ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް މ.ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މި މަޤާމަށް އަމްޖަދު ޢައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި އަމްޖަދު މުޞްޠަފާ މަޤާމުގެ ހުވައިކުރެއްވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. އަމްޖަދަށް މަޤާމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ.
އަލްއުސްތާޛު އަމްޖަދު މުޞްޠަފާއަކީ ތަޢުލީމީ ގޮތުން ޝަރީޢާ އެންޑް ލޯ އިން ބެޗްލަރސް ޑިގްރީ އަދި މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލްކުރައްވާފައިވާ، ޤާނޫނީ ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، އަމްޖަދު ވަނީ މީގެ ކުރިންވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ. މީގެ އިތުރުން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.


