ހޮރްމޫޒު ކަނޑުއޮޅި ހުޅުވުމާ ގުޅޭގޮތުން އެމެރިކާއާއި ގަތަރުން ހުށަހެޅި ޕްލޭނަކަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އެއްބަސްވެވަޑައިގެންފި ކަމަށާއި، ހޮރްމޫޒު ކަނޑުއޮޅި މުޅިން ހުޅުވާލަން އީރާނުން ނިންމައިފި ކަމަށް ބުނެ އެމެރިކާގެ ބައެއް މީޑިއާ ވަސީލަތްތަކާއި، ޒަޔަނިސްޓު އެކައުންޓުތަކުން އިއްޔެ ވަރަށް ގިނަ ޚަބަރުތައް ފަތުރާފައި ވެއެވެ.
ގަތަރާއި އެމެރިކާއިން ހުށަހެޅި ޕްލޭންގައިވަނީ، ހޮރްމޫޒު ހުރަސްކުރާ އުޅަނދުތައް ޕާޝިއަން ގަލްފްގެ އީރާނުގެ ކަނޑުގެ ސަރަހައްދުން ވަދެ އަދި އޮމާންގެ ކަނޑުގެ ސަރަހައްދުން ނުކުމެގެންދާ ގޮތަށް ކަމަށްވެސް ޚަބަރު ފަތުރާފައި ވެއެވެ.
ހަމަ އެއައެކު، ހޮރްމޫޒު ހުޅުވާލައިފި ކަމުގެ ރިޕޯޓްތަކެއް ފެތުރިގެންދިޔައެވެ. އެ ރިޕޯޓްތައް ފެތުރެމުންދަނިކޮށް ދެން ފެނިގެންދިޔައީ، އެމެރިކާއިން ޕީއާރް ސްޓަންޓެއް ޖައްސައި ކްރެޑިޓް ނަގަން އުޅުނު މަންޒަރެވެ. އެމެރިކާގެ ތެޔޮ ޓޭންކަރެއް ހޮރްމޫޒު ހުރަސްކުރަން އުޅުމުން، އީރާނުންވަނީ އެ ޓޭންކަރަށް އިންޒާރުގެ ހަމަލާ ދީފައެވެ. ޖީޕީސް ނިއްވާލައިގެން ހޮރްމޫޒު ހުރަސްކުރަން އުޅުނު ޓޭންކަރު އަނބުރާލަން އީރާނުން ދިން އިންޒާރުތަކަށް ކިޔަމަން ނުވުމުން މިސައިލް ހަމަލާ ދިނީ ޓެންކަރު ކައިރިން ކަނޑުގެ ސަރަހައްދަށެވެ. އެ އިންޒާރާއެކު ޓޭންކަރު އަނބުރާލާފައި ދިޔައީއެވެ. އެމެރިކާއިން ޖައްސަން އުޅުނު ސްޓަންޓް ފެއިލްވިއެވެ.
އަނެއްކާ، ހޮރްމޫޒު ސަރަހައްދުގައި އުދުހުނު އެމެރިކާގެ އަގުބޮޑު ޑްރޯންއެއް މިއަދުވެސް އީރާނު ސިފައިން ވައްޓާލާފައި ވެއެވެ.
މިކަންކަމުން އީރާނުން ސާބިތުކޮށްދޭން ބޭނުންވަނީ، ހޮރްމޫޒު ނުހުޅުވޭ ކަމާއި، ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ހޮރްމޫޒުގެ ކޮންޓްރޯލް އޮތީ އީރާނަށް ކަމެވެ.
ހުޅަނގާއި ޒަނިސްޓުން ފަތުރާ ޕްރޮޕަގެންޑާއަކީ އެމެރިކާގެ ރައީސް ޓްރަމްޕް އީރާނަށް ދޭންއުޅުނު ވަރުގަދަ ވައިގެ ހަމަލާތައް ހުއްޓުވާލީ އީރާނުން ހޮރްމޫޒު ހުޅުވަން އެއްބަސްވުމުން ކަމަށެވެ. އަދި އީރާނާއި އެމެރިކާއާ ދެމެދު އަލުން ވާހަކަތައް ފަށަންވެސް އީރާނު އެއްބަސްވުމުން ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، އީރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލީ އީރާނާއި އަދި ސަރަހައްދުގެ ބައެއް ގައުމުތަކުން ވަރަށް ބޮޑަށް އެދިގެން ކަމަށާއި، އީރާނާއި އެމެރިކާއާ ދެމެދު ވާހަކަ ދައްކަން ފުރުސަތު ދިނުމުގެގޮތުން ކަމަށެވެ. އޭގެފަހުން އެމެރިކާގެ ރައީސް އެތަކެއް ފަހަރު ބުނެފައިވަނީ، އީރާނާއި އެމެރިކާއާ ދެމެދު ވާހަކަ ދެކެވެމުންދާ ކަމަށާއި، އެއްބަސްވުމަކާ ހަމައަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އެއްބަސްވުމުގެ ދަށުން ހޮރްމޫޒު އެއްކޮށް ހުޅުވާލެވި އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްވެސް ނިމުމަކަށް ގެނެވޭނޭ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.
އެހެން ނަމަވެސް، އީރާނުން މިއަދު މިވަނީ، އެމެރިކާއާ އެއްވެސް ވާހަކައެއް ދެއްކުމުގެ ޕްލޭނެއް ނެތްކަން ކަމަށާއި، އަދި އެހެން ގައުމަކަށް ވަފުދެއް ފޮނުވުމުގެ ވިސްނުމެއްވެސް ނެތްކަން ހާމަކޮށްފައެވެ.
އީރާނުން ބުނެފައިވަނީ، ހޮރްމޫޒުގައި އައު ރޫޓެއް ކަނޑައަޅަން އީރާނާއި އުމާނާ ދެމެދު ދެކެވެމުންދާ ވާހަކަތަކަކީ ހޮރްމޫޒު ބަންދުކުރުމާއި އަދި ހުޅުވުމާ ގުޅިފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ. އީރާނުން ހޮރްމޫޒު އެއްކޮށް ހުޅުވަން އުޅޭ ކަމަށް ބުނެ ފަތުރާ ހުރިހާ ވާހަކަތަކެއް އީރާނުންވަނީ ތަކުރާރުކޮށް ދޮގުކޮށްފައެވެ.
އެމެރިކާއާއި ގަތަރުގެ ހުށަހެޅުމަށް ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އެއްބަސްވެވަޑައި ގެންފިކަމަށް ބުނެ ވާހަކަތައް ފަތުރަނީ އީރާނުގެ ވެރިކަމުގެ ތެރޭގައި ބޮޑެތި ކޯޅުންތައް އުޅޭކަމަށް ދައްކަން ކަމަށް، އީރާނުން ބުނެއެވެ.
ޒަޔަނިސްޓު މީޑިއާ ވަސީލަތްތަކުން ބުނަނީ، ހޮރްމޫޒު ހުޅުވާލަން އައްބާސް އަރަޣްޗީ އެއްބަސްވެވަޑައި ގެންނެވި ނަމަވެސް، އީރާނުގެ އިންގިލާބީ ލަޝްކަރުގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަހްމަދު ވަހީދީ އެއްބަސްވެވަޑައި ނުގަންނަވާނޭ ކަމަށެވެ. އެއީ ތެދަކަށްވުންވެސް ގާތެވެ. ސަބަބަކީ، އީރާނުގެ ފުރިހަމަ ކޮންޓްރޯލް ނޯންނަގޮތަށް ހޮރްމޫޒާ ގުޅޭ އެއްވެސް އެއްބަސްވުމެއް ހެދުމަށް ގަބޫލު ނުވާނޭ ކަމަށް އިންގިލާބީ ލަޝްކަރުގެ ވެރިން މީގެކުރިންވެސް އެތައް ފަހަރަކު ވިދާޅުވެފައި ވުމެވެ. އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީގެ ސްޓޭންޑަކީވެސް އެއީއެވެ.



