ގދ. ފަރެސްމާތޮޑާ ކައިރީ އޮންނަ ފަޅުރަށަކުން ގަވާއިދާ ހިލާފަށް ވެލި ނެގި ބަޔަކު ހުއްޓުވައި، ނެގި ތަނަށް އެ ވެލިތައް އަޅުވައިފި އެވެ.
ބޮޑު ދޯންޏަކަށް ބަރުކޮށްފައި ހުރި ވެލި ބަސްތާތައް، ރާޅުޖަހާ ހިސާބު ގޮނޑުދޮށަށް އަޅައި ހުސްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އެ ރަށު ކައުންސިލުން ފޭސްބުކްގައި ވަނީ އާންމުކޮށްފަ އެވެ.
އެ ކައުންސިލުން ވަނީ، ފަޅުރަށްތަކުން ވެލި ނެގުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަން ހަނދާންކޮށްދީ، ރަށްތައް ހިމާޔަތްކުރުމުގައި އެންމެންގެ އެއްބާރުލުމަށް އެދިފައެވެ.
ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދުގައި ވަނީ، ފަޅު ރަށްރަށުގެ ގޮނޑުދޮށުން، ޚާއްސަ ހުއްދައެއް ނެތި ވެލި ނެގުން މަނާކޮށްފައެވެ. އެހެންނަމަވެސް، އެކި ބޭނުންތަކަށް ރަށްރަށުގެ ގޮނޑުދޮށުން ވެލި ނެގުމަކީ ޒަމާނުއްސުރެ ވަރަށް އާންމު ކަމެކެވެ.


