ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ދިޔަވެ، އަޑިއަށް ދިޔަ ސަޕްލައި ދޯނި ސަލާމަތްކުރުމުގައި އުޅެނިކޮށް ގެއްލުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ހޯދަން ބޭރުގެ އެހީ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
”ފްރެންޑްސް 4“ ނަމަކަށް ކިޔާ އެ ދޯނި އަޑިއަށްދާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ 10:40 ހާއިރެވެ. އެ ހާދިސާ ހިންގި އިރު، ދޯނީގައި އަށް މީހުން ތިބި އިރު، ދޯނީގެ ކައްޕި ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫން (35އ) ފިޔަވައި އެންމެން ސަލާމަތްވި އެވެ.
އެ ހާދިސާގައި ދެން ގެއްލުނީ ދޯނި ސަލާމަތްކުރަން އުޅުނު އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު (39އ) އަދި ފުލުހުންގެ ސާޖަންޓް އަލީ ނާފިއު (33އ) އެވެ.
ފޮރިން މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކެއްގައި ބުނީ ދޯނި ބަންޑުން ޖަހާލި ހާދިސާއާއި ގުޅިގެން ޑިފެންސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ އިތުރުން އެމްއެންޑީއެފް އާއި ފުލުހުންގެ މުއައްސަސާ އާއެކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
”މި ވަގުތުު އެންމެ އިސްކަން ދެނީ އެ ތިން މީހުން ހޯދުމަށް. މި އޮޕަރޭޝަނަށް ބޭނުންވާ އިތުރު އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމަށާއި އަޑިއަށްދިޔަ އުޅަނދާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭރުގެ ގައުމުތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން،“ ފޮރިން މިނިސްޓްރީން ޕޯސްޓުގައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ދޯނި ބަންޑުން ޖަހާލީ ގއ. ކުޑަލަފަރީގެ 4.1 ނޯޓިކަލް މޭލު ބޭރަށެވެ. އެ ސަރަހައްދުގެ ފުންމިނުގައި 1،645 މީޓަރު (5،489 ފޫޓު) ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އެ ފުންމިނުގައި ދޯނި އޮތް ނަމަ މައްޗަށް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.


