ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށާއި، ޖަމްޢިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފިއެވެ.
މި އިނާމުތައް ދެއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ފަރާތްތައް:
* ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން މުޙައްމަދު ޢާމިރު އަޙްމަދު، ފީރޯޒްވާދީ ފަރެސްއަވަށް ހުސްނުހީނާގެ/ގދ.ފަރެސްމާތޮޑާ
* އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން – އިބްރާހީމް ރަޝީދު، ވ. ވަސްމީރުފިޔަ
* ޞިއްޙީ ދާއިރާއިން – ސޮސައިޓީ ފޮރ ހެލްތި އެޑިޔުކޭޝަން (ޝީ)
* ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން – ނަޖުމާ ޙުސައިން، ގ. ނޫރީފެހި
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ފަރާތްތައް:
* އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން – އަލްއުސްތާޛާ ޙައްވާ ލަޠީފް، މުޝްތަރީގެ، ގއ. ދާންދޫ
* ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން – މުޙައްމަދު ނަޞީރު، ދަނބުގެ، ހދ. ވައިކަރަދޫ
* ދިވެހި ތާރީޚުގެ ދާއިރާއިން – ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ހުޅުމާލެ ފްލެޓް ނަންބަރު 125-ޣ-03
* ޞިއްޙީ ދާއިރާއިން – މުޙައްމަދު އަޙްމަދު، ހުޅުމާލެ ވިނަރެސް 10ާ-702
* އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން – ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
* މުއާޞަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން – އަރުޝަދު އަޙްމަދު، ފަހިވާ، ހއ.އުލިގަން
* ކުޅިވަރުގެ ދާއިރާއިން – ޢާއިޝަތު ނައުރާ، ހ. ސީޓް
* ވިޜުއަލް އާޓްސްގެ ދާއިރާއިން – އިސްމާޢީލް ޢަބްދުލްޣަފޫރު، ހ. އަރިހިޔާ
މީގެއިތުރުން ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، އަލްމަރްހޫމް އިޙްސާން ޢަބްދުލްޣަނީގެ ހަނދާނަށް ޚިދުމަތުގެ ޤައުމީ އިނާމު ވަނީ އަރުވާފައެވެ.
މިޖަލްސާގައިވަނީ އުތީމުގައި ޖެހި ޖެހިގެން 2 އަހަރު ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކޮށްދެއްވުމުން އުތީމު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހަނދާނީ ފިލާއެއް އަރުވާފައެވެ.
ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.


