ގައުމީ އެއާލައިން، މޯލްޑިވިއަން އިން މޯލްޑިވިއަން ޖާނީޕްލަސް ގެ ނަމުގައި އާ ހިދުމަތްތަކެއް ތައާރަފްކޮށްފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، އާ ހިދުމަތްތައް ތައާރަފްކުރީ ފަސިންޖަރުންނަށް ހިދުމަތް ހޯދުމުގައި އިތުރު އޮޕްޝަންތައް ދިނުމަށް ކަމަށެވެ.
ޖާނީޕްލަސް ހިދުމަތާ އެކު ފަސިންޖަރުންނަށް މިހާރަށް ވުރެ ފްލެކްސިބަލް ހިދުމަތްތަކެއް ލިބޭނެ އެވެ. އެ ހިދުމަތުގެ ފުރަތަމަ ފޭސްގެ ތެރެއިން މުހިއްމު ފަސް ހިދުމަތެއް މިހާރު ލިބޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
ޖާނީޕްލަސް ފޭސް 1 ހިދުމަތްތައް:
1. ޖާނީޕްލަސް ޕްރިިއާ: އެ ހިދުމަތުގެ ދަށުން ކަސްޓަމަރުންނަށް ޕްރައޯރިޓީ ޗެކިން ހިދުމަތް އަދި ބެގޭޖް ހެންޑްލިން ލިބޭނެ އެވެ. އަދި އިންޓަނޭޝަނަލް ކަސްޓަމަރުންނަށް ވެސް ޕްރައޯރިޓީ ބޯޑިން ހިދުމަތް ލިބޭނެ އެވެ
2. ޖާނީޕްލަސް ބޭގްސް: އެ ހިދުމަތުގެ ތެރެއިން ކަސްޓަމަރުންނަށް އިތުރަށް ބެގޭޖް ބޭނުންވާ ފަރާތްތަކަށް ބެގޭޖް ގަނެވޭނެ އެވެ.
3. ޖާނީޕްލަސް ރިލެކްސް: އެ ހިދުމަތުގެ ދަށުން މޯލްޑިވިއަންގެ ލައުންޖްތަކުން ހިދުމަތް ހޯދޭނެ އެވެ.
4: ޖާނީޕްލަސް އަޕްގްރޭޑް: އެ ހިދުމަތުގެ ތެރެއިން އިންޓަނޭޝަނަލް ފަސިންޖަރުންނަށް ޓިކެޓް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
5. ޖާނީޕްލަސް ބައިޓްސް: އެ ހިދުމަތުގެ ތެރެއިން ދަތުރުމަތީގައި ކާން ބޭނުންވާ ތަކެތި ދުރާލާ އޯޑަރު ކުރެވޭނެ އެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މޯލްޑިވިއަން ޖާނީޕްލަސް އާ އެކު ފަސިންޖަރުން މީގެކުރިން އެދެމުންދިޔަ ގިނަ ހިދުމަތްތަކެއް ފަސޭހަކަމާ އެކު ލިބޭނެ ކަމަށެވެ. އަދި މިހާރަށް ވުރެ ޕާސަނަލައިޒް ހިދުމަތްތަކެއް ފަސިންޖަރުންނަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ޖާނީޕްލަސް ހިދުމަތް ގަންނަން ބޭނުންވާ ފަސިންޖަރުންނަށް ކޯލް ސެންޓަރާއި ވައިބަ އަދި ވަޓްސްއެޕް އަދި ޓިކެޓިން އޮފީސްތަކުންނާއި ޕެސެންޖާ ސޭލްސް އޭޖެންޓުން މެދުވެރިކޮށް އެ ހިދުމަތް ގަނެވޭނެ އެވެ.
މޯލްޑިވިއަން އިން ޖާނީޕްލަސް ހިދުމަތުގެ ފުރަތަމަ ފޭސް ލޯންޗް ކުރިއިރު، އިތުރު ހިދުމަތްތަކާއެކު ޖާނީޕްލަސް ފޭސް 2 ތައާރަފް ކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. އަދި ދެވަނަ ފޭސްގައި، ބޭނުންވާ ސީޓެއް ކުރިއާލާ އިހްތިޔާރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
މޯލްޑިވިއަންއިން ދަނީ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ދަތުރުތަކުގެ އިތުރުން ސީޕްލޭން ދަތުރުތައް ވެސް ކުރަމުންނެވެ. އޭގެ ތެރެއިން އެ އެއާލައިންގެ އެންމެ ބޮޑު މާކެޓެއް އޮތީ ޑޮމެސްޓިކް ދަތުރުތަކުގަ އެވެ.


