމުގެ ރައްދުގައެވެ.
އީރާނުން ބުނަނީ، އެމެރިކާއިން ދިން ހަމަލާތަކަކީ ހަމަލާތައް ހުއްޓާލުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ދިން ހަމަލާތަކެއް ކަމަށެވެ. ހޮރްމޫޒް ހުރަސްކުރާ އުޅަނދުތަކަށް އީރާނުން އިންޒާރުގެ ހަމަލާތައް ދެނީ އީރާނުގެ ސަލާމަތީ ބާރުތަކާ ކޯޑިނޭޓްކުރަން އަންގާފައި އޮއްވައި އީރާނުގެ އެންގުމަށް ކިޔަމަން ނުވުމުންނެވެ. އީރާނުގެ އެންގުމާ ދެކޮޅަށް އެކަން ކުރުވަނީވެސް އެމެރިކާއިންނެވެ.
ދެފަރާތުން ބަދަލުކުރި ހަމަލާތަކާއެކު ސްވިޒަރލޭންޑް ވާހަކަތައް ކެންސަލްވެ، ފަހުން ގަތަރަށް ވާހަކަތައް ބަދަލުކުރީ، ދެން ކުރިމަތިލުންތަކަށް ނުދާން އީރާނާއި އެމެރިކާއިންވެސް އެއްބަސްވުމަށް ފަހުގައެވެ. އެކަމަކު، އެމެރިކާގެ ރައީސާއި، އެމެރިކާ ސިފައިންގެ އަމަލުތައް ހުރިގޮތުން އެކަން ދެމެހެއްޓޭނޭ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.



