މާލެ އިން ބޭރުގައި ގާއިމުކުރި ފުރަތަމަ ޕިކްޕޯސްޓުގެ ހިދުމަތް ހދ. ކުޅުދުއްފުށީގައި ގާއިމުކޮށް، އެ ތަނުން ހިދުމަތް ދޭން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެފިއެވެ.
އާދީއްތަ ދުވަހު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ހުޅުއްވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު އެވެ.
ކުޅުދުއްފުށީގައި ހުންނަ ޝަހީދު ކޯޕްރަލް ހުސެއިން އާދަމް ހަނދާނީ ބިނާ ކައިރީގައި ހުޅުވި މި ޕިކްޕޯސްޓްގެ ސަބަބުން ޕާރުސަލް ނެގުމަށް ކިއުގައި މަޑުކުރަން ނުޖެހި، ކަސްޓަމަރުންނަށް ފަސޭހަ ވަގުތެއްގައި ޕާރުސަލް ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޕޯސްޓް އޮފީހުން ބުނީ ޕާރުސަލް ނެގުމަށް މެސެޖުކުރާ ވަގުތުން ފެށިގެން ކޮންމެ ވަގުތަކު ވެސް ހިދުމަތް ހޯދޭނެ ކަމަށެވެ.
ކުޅުދުއްފުށީގެ ޕޯސްޓު އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ރަށްތަކާއި އެހެން ސިޓީތަކަށް ޕާރުސަލް ފޮނުވުމުގެ އިތުރުން، ރާއްޖެއިން ބޭރުގެ ގައުމުތަކަށް ޕޯސްޓްކުރުމުގެ ހިދުމަތް ވެސް ލިބޭނެއެވެ.
މީގެ އިތުރުން ދިވެހި އުފެއްދުންތެރިންނަށް ހާއްސަ “ރަށު އޮންލައިން ފިހާރަ” ނުވަތަ “ކޮމިއުނިޓީ އޮންލައިން ޝޮޕް” މެދުވެރިކޮށް ތަކެތި ވިއްކުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަސްޓަމަރުންނަށް އިތުބާރާއެކު ތަކެތި ރައްދުކޮށްދިނުމުގެ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް ޕޯސްޓުން ބުނެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި “އީޓުކުރި ލޯކަލް” މެދުވެރިކޮށް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ވެސް އެ ޕްލެޓްފޯމްގެ ތެރެއިން ލިބިގެންދާނެއެވެ.
މިފަދަ މަސައްކަތްތަކުގެ ސަބަބުން ޕޯސްޓުގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗާ ހަރުދަނާވެ، ޒަމާނީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދެވޭނެއެވެ. އަދި މިފަދަ ޒަމާނީ ވަސީލަތްތަކާއެކު ހިދުމަތްތައް ފުޅާކުރުމަކީ ކަސްޓަމަރުންނަށް ލިބޭނެ ބޮޑު ލުޔެކެވެ.


