ވަޒީފާގެ ބާޒާރަށް ޚާއްސަ “މައި ކެރިއާ ޕޯޓަލް” އިފްތިތާޙުކޮށްފި

ޚަބަރު ފަހުގެ

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި ކެރިއާ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ “މައި ކެރިއާ ޕޯޓަލް” މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙުސާނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

 

މިއީ ނޭޝަނަލް ކެރިއާ ސާވިސް (އެންސީއެސް) އިން އިސްނަގައިގެން ތަރައްޤީކޮށްފައިވާ ރަސްމީ ޕްލެޓްފޯމެކެވެ. މި މަސައްކަތަށް ފަންޑުކޮށްފައިވަނީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ “ސެއިލްސް” ޕްރޮޖެކްޓުގެ ދަށުންނެވެ.

 

އެންސީއެސްއިން ބުނި ގޮތުގައި، މި ޕޯޓަލްގެ މައިގަނޑު މަޤުޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއާ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުމެވެ.

 

މިއަދު އިފްތިތާޙުކުރި މި ޕޯޓަލްގައި ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން، މުސްތަޤުބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެ ތަފާތު ވަސީލަތްތައް ހިމެނެއެވެ.

 

އޭގެ ތެރޭގައި ހިމެނޭ މައިގަނޑު ޚިދުމަތްތަކަކީ:

* ކެރިއާ ގައިޑަންސް: ވަޒީފާ ހޯދާ ފަރާތްތަކާއި ތަމްރީނުލިބިފައިވާ ކައުންސިލަރުން ސީދާ ގުޅުވައިދީ، އަމާޒުތައް ކަނޑައެޅުމަށާއި ފަރުދީ ގޮތުން ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުމުގެ އިތުރުން، މަސައްކަތުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް އެކުލަވާލާ އެކްޝަން ޕްލޭންތައް މޮނިޓާކުރުން.

* ކެރިއާ ޕާތުވޭ ޑިޒައިނާ: ކެރިއަރުގައި ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި، ކަމާބެހޭ މާހިރުންގެ އިރުޝާދާއެކު ކުރިއަށްދާނެ މަގުޗާޓެއް ކުރަހައިދިނުން.

* މައިލްސްޓޯން ޓްރެކާ: މީހާގެ ތަޢުލީމީ ފެންވަރާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އެއް ފެނުމަކުން ފެންނާނޭހެން ތަރުތީބުކޮށްދޭ ޗާޓެއް މެދުވެރިކޮށް، ހާސިލުކުރެވިފައިވާ ކާމިޔާބީތަކާއި އިތުރަށް ތަރައްޤީކުރަންޖެހޭ ހުނަރުތައް ދެނެގަތުން.

* ވަޒީފާއާ ގުޅުވައިދިނުން: ވަޒީފާގެ ފުރުޞަތުތައް އިޢުލާނުކުރުމާއި، މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދިނުމުގެ އިތުރުން، ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ ލުއިފަސޭހަކޮށް އަވަސްކޮށްދިނުން.

މި ޕޯޓަލް ތަޢާރަފުކުރުމަކީ ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން މިއީ ޤާބިލު އަދި ހުނަރުވެރި ޒުވާން މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، “މޯލްޑިވްސް 2.0” ގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށް އެންސީއެސްއިން ފާހަގަކުރެއެވެ.

ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށް މިހާރުން ފެށިގެން www.mycareer.gov.mv މެދުވެރިކޮށް މި ޕްލެޓްފޯމުގެ ބޭނުން ހިފޭނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ