ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޚަބަރު ފަހުގެ

ރާއްޖޭގައި އިންސާނުންގެ ގުނަވަން ހަދިޔާކުރުމާއި ބަދަލުކުރުމުގެ ހިދުމަތްތަކާ ގުޅޭ ފުރިހަމަ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމަށްޓަކައި އަލަށް އެކުލަވާލި “އިންސާނީ ގުނަވަން ބަދަލުކުރުމުގެ ބިލު” ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހަޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާއަކުން އެ ބިލު ފާސްކޮަށް، ތަސްދީގުކުރުމަށް ފޮނުވުމުން، ރައީސް ވަނީ، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން އެ ބިލު އަނބުރާ ފޮނުއްވާފަ އެވެ.

ރައީސްގެ ހުށަހެޅުއްވުންތަކަށް ރިއާޔަތްކޮށް ބިލު ދިރާސާކުރުމަށްފަހު، މަޖިލީހުން އަލުން ފާސްކުރީ މި މަހު 14 ގަ އެވެ.

އެ ބިލު އެކުލަވާލައްވާފައިވަނީ، ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހިދުމަތް ރައްކާތެރިކަމާއެކު ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލައި އެކަމާ ގުޅޭ އުސޫލުތައް ކަނޑައަޅައި، ހިދުމަތް ދޭ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައެޅުމުގެ މަގުސަދުގަ އެވެ.

މި ބިލުގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމާ ގުޅޭ އާންމު ހަމަތަކާއި ގުނަވަން ހަދިޔާކުރާ މީހުންނާއި ލިބިގަންނަ ފަރާތުގެ ހައްގުތައް ބަޔާންކޮށްފައިވެ އެވެ.

ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ނިޒާމާބެހޭ ސިޔާސަތުތައް ކަނޑައަޅާނީ ރައީސް އެކުލަވާލައްވާ “އޯގަން ޓްރާންސްޕްލާންޓް ކައުންސިލް” އިންނެވެ. އަދި ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަދޭނީ އެ ގާނޫނުގެ ދަށުން އެކުލަވާލާ “އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ” އިންނެވެ.

މީގެއިތުރުން ޓްރާންސްޕްލާންޓްކުރުމުގެ އިޖުރާތުތަކާއި މިންގަނޑުތަކާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓްކުރުމުގެ ކުށާއި އަދަބު އެ ބިލުގައި ކަނޑައަޅާފައިވެ އެވެ.

އިންސާނީ ގުނަވަން ބަދަލުކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށާނީ އެ ގާނޫނު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން 180 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ