ހަމަލާތައް ހުއްޓާލަން އީރާނާއެކު ވެފައިވާ އެއްބަސްވުމާއި، އެމްއޯޔޫއަށް އަލުން އެނބުރިދާން ޓްރަމްޕް ހުށަހަޅައިފި

ޚަބަރު ފަހުގެ ދުނިޔެ

ހަމަލާތައް ހުއްޓާލަން އީރާނާއެކު ވެފައިވާ އެއްބަސްވުމަށް އަލުން އެނބުރިދާން އެމެރިކާއިން ބޭނުންވެގެން އީރާނަށް ހުށަހަޅައިފިއެވެ.

މީގެއިތުރުން، ޕާކިސްތާނު މެދުވެރިވެގެން ހަދައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އިލެކްޓްރޯނިކޮށް ސޮއިކުރެއްވި އެމްއޯޔޫއަށްވެސް އަލުން އެނބުރިދާން އެމެރިކާއިން ހުށަހަޅާފައިވާ ކަމަށް އީރާނު ސަރުކާރުގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ އީރާނު މީޑިއާއިން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމެރިކާގެ މި ހުށަހެޅުންތައް އައީ، އީރާނާއި އެމެރިކާއާ ދެމެދު މީޑިއޭޓަރެއް މެދުވެރިކޮށް މިހާރު ބަދަލު ކުރަމުންދާ މެސެޖްތަކުގައެވެ.

އީރާނާއެކު ބާއްވާ ވާހަކަތަކުގައި ޔަމަނުގެ މައްސަލަވެސް ހިމަނަން ބޭނުންވެގެން އެމެރިކާއިން ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނާއެކު ދެން ހަދާ އެއްބަސްވުމެއްގައި ޔަމަނުގެ ހޫޘީން ހިމަނަން އެމެރިކާގެ ރައީސް ޓްރަމްޕް ބޭނުންވާ ކަމަށް ވެއެވެ.

ގަތަރު މެދުވެރިކޮށް އަދި އިރާގުގެ ބޮޑުވަޒީރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހުށަހެޅުންތަކާއި، ވާހަކަތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރާ އެކި ގައުމުތަކުން މި ހަފްތާގައި ހުށަހެޅި އެއްވެސް ހުށަހެޅުމެއް އީރާނުން ގަބޫލެއް ނުކުރިއެވެ.

އަދި އެމެރިކާއާ އެއްވެސް ހާލަތެއްގައި އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށްވެސް އީރާނުގެ ވެރިން މި ހަފްތާގައި ވިދާޅުވެފައި ވެއެވެ.

ހަމަލާތައް ހުއްޓާލުމަށް އީރާނާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފްވެ އިސްވެ އީރާނަށް ހަމަލާދޭން ފެށީ އެމެރިކާއިންނެވެ. އަދި ޕާކިސްތާނު މެދުވެރިވެގެން ހެދި އެމްއޯޔޫ އުވާލިކަން އިއުލާންކުރީވެސް އެމެރިކާގެ ރައީސެވެ.

އެއްބަސްވުންތައް އުވާލައި އެމެރިކާއިން ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އީރާނުގެ އެތައް ސިޓީއަކަށާއި، އެތައް ރަށަކަށް މިސައިލާއި، ބޮމާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ވައިގެ ހަމަލާތަކެއްދީ ބޮޑެތި އުދުވާނުތަކެއް ހިންގާފައި ވެއެވެ.

އީރާނުގެ އަސްކަރިއްޔާއާ ގުޅުންހުރި ތަންތަނުގެ އިތުރުން، އީރާނުގެ ބްރިޖްތަކާއި، ބިމުއަޑީގެ މަގުތަކާއި، ކޯޒްވޭތަކާއި، އެއަރޕޯޓްތައް ފަދަ މަދަނީ އެތައް ތަނަކަށް އެމެރިކާ ސިފައިން ހަމަލާ ދީފައި ވެއެވެ.

އެމެރިކާގެ އުދުވާނީ ހަމަލާތަކުގައި އީރާނުގެ އެތަކެއް އާންމުންނާއި، ސިފައިންގެ އެތައް ބަޔަކު މަރުވެފައި ވެއެވެ. އީރާނު ރުޅިއައީ އެހެންވެގެންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، ހޮރްމޫޒު ހުރަސްކުރާ އުޅަނދުތަކަށް އީރާނުން ހަމަލާދޭނަމަ، އީރާނުން ހަމަލާދޭ ކޮންމެ އުޅަނދަކަށް އީރާނުގެ އިންޖީނުގެއެއް ނުވަތަ ބްރިޖެއް ގޮއްވާލަން ފަށާނޭކަމުގެ އިންޒާރު ދީފައެވެ. ވެރިރަށް ތެހެރާނަށްވެސް ހަމަލާދޭނޭ ކަމަށް ޓްރަމްޕް އިންޒާރު ކޮށްފައި ވެއެވެ.

އީރާނުގެ މަދަނީ ތަންތަނަށް އެމެރިކާ ސިފައިން ހަމަލާދޭން ފަށައިފިނަމަ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެއްވެސް އިންޖީނުގެއެއް، ބްރިޖެއް އަދި އެމެރިކާގެ އަސްކަރިއްޔާއާއި އެމެރިކާގެ ސަރުކާރުގެ މަސްލަހަތު ހިމެނޭ އެއްވެސް ތަނެއް ސަލާމަތް ނުވާނޭ ކަމަށް ބުނެ އީރާނުގެ އިންގިލާބީ ލަޝްކަރުން ވަރުގަދަ އިންޒާރުތަކެއް ދިނުމަށްފަހު ރައްދު ހަމަލާތައް ދޭނޭ ތަންތަނުގެ ލިސްޓުވެސް އާންމުކުރިއެވެ.

އީރާނުން އެމެރިކާގެ ބޭސްތަކަށާއި، އެމެރިކާ ސިފައިން ފިލާތިބި ތަންތަނަށާއި، އެމެރިކާގެ ޖާސޫސީ މައި އިދާރާއިން ގަލްފްގެ ގައުމުތަކުގައި ސިއްރު ހަރަކާތްތައް ހިންގާ ތަންތަން ހޯދައި، އެ ތަންތަނަށް ސީދާ އަމާޒުކޮށް ހަމަލާތައް ދޭން ފެށުމުން އެމެރިކާ ސަރުކާރަށާއި، އެމެރިކާ އަސްކަރިއްޔާއަށްވެސް ސިހުންލިބި، ރައްކާތެރި ފިޔަވަޅުތަކެއް އަޅާން މަޖުބޫރުވިއެވެ. ޖާސޫސީ މައުލޫމާތު އީރާނާ ހިއްސާކުރަނީ ރަޝިޔާ ނުވަތަ ޗައިނާ ކަމަށް ޝައްކުކުރިއެވެ.

އީރާނާއި ވާހަކަ ދައްކައި، އަނެއްކާވެސް އެއްބަސްވުމެއް ހެދުމުގެ ވާހަކަ އެމެރިކާގެ ރައީސާއި، އެމެރިކާ ސަރުކާރުން ދައްކަމުން ގެންދާއިރު، އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފެށުމަށް އެމެރިކާ ސިފައިން ސަރަހައްދަށް ހަތިޔާރު ޖަމާކުރަމުންގެންދާކަން ރިޕޯޓްތަކުން އެނގެއެވެ.

އެމެރިކާ އަސްކަރިއްޔާގައި ބޭނުންކުރާ ބޮންއަޅާ އެންމެ ބޮޑެތި މަތިންދާ ބޯޓުތަކާއި، ބިންގަނޑު ތޮރުފައިގެން ހަމަލާދޭ ބޮންތަކާއި، ހަމަލާދޭ ޖެޓުތަކަށް ވައިގެ ތެރޭގައި ތެޔޮއަޅާ ދުއިސައްތަ އެތައް ބޯޓެއް އިސްރާއީލަށާއި، ސަރަހައްދުގެ އެހެން ގައުމުތަކުގައި ހުރި އަސްކަރީ ބޭސްތަކަށް ޖަމާކުރަމުންދާ ދިއުމަކީ، އީރާނު ސުންނާފަތިކޮށްލަން އެމެރިކާގެ ރައީސް ރާވާފައިވާކަން ހާމަވާ ކަމެކެވެ.

އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަކުރަން އެމެރިކާ ސިފައިން ތައްޔާރީތައް ވަމުންދާއިރު، އީރާނަށް ހަމަލާދޭން ހުރިހާ މާނައެއްގައި އެހީތެރިވާން އިނގިރޭސި އައު ބޮޑުވަޒީރު ވަނީ ނިންމާފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕަށް އީރާނު އެއްވެސް ވަރަކަށް އިތުބާރު ނުކުރި ނަމަވެސް، މަޝްވަރާގެ ދޮރު ބަންދުކުރަން ބޭނުން ނުވާތީ އީރާނުން މެސެޖްގެ ޒަރީއާއިން އެމެރިކާއާ ވާހަކަ ދެއްކި ނަމަވެސް، އީރާނު އޮތީ ގައުމު ދިފާއުކުރުމަށް އަދި ދުޝްމަނުން އިނދަޖައްސާލަން ފުރިހަމައަށް ތައްޔާރުވެގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ