އީރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި އޭނާގެ ދަރިކަލުން އަދި މިހާރުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
މުޖުތަބާ ޚާމަނާއީ ޖަނާޒާގައި ބައިވެރިވެވަޑައި ނުގަންނަވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ޚަބަރުތައް ބުނެއެވެ.
އީރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަން ފެށުމަށް ހަމަޖެހިފައިވަނީ މި ޖުލައިމަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ. އަދި ޖަނާޒާއާ ގުޅޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ވަޅުލުމަށް ހަމަޖެހިފައިވަނީ ޖުލައި 9 ވާ ބުރާސްފަތި ދުވަހުއެވެ.
ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލާފައިވަނީ، އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރި ސާޅީސް ދުވަހުގެ ހަނގުރާމަ ފެށި ފުރަތަމަ ދުވަސް ކަމަށްވާ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާނަށް ބޮމާއި މިސައިލުން ދިން ވަރުގަދަ ހަމަލާތަކުގައެވެ. އެ ހަމަލާތަކުގައި ޚާމަނާއީއާއި އާއިލާގެ އެތައް މެމްބަރުންވެސް އަވަހާރަވިއެވެ.
އީރާނުގެ ރޫހީ ލީޑަރުގެ ފަރާތުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު އާޔަތުﷲ ހަކީމް އިލާހީ، އިންޑިއާގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، މުޖުތަބާ ޚާމަނާއީ ޖަނާޒާގައި ބައިވެރިވެވަޑައި ނުގަންނަވާ ސަބަބުތަކުގެ ތެރޭގައި ޒަޔަނިސްޓު ދައުލަތުން މުޖުތަބާ ޚާމަނާއީ އަވަހާރަ ކޮށްލާނޭ ކަމަށް ތަކުރާރުކޮށް އިންޒާރުދިނުންވެސް ހިމެނޭ ކަމަށެވެ.
ޒަޔަނިސްޓު ދައުލަތުގެ ޑިފެންސް މިނިސްޓަރު އިހަށްދުވަހު ބުނެފައިވަނީ، އީރާނުގެ މިހާރުގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ އަވަހާރަ ކޮށްލަން އިސްރާއީލުން ރާވާފައިވާ ކަމަށެވެ.
އޭނާގެ މިއިންޒާރުތަކަށް ރައްދު ދެއްވައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އިއްޔެވަނީ، ޒަޔަނިސްޓުންނަށް ވަރުގަދަ އިންޒާރު ތަކެއް ދެއްވާފައެވެ. އަރަޣްޗީ ވިދާޅުވީ، “ތެލް އަވީވްގައި ކަރުމަޅި ނެއްޓި ދޫވެފައިވާ މާރިދުކަލޭގެ އޭނާގެ ވެރިމީހާ ޓްރަމްޕަށް ކިޔަމަން ނުކުރެވޭނަމަ ދެން އެކަން ކުރާނީ އީރާނުން” ކަމަށެވެ.
އީރާނާއި އީރާނުގެ ރައްޔިތުންނަށް ނުރައްކާ ކުރާނަމަ ޒަޔަނިސްޓުންނަށާއި، އެމީހުންގެ ވެރިކަލޭގެއަށް ނިކަން ރަނގަޅު ފިލާވަލެއް ދަސްކޮށް ދެއްވާނެ ކަމަށްވެސް އީރާނުގެ ޚާރިޖީ ވަޒީރު އިންޒާރު ކުރައްވާފައި ވެއެވެ.
އީރާނުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ދުނިޔޭގެ ސަތޭކަ އެތައް ގައުމަކުން އެތައް އިސްވެރިންނާއި، ޚާއްސަ މަންދޫބުންނަ ބައިވެރިވެވަޑައި ގަންނަވާއިރު، ޖަނާޒާގައި އެތައް މިލިއަން ބަޔަކު ބައިވެރިވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.
ޖަނާޒާގެ ކަންކަން ބޭއްވުމަށް ހަމަޖެހިފައިވަނީ އާޔަތުﷲ އަލީ ޚާމަނާއީ ނިސްބަތްވެވަޑައިގަންނަވާ މަޝްހަދުގައެވެ.
ޒަޔަނިސްޓު ދައުލަތަށް ތާއީދުކުރާ އެމެރިކާގެ ހަރުކަށި ފިކުރުގެ ސިޔާސީ ސިޔާސީ އަންހެން އެކްޓިވިސްޓަކު ބުނެފައިވަނީ “ޖަނާޒާއަށް ބޮންއެޅުމަކީ އިސްތިއުމާރީ ސިފައިންނަށް ލިބޭނޭ ވަރަށް އެކަށޭނަ ފުރުސަތެއް” ކަމަށެވެ. އެހާވެސް މި ޒަޔަނިސްޓު ޓެރަރިސްޓުންނާއި، އެމީހުންނަށް ތާއީދުކުރާ މީހުންގެ ނުބައިކަން ބޮޑެވެ.



