އެމެރިކާ ސިފައިން އިހަށްދުވަހު ފުރަތަމަ އީރާނަށް އިސްވެ ހަމަލާދިނީ އީރާނު ސިފައިން ހޮރްމޫޒު ކަނޑުއޮޅީގައި މައިން އަޅަން އުޅޭ ކަމަށް ބެލެވިގެން ކަމަށް ބުނެފައި ވެއެވެ. އަނެއްކާ ރޭގައި އީރާނަށް ހަމަލާދިނީ ހޮރްމޫޒުގައި އަޅާފައިވާ ސަބްމެރިން ކޭބަލްތަކަށް ގެއްލުންދޭން އީރާނުން ތައްޔާރުވަމުންދާ ކަމަށް ބެލެވިގެން ކަމަށް ބުނެފައި ވެއެވެ.
އީރާނުން މައިން އަޅަން އުޅޭ ކަމަށާއި، ސަބްމެއިން ކޭބަލްތަކަށް ގެއްލުންދޭން އުޅޭ ކަމަށް “ބެލެވިގެން” އެމެރިކާ ސިފައިން އީރާނުގެ އެކި ރަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް މިވަނީ ދީފައެވެ. ހަމަލާތައް އަމާޒުކުރި ރަށްތަކުގެ ތެރޭގައި ކުހެސްތަކް، ދޚުޒެސްތާން ޕްރޮވިންސް، ކަރްމަންޝާހް، ލަވާން އައިލެންޑް އަދި ފާރސް ޕްރޮވިންސްވެސް ހިމެނެއެވެ.
އެމެރިކާ ސިފައިންގެ ހަމަލާތައް ކޮމިއުނިކޭޝަން ޓަވަރުތަކާއި، އާންމުން އިމާރާތްތައްވެސް ހިމެނެއެވެ. ކުހެސްތަކްގެ ސިރީކްގައި ކައިވެނީގެ ހަފްލާއެއް ކުރިއަށްދިޔަ ތަނަކަށް ހަމަލާ އަމާޒުވެ 4 މީހުން މަރުވެ 70 މީހުން ޒަޚަމްވި ކަމަށް އީރާނުން ބުނެފައި ވެއެވެ. މަރުވި އަދި ޒަޚަމްވި ގިނަ މީހުންނަކީ ކުޑަކުދިންނާއި އަންހެނުން ކަމަށްވެސް ބުނެފައި ވެއެވެ.
އެމެރިކާ ސިފައިން އީރާނަށް މިހާރު ދެމުންގެންދާ ހަމަލާތަކުން މިހާތަނަށް ފެންނަ ނަތީޖާއަކީ، އެމެރިކާއިން އަމާޒު ހިފާފައިހުރީ ވީހާވެސް ގިނަމީހުން މަރައި، އީރާނުގެ ތަންތަނަށް ބޮޑެތި ގެއްލުންތައް ދިނުމުގެ މައްޗަށް ކަމެކެވެ.
މިހާރު ފަށައިގެން އުޅޭ ހަމަލާތަކުގެ ސަބަބެއް ކަމަށް ބުނަނީ ހޮރްމޫޒެވެ. މައިން އަޅަން އުޅުމާއި، ސަބްމެއިން ކޭބަލްތަކަށް ގެއްލުންދޭން އުޅޭ ކަމަށް “ބެލެވިގެން” ކަމަށެވެ. ވީމާ، މިއީ ހޮރްމޫޒުގެ ކޮންޓްރޯލް ނެގުމާ ގުޅޭ ހަމަލާތަކެއްކަން ސާފުކޮށް އެނގެއެވެ.
އީރާނުގެ ހުއްދަނެތި ހޮރްމޫޒު ހުރަސްކުރަން އުޅުނު ދެ ތެޔޮ ޓޭންކަރެއް، އީރާނުން އަޅާފައިވާ މައިންތަކުގައި ޖެހި ގޮވައި އަލިފާން ރޯވެ މިހާރުވެސް އަނދަމުން އެބަދެއެވެ. އީރާނުގެ ހުއްދަނެތި ހޮރްމޫޒު ހުރަސްކުރަން އުޅުނު ޓޭންކަރުތަކަށް އިއްޔެވެސް ހަމަލާ ދީފައި ވެއެވެ. ވޭތުވެދިޔަ ހައެއްކަދުވަހުވެސް އީރާނުގެ މިފަދަ ހަމަލާތައް އަމާޒުވެފައި ވެއެވެ. އެމެރިކާ ސިފައިން ހިމާޔަތް ދީގެން ހޮރްމޫޒު ހުރަސްކުރަން އުޅުނު އެއްވެސް އުޅަނދަކަށް ހޮރްމޫޒު ހުރަސް ނުކުރެވުނެވެ.
ނުވިތާކަށް، އީރާނުގެ ހުއްދަނެތި ހޮރްމޫޒު ހުރަސްކުރަން މަސައްކަތްކުރާ ތެޔޮ ޓޭންކަރުތަކާއި، އާގުބޯޓުފަހަރު ނިސްބަތްވާ ކުންފުނިތަކަށް އިތުރަށް ފިއްތައި ދަތިކުރުމުގެ އުސޫލުތަކެއްވެސް އީރާނުން މިހާރު އިއުލާން ކޮށްފައި ވެއެވެ.
މާނައަކީ ހޮރްމޫޒުގެ ފުރިހަމަ ކޮންޓްރޯލް އަދިވެސް އީރާނަށް އޮތްކަމެވެ. އެމެރިކާ ސިފައިން އީރާނަށް އަސްކަރީ ކިތަންމެ ގެއްލުންބޮޑު ހަމަލާތަކެއް ދިން ނަމަވެސް އަދި ކިތަންމެ އާންމުންނެއް މެރިޔަސް، ހޮރްމޫޒުގެ ކޮންޓްރޯލް އީރާނުގެ އަތުން ނުނެގޭނޭކަން އީރާނުން މިހާރުވެސް ގެންދަނީ ސާބިތުކޮށްދެމުންނެވެ. ހޮރްމޫޒުގެ ކޮންޓްރޯލް އެމެރިކާއަށް ނުނެގޭނޭކަންވެސް ގެންދަނީ ދައްކަމުންނެވެ.
އީރާނުން ކުރިންވެސް ބުނަމުން ގޮސްފައިވަނީ، ނިއުކްލިއަރ ހަތިޔާރަށްވުރެ ބާރުގަދަ ހަތިޔާރަކަށް އެމީހުންނަށް ފެނުނީ ހޮރްމޫޒު ކަމަށެވެ. އެހެންކަމުން، އެ ކަނޑުއޮޅީގެ ކޮންޓްރޯލް ބޭރުގެ އެއްވެސް ބާރަކަށް ދޫނުކުރާނޭ ކަމަށް ވަނީ ވައުދުވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ދެންމެއަކުވެސް ބުނެފައިވަނީމ ހޮރްމޫޒުގެ ކޮންޓްރޯލް އޮތީ އެމެރިކާ ސިފައިންގެ އަތްމަތީގައި ކަމަށެވެ. އެމެރިކާގެ ރައީސް އެހެން ބުނާތާ ހައެއްކަމަސް ވެއްޖެއެވެ. އެކަމަކު އެންމެންވެސް އުޅެނީ ހޮރްމޫޒު ނުހުޅުވިގެންނެވެ.
އެންމެފަހުން މިރޭ ވަނީ، ހޮރްމޫޒުގެ ނަން “ޓްރަމްޕް” ގެ ނަމަށް ބަދަލުކުރަންވެސް ހުށަހަޅާފައެވެ. އެގޮތަށް ނަން ބަދަލުނުކުރާ ތަނެއް މިހާރު މަދެވެ.



