އިއްޔެ ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ބަންގްލަދޭޝް ސަރުކާރުގެ ހަދިޔާކުރެއްވި ގަސްތައް ރާއްޖެއާ ރަމްޒީ ގޮތުން ހަވާލުކޮށް ދެއްވީ، މި ވަގުތު ރާއްޖޭގައި ހުންނެވި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއް ރަޚްމާނެވެ. ގަސްތަކާ ރާއްޖޭގެ ފަރާތުން ހަވާލުވުވެވަޑައިގަތީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު ޢަލީ ޝަރީފެވެ.
ބަންގްލަދޭޝް އިން ހަދިޔާކުރި ގަސްތަކަކީ މިހާތަނަށް ބޭރު ޤައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގަސް ހަދިޔާކުރި ފަހަރެވެ. މީގެ ކުރިން ރާއްޖެ އަށް އެންމެ ގިނަ ގަސް ހަދިޔާކޮށްފައި ވަނީ ސްރީ ލަންކާއިންނެވެ. އެއީ 1000 ގަހެވެ.
ބަންގްލަދޭޝްއިން ހަދިޔާކުރި ގަސްތަކުގެ ތެރޭގައި ހިމެނެނީ ތިން ވައްތަރެއްގެ ގަހެވެ. އެއީ ހިޔާދޭ ގަސްގަހާއި، މާ އަޅާ ގަސްތަކުގެ އިތުރުން މޭވާ ގަސްތަކެވެ.
އިއްޔެ ތިން މިނިސްޓަރިން ލޮނުޒިޔާރަތް ޕާކުގައި ގަސް ވެސް އިންދެވި އެވެ.
މިނިސްޓަރު ޝަރީފް ވިދާޅުވީ ބަންގްލަދޭޝްއިން ގަސްތަކެއް ހަދިޔާކުރި އިރު، އެ ގައުމުމުން ރާއްޖެ އަށް ގަސްތައް ގެނައުމަށް މަގުފަހިކުރުމަށްޓަކައި އެ ޤައުމުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރާ އެކު އެކު މަޝްވަރާތަކެއް ވެސް ކުރެވުނު ކަމަށެވެ.
ބަންގްލަދޭޝް އިން ހަދިޔާކުރި މި ގަސްތަކަކީ ރާއްޖޭގައި ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއެއް ލިބުނު އެހީއެކެވެ.
ސަރުކާރުގެ އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދައުރުގައި އެ މަޝްރޫއު ފުރިހަމަކުރުމެވެ.


