ހޮރްމޫޒުން އީރާނުގެ ބާރު ކަނޑުވާނުލެވުނު ކަމަށް އެމެރިކާގެ ރައީސް އިއުތިރާފްވެއްޖެ

ޚަބަރު ފަހުގެ ދުނިޔެ

ހޮރްމޫޒުގައި އީރާނުގެ ބާރު ކަނޑުވާ ނުލެވުނު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެފަހުން އިއުތިރާފް ވެއްޖެއެވެ.

އެމެރިކާގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނެފައިވަނީ، އުޅަނދުފަހަރު ހުރަސްކުރަން ހޮރްމޫޒު ރައްކާތެރި ނޫން ކަމަށެވެ. އީރާނުން ކަނޑުގައި އަޅާފައިވާ މައިންތަކާއި، އަދި އީރާނުން ހަމަލާ ދީފާނޭކަމުގެ ނުރައްކާ ހޮރްމޫޒުގައި އަދިވެސް އެބައޮތް ކަމަށާއި، އެހެންވެ، ޝިޕިންގ ކުންފުނިތަކުން ރިސްކް ނަގަން ބޭނުން ނުވާ ކަމަށާއި، އެއީ، އީރާނުން ހަމަލާ ދީފިނަމަ އެމީހުންގެ އެތައް ބިލިއަން ޑޮލަރެއްގެ މުދަލަށް ގެއްލުން ލިބޭނެތީ ކަމަށް ޓްރަމްޕް ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމެރިކާއިން މަސައްކަތް ކުރަމުން ގެންދިޔައީ، އެމެރިކާ ސިފައިންގެ ހިމާޔަތުގައި ތެޔޮ ޓޭންކަރުތަކާއި، އާގުބޯޓުފަހަރު ހޮރްމޫޒު ހުރަސް ކުރުމަށެވެ. އީރާނުން ހަމަލާދޭތީ ދެން މަސައްކަތް ކުރީ އޮމާނާ ގުޅިގެން އެކަން ކުރުމަށެވެ. އެގޮތަށްވެސް އުޅަދަކަށް ހޮރްމޫޒު ހުރަސް ނުކުރެވުމުން ދެން މަސައްކަތް ކުރީ އދގެ މެރިޓައިމް އޮގަނައިޒޭޝަނާ ގުޅިގެން ސަދަން ރޫޓެއް ކަނޑައަޅައި އެކަން ކުރުމަށެވެ.

ނަމަވެސް، އެމެރިކާ ސިފައިންގެ ހިމާޔަތުގައި އެންމެ އުޅަނދަކަށްވެސް ހޮރްމޫޒު ހުރަސް ނުކުރެވުނެވެ. ހޮރްމޫޒު މިހާރުވެސް ހުރަސްކުރެވެނީ އީރާނުން ކަނޑައަޅާ ރޫޓުތަކުން އީރާނުން ހުއްދަދޭ ތެޔޮ ޓޭންކަރުތަކާއި، އާގުބޯޓު ފަހަރަށް އެކަންޏެވެ.

އެމެރިކާއިން ގަދަބަސް ބުނަމުންދަނިކޮށް އީރާނުން މިހާރު މިވަނީ، ހޮރްމޫޒު މެނޭޖްކުރުމަށް އުމާނާއެކު 60 ދުވަހުގެ އެއްބަސްވުމެއް ހަދާފައެވެ. އެއްބަސްވުމުގައި ފީ ނަގަންވެސް ނިންމާފައި ވެއެވެ. ހޮރްމޫޒަށް އުޅަނދުފަހަރަށް ވަދެވެނީ އީރާނާ ގާތު ރޫޓުންނެވެ. ނުކުމެގެން ދެވެނީ އުމާނާ ގާތު ރޫޓުންނެވެ. އެކަމަކުވެސް، މުޅި ހޮރްމޫޒްގެ ކަންކަން ބަލަހައްޓާނީ އީރާނުންނެވެ. ނުވަތަ އެ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނަށް އޮންނަ ގޮތަށް ވަނީ އެއްބަސްވުން އެކުލަވާލާފައެވެ.

އުމާނަށް ޕްރެޝަރކޮށްގެން މަޝްވަރާތަކަށް ނުފޫޒު ފޯރުވައި އެމެރިކާއިން ބޭނުންވާ ކަންކަން އެއްބަސްވުމުގައި ހިމަނަން އެމެރިކާއިން ކުރި އެއްވެސް ކަމެއް ކާމިޔާބެއް ނުވިއެވެ.

އީރާނުގެ އެންގުންތަކާ ޚިލާފަށް ހޮރްމޫޒު ހުރަސްކުރަން އުޅޭ އުޅަނދުފަހަރަށް އީރާނު ބޭނުންވާ ވަގުތަކު ބޭނުންވާ ދިމާއަކުން ހަމަލާ ދިނުމުގެ ގާބިލްކަން އީރާނަށް ލިބިގެންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދުވަނީ އެއްބަސްވެފައެވެ.

އެމެރިކާ ސިފައިން ވައިގެ ހަމަލާތައްދީ އީރާނު “ބަލިކޮށްފައިވީނަމަވެސް” ޑްރޯން ހަމަލާދިނުމާއި، މިސައިލްތައް ފޮނުވާލުމާއި އަދި މައިންތައް އަޅައިގެން ހަމަލާދިނުމުގެ ގާބިލްކަން އީރާނަށް އަދިވެސް ލިބިގެންވާ ކަމަށް ޓްރަމްޕް ގަބޫލުކޮށްފައި ވެއެވެ. އެމެރިކާއިން ކެނޑިނޭޅީ އީރާނުގެ އައްސޭރިފަށުގެ ސިޓީތަކަށާއި، ހޮރްމޫޒުގައި ހިމެނޭ ޖަޒީރާތަކަށް ވަރުގަދަ ވައިގެ ހަމަލާތައް ދިނުމުންވެސް އީރާނު އަސްކަރިއްޔާގެ ގާބިލްކަން ނައްތައެއް ނުލެވުނެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ބުނެފައިވަނީ، ހަނގުރާމަ “ވަރަށް އަވަހަށް” ނިމޭނޭ ކަމަށެވެ. އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ވާހަކަތަކުން ކުރިއެރުންތައް ލިބެމުންދާ ކަމަށާއި، އެއްބަސްވުމަކާ ހަމައަށް ވަރަށް އަވަހަށް ދެވޭނޭ ކަމަށްވެސް ބުނެފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ