އެމެރިކާއިން މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެމެރިކާ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރ އެޑްމިރަލް ބްރެޑް ކޫޕަރ މިދިޔަ ހަފްތާގައި ކުއްލިގޮތަކަށް އިސްރާއީލަށް ވަނީ ދަތުރެއް ކޮށްފައެވެ.
މިއީ، އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިންނާ މަޝްވަރާ ކުރުމަށް ކުރި ދަތުރެއް ކަމަށް، އެމެރިކާ ސަރުކާރާއި، ޒަޔަނިސްޓު މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
އޭނާވަނީ އިސްރާއީލަށް ގޮސް، އިސްރާއީލުގައި ބޭއްވި ސިފައިންގެ އިސް ވެރިންގެ އޮޕަރޭޝަނަލް ފޯރަމެއްގައި ބައިވެރިވެފައެވެ. މި ފޯރަމްގައި އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފް އީޔަލް ޒަމިރުއާއި، އިސްރާއީލު ޑިފެންސް ފޯސްގެ ޖެނެރަލުންނާއި، ކޮމާންޑަރުން ބައިވެރިވިއެވެ.
އެހެން ނަމަވެސް، އެޑްމިރަލް ބްރެޑް ކޫޕަރގެ މި ދަތުރުގެ އަސްލު މަގްސަދާ ގުޅޭގޮތުން މިހާރު ދަނީ ތަފާތު ވާހަކަތައް ފެތުރެމުންނެވެ.
އިސްރާއީލުގެ ޗެނަލް13 އިން ބުނެފައިވަނީ، އެޑްމިރަލް ބްރެޑް ކޫޕަރ މަސައްކަތްކޮށް އަދި ބާރު އަޅަމުންގެންދަނީ އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށް ކަމަށެވެ. އަދި އެކަމުގައި އިސްރާއީލު ސިފައިން ބައިވެރިވާންވެސް އޭނާ ބޭނުންވާ ކަމަށް ބުނެފައި ވެއެވެ.
ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރ އެޑްމިރަލް ބްރެޑް ކޫޕަރ އިސްރާއީލަށް ގޮސް، އިސްރާއީލު އަސްކަރިއްޔާގެ ވެރިންނާއި އަދި ސިފައިންނާވެސް ބައްދަލުކޮށްފައި ވެއެވެ. އެ ބައްދަލުވުންތަކުގައި އޭނާ ސިފައިންނަށް ބުނެފައިވަނީ “އީރާނާ ދެކޮޅަށް ވަރުގަދައަށް އަލުން ހަނގުރާމަ ފެށުން ނޫންގޮތެއް ނެތް” ކަމަށެވެ. އޭނާ ބުނިކަމަށްވަނީ ވާހަކަތަކުގެ މޭޒުދޮށަށް އީރާނު ގެނެވެންއޮތީ އަސްކަރީ ހަމަލާދީގެން އީރާނު ބަލިކޮށްގެން ކަމަށެވެ.
އެގޮތުން އީރާނަށް ދޭން ފަށާ ހަމަލާތަކުގައި އެމެރިކާ ސިފައިންނާ ގުޅިގެން އިސްރާއީލު ސިފައިންވެސް އީރާނަށް ހަމަލާ ދިނުމުގައި ބައިވެރިވާން ބޭނުންވާ ކަމަށް އޭނާ ބުނެފައިވާ ކަމަށް، ޗެނަލް13 އިން ބުނެފައި ވެއެވެ.
އީރާނާ ދެކޮޅަށް އަލުން ފަށާ އަސްކަރީ ހަމަލާތައް އަމާޒުކުރަން އެޑްމިރަލް ކޫޕަރ ބޭނުންވަނީ، އީރާނުގެ ތެލާއި، ގޭހާއި، ކަރަންޓުގެ ސިނާއަތްތަކުގެ ސައިޓްތަކާއި، ގައުމީ ބިނާރާ ގުޅުންހުރި ހުރިހާ ތަންތަނަކަށް ކަމަށްވެސް، އިސްރާއީލު މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމާ ގުޅޭގޮތުން އެޑްމިރަލް ބްރެޑް ކޫޕަރ ގެންގުޅޭ ވިސްނުން އެމެރިކާ އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފާއި އަދި ރައީސް ޑޮނަލްޑް ޓްރަމްޕަށްވެސް މިހާރު ދަންނަވާފައިވާ ކަމަށް، މިޑީއާ ރިޕޯޓްތައް ބުނެއެވެ.
މިކަންކަމާ ގުޅުވައި، އިސްރާއީލުން މިހާރު ބުނަނީ، އީރާނަށް ހަމަލާދިނުން ހުއްޓާލަން އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރުން މިދިޔަ ހަފްތާގައި ނިންމި ނިންމުންތަކަކީ މިހާރު ޕްލޭނެއް ނޫންކަމަށެވެ.
އިސްރާއީލުގެ މީޑިއާއިން މިވާހަކަތައް ރިޕޯޓް ކުރުމާއެކު، އެޑްމިރަލް ބްރެޑް ކޫޕަރވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ބުނެފައިވަނީ، އެއީ މުޅިން ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ.
އެހެންނަމަވެސް، އެމެރިކާގެ ރައީސްގެ އަމުރަށް އީރާނު ކައިރިއަށާއި، އީރާނު ވަށައިގެންވާ ސަރަހައްދުތަކަށް ޖަމާކުރި އެމެރިކާ ސިފައިންގެ ލަޝްކަރުތަކާއި، މަނަވަރުތަކާއި ހަތިޔާރުތައް އަދިވެސް ދުރަކަށް ނުގެންދެއެވެ. އެމެރިކާ ސިފައިން އަދިވެސް ގެންދަނީ ކަނޑުމަގުން އީރާނު ބްލޮކޮށް އީރާނުން ތެޔޮ ބޭރުވިޔަނުދީ އީރާނަށް ދަތިކުރަމުންނެވެ.
ނުވިތާކަށް، މެދުއިރުމަތީގެ ގައުމުތަކަށާއި، ސަރަހައްދުގެ އެހެން ގައުމުތަކާއި އަދި އީރާނަށް ހަމަލާދޭން ބޭނުންކުރި ޔޫރަޕްގެ އެއަރބޭސްތަކަށް އެމެރިކާއިން ސިފައިންނާއި ހަތިޔާރު ޖަމާކޮށް އަދިވެސް ތިބީ ތައްޔާރީ ހާލަތުގައެވެ. އީރާނާ ގާތުގައި އޮތް އެމެރިކާގެ ހަނގުރާމަމަތީ ޖެޓުތައް އުފުލާ ބިޔަ މަނަވަރު އަބްރަހަމް ލިންކަންއަށް މައްސަލަތަކެއް ދިމާވެގެން އެ މަނަވަރު އަނބުރާ ގެންދަން ނިންމައި، އޭގެ ބަދަލުގައި ސަރަހައްދަށް ޖޯޖް ވޮޝިންޓަން މަނަވަރު ފޮނުވަން ނިންމުމަކީވެސް އީރާނަށް ދޫދޭން އެމެރިކާއިން ބޭނުން ނުވާކަން ހާމަވާ ކަމެކެވެ.
އެޑްމިރަލް ބްރެޑް ކޫޕަރ އިސްރާއީލަށް ގޮސް، އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރިކަމުގެ ރިޕޯޓްތައް އިސްރާއީލުގެ މީޑިއާއިން ހާމަކުރިއިރު، ހަގީގަތަކީ އީރާނަށް އަލުން ހަމަލާދޭން ފެށުމަށް އެންމެ ގަދައަޅައި މަސައްކަތް ކުރާ މީހަކީ މުޖުރިމު ނަތަންޔާހޫ ކަމެވެ. ނަތަންޔާހޫ މިހާރުވެސް ގެންދަނީ އީރާނާ ދެކޮޅަށް ހަނގުރާމަ ފަށަން އެމެރިކާގެ ރައީސަށް ޕްރެޝަރ ކުރަމުންނެވެ. އޮކްޓޫބަރު މަހު އިސްރާއީލުގައި ބާއްވާ އިންތިޚާބު ކާމިޔާބުކުރަން ނަތަންޔާހޫއަށް އޮތް ކިޔާވެސް ފުރުސަތަކީ، އީރާނާއި އަދި ސަރަހައްދުގެ ގައުމުތަކާ ދެކޮޅަށް ހިންގާ އުދުވާނުތައް އިހުނަށްވުރެ ފުޅާކޮށް ވީހާވެސް ގިނަމީހުން މެރުމެވެ. ޔަހޫދީން އެންމެ ގިނައިން ވޯޓުދެނީ މުސްލިމުންނަށް އެންމެ ގެއްލުންދޭ އަދި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކޮށް، ނަސްލުނައްތާލުމުގެ ޖަރީމާތައް އެންމެ ގަދަޔަށް ހިންގާ މީހަކަށެވެ.



