ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ސަރުކާރު ސްކޫލްތަކުގެ ތަރައްޤީއަށް ދެމުންގެންދާ “ސްކޫލް ގްރާންޓް” 2026 ވަނަ އަހަރު ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލަކާއެކުގައެވެ. މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސްކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައިވާ ކަންކަން ހާސިލްކުރުމަށްޓަކައި، ކޮންމެ ސްކޫލަކަށް 100،000 (އެއްލައްކަ) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި ގްރާންޓް ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގާ ތަފާތު ހަރަކާތްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްގެ ތަރައްޤީއަށް ފަންޑް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީވެސް މި ގްރާންޓުގެ ބޭނުމެކެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަންނަނީ މެދުކެނޑުމެއްނެތި މި އެހީތެރިކަން ސްކޫލްތަކަށް ފޯރުކޮށްދެމުންނެވެ. އެގޮތުން 2024 އަދި 2025 ވަނަ އަހަރުވެސް ކޮންމެ ސްކޫލަކަށް 100،000 ރުފިޔާގެ ގްރާންޓެއް ދޫކޮށްފައިވާއިރު، 2022 ވަނަ އަހަރު ކޮންމެ ސްކޫލަކަށް 50،000 ރުފިޔާގެ އެހީއެއް ވަނީ ފޯރުކޮށްދީފައެވެ.


