ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެއެއް ނުގަނެވޭނެ: މެޓް

ޚަބަރު ފަހުގެ

ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެ ކަމަށް، ބިންހެލުމާ ގުޅޭ މައުލޫމާތު އާންމުންނަށް އޮޅޭ ގޮތަށް ސޯޝަލް މީޑިއާގައި ފަތުރަމުން ދަނިކޮށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލައި ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައި ނުވާ ކަމަށެވެ. އެކަމަކު، ދިގު މުއްދަތަކަށް ބަލާއިރު ބިންހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައެޅިދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނަމަވެސް، ބިންހެލުން އަންނާނެ ސީދާ ވަގުތެއް، ތާރީހެއް ނުވަތަ އަންނާނެ ސީދާ ތަނެއް ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ގޮތްތަކެއް ނެތް ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، އެ އިދާރާއިން އަންނަނީ ބިންހެލުންތަކުގެ މައުލޫމާތުތައް މެދުކަނޑުމެއް ނެތި ބަލަމުންނެވެ. ރާއްޖެއަށް އަސަރެއް ކޮށްފާނެ ފަދަ ބިންހެލުމެއް އަތުވެއްޖެ ނަމަ، އެ އިދާރާއިން އެ މައުލޫމާތު ލަސްނުކޮށް އާންމުންނަށް ހިއްސާކުރާނެ ކަމަށް ވެސް ބުންޏެވެ.

ބިންހެލުމަކީ ކުރިއާލައި ދެނެގަނެވޭ ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ޕޯސްޓުތަކާއި މެސެޖުތައް މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރަމުން އަންނާތީ އެކަމަށް ސަމާލުވާން މެޓް އޮފީހުން އިލްތިމާސްކުރި އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވާ ޕޯސްޓެއްގައި ވަނީ ރާއްޖެއާ އެންމެ ކައިރީގައި، އިންޑިއާ ކަނޑުގައި އޮންނަ ޓެކްޓޯނިކް ޕްލޭޓް ކާލްސްބާގު ރިޖަށް 5.2 މެގްނިޓިއުޓްގެ ބިންހެލުމެއް ކުރިއަށް އޮތް ދުވަސްތަކުގައި އަތުވާނެ ކަމަށާއި އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖޭގެ ވެރިރަށް، މާލެއާ 900 ކިލޯމީޓަރު ދުރުގައި އޮންނަ ކާލްސްބާގު ރިޖަކީ ދޭތެރެއަކުން ކުދި ބިން ހެލުންތައް އަންނަ ސަރަހައްދެވެ.

އެ ސަރަހައްދަށް އެންމެ ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނީ ޖުލައި 15، 2003 ގަ އެވެ. އެއީ 7.6 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ.

ބިންހެލުން އާންމުކޮށް އުފެދެނީ ޓެކްޓޯނިކް ދެ ޕްލޭޓު ގުޅޭ ސަރަހައްދުތަކުގައި، އެއް ޕްލޭޓު އަނެއް ޕްލޭޓްގެ ހަރަކާތްތަކާ ގުޅިގެން އަންނަ ގުޑުމެއްގެ ސަބަބުންނެވެ. އެ ގޮތަށް ދެ ޕްލޭޓު ޖެހުމުން، އެ ސަރަހައްދުގައި ޖަމާވެފައި ހުންނަ ހަކަތަ ބޭރުވެ، ސައިސްމިކް ރާޅުތަކެއް އުފެދެ އެވެ. އެ ހިނދު، ދެ ޕްލޭޓު ދުރުވެ، ބިންހެލުމެއް އުފެދެނީ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ