ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާތައް ފަށައިފި

ޚަބަރު ފަހުގެ

ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު ޕްރޮގްރާމުގެ 4 ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާ ނުވަތަ ސެލެކްޝަން ޕްރޮސެސް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ރަސްމީކޮށް ފަށައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި، މި ބެޗަށް ކުދިން ހޮވުމުގެ މަސައްކަތް މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް އިބްރާހިމް ހަލީމް، މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، މި ބެޗުގައި ފުރުޞަތު ދީފައިވަނީ 3 ވަނަ ބެޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ޖާގަ ނުލިބުނު ކުދިންނަށް އިސްކަންދީގެން ކަމަށެވެ.

މި ސެލެކްޝަން ޕްރޮސެސް މާލެ ހިމެނޭހެން ރާއްޖޭގެ 13 ސަރަޙައްދެއްގައި ކުރިއަށްދާއިރު، އެމްއެންޑީއެފްގެ 6 ޓީމަކުން އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދާކަމަށް ހަލީމް ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ހަރުދަނާކަމާއެކު ކުރިއަށްގެންދިއުމުގައި ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލުތަކުން ލިބޭ އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، އިސްލާމްދީނަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ފަށާފައިވާ މުހިންމު މަޝްރޫއެކެވެ. މި ތަމްރީނުގެ ތެރޭގައި އަޚުލާޤާއި ސުލޫކު އަށަގެންނެވުމުގެ އިތުރުން، ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް އަދި އަސްކަރީ ތަމްރީނުގެ އަސާސީ ހަރަކާތްތައް ދަސްކޮށްދެވޭނެއެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް އެކަމުގެ ރަސްމީ ސެޓްފިކެޓްތައް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ސެޓްފިކެޓާއި، ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕްގެ ލެވެލް 3 ގެ ސެޓްފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓް ހިމެނެއެވެ.

ވަޠަނީ ޚިދުމަތުގެ ފުރަތަމަ ދެ ބެޗުގެ ތަމްރީނުތައް މިހާރު ނިންމާލާފައިވާއިރު، 3 ވަނަ ބެޗުގެ ތަމްރީނުތައް މިހާރުވެސް ދަނީ ކުރިއަށެވެ. 3 ވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ކެޑޭޓުން ބައިވެރިވެއެވެ. އޭގެ ތެރޭގައި 288 ފިރިހެން ކެޑޭޓުންނާއި 64 އަންހެން ކެޑޭޓުން ހިމެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ