ޕީޖީ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫއު، “ޕީޖީއޯ 2.0” މިއަދު އިފްތިތާހުކޮށްފި

ޚަބަރު ފަހުގެ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫއު، “ޕީޖީއޯ 2.0” މިއަދު އިފްތިތާހުކޮށްފިއެވެ.

ބާސެލޯގައި މިއަދު އޮތް ހަފްލާއެއްގައިޕީޖީއޯ 2.0 ލޯންޗުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޕީޖީއޯ 2.0 ގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް، އޮފީހުގެ މަސައްކަތުގައި ޕްރޮސިކިއުޝަން މަސައްކަތަށް ހާއްސަ ސޮވްރިން އޭއައި ބޭނުންކުރަން ފެށޭނެއެވެ. އަދި މި އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއަށް އޭއި އިންޓަގްރޭޓްކުރެވޭނެއެވެ.

ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މައިގަނޑު ތަސައްވުރަކީ 2028 ވަނަ އަހަރާ ހަމައަށް އަންނައިރު،ޕީޖީ އޮފީހަކީ، އިންސާނީ ހައްގުތައް ކޮންމެ މަރުހަލާއެއްގައިވެސް ރައްކާތެރިކުރެވިފައިވާ، އަމިއްލަ ސިޔާދަތީ ބާރުލިބިގެންވާ، ފުރިހަމައަށް ޑިޖިޓަލައިޒްކުރެވިފައިވާ، ސުލޫކީ ހެޔޮ މިންގަނޑުގައި ނަޒާހަތްތެރިކަމާއެކު، ދެފުށް ފެންނަ ޕްރޮސެކިއުޝަން ޚިދުމަތެއްދޭ ތަނަކަށް ހެދުމެވެ.

މި ޕްރޮގްރާމުގެ ދަށުން ޕީޖީ އޮފީހުގައި މިހާރު ބޭނުންކުރަމުން އަންނަ ކޭސް މެނޭޖްމަންޓް ސިސްޓަމް “މަފިނި” އިތުރަށް ފުރިހަމަކޮށް، އޭއައިގެ ގާބިލުކަން އެ ސިސްޓަމާ ގުޅުވާލެވޭނެއެވެ. އެގޮތުން، މީގެތެރޭގައި ގާނޫނީ ލިޔެކިއުންތައް ދިރާސާކުރުމާއި، ދައުވާ ފޯމުތަކުގެ ޚުލާސާ އެކުލަވާލުމާއި، އައިޑެންޓިޓީ ޗެކްކުރުމާއި، ހެކިބަހާއި ލިޔެކިއުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިތުރުން، އާންމުންނަށް މައުލޫމާތާއި އިރުޝާދު ފޯރުކޮށްދޭ “ސިޓިޒަން އޭޖެންޓް” ހިމެނެއެވެ.

މި ސިސްޓަމް ފަރުމާކުރެވިފައިވަނީ ދިވެހި ބަހަށް އިސްކަންދީގެންނެވެ. އަދި މައްސަލަތަކުގެ މައުލޫމާތާއި ސިސްޓަމްތައް ބެލެހެއްޓޭނީ ރާއްޖޭގެ އަމިއްލަ ސިޔާދަތީ ކޮންޓްރޯލްގެ ދަށުގައި، ޕީޖީ އޮފީހުގެ އަމިއްލަ ބިނާރުގައެވެ.

ޕީޖީއޯ 2.0 އާ ގުޅޭ އެންމެހައި މަޢުލޫމާތު އޮފީހުގެ ވެބްސައިޓުން ލިބޭނެއެވެ.

ޕީޖީއޯ 2.0 ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި، އެ އޮފީހުގެ އާ ވެބްސައިޓު ލޯންޗުކޮށްފައިވެއެވެ. އަދި އެ އޮފީހުން ރައްޔިތުންނާއި، ދައުލަތުގެ އިދާރާތަކަށް ދޭ އެންމެހައި ޚިދުމަތްތައް ޑިޖިޓަލްކޮށް ލިބޭގޮތަށް ތަޢާރަފްކޮށްފައިވާ އީ-ދޮރޯށި ރަސްމީކޮށް ލޯންޗްކޮށްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ