އިސްލާމީ ގައުމުތަކުގެ މެދުގައި ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް އެއްބައިވަންތަކަމާއި އެއްބާރުލުން ވަރުގަދަ ކުރުމަށް އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން އިލްތިމާސް ކުރައްވައިފިއެވެ.
އީރާނުގެ ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ، ތެހެރާނުގައި ބޭއްވި އިންޓަރނޭޝަނަލް އިސްލާމިކް ޔޫނިޓީ ކޮންފަރެންސްގައި ތަގްރީރު ކުރައްވަމުންނެވެ.
އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ، އިސްލާމީ ގައުމުތައް ހުރިހާ މައިދާނެއްގައި އެއްބައިވަންތަވާންޖެހޭ ކަމަށެވެ. އެގޮތުން، އިސްލާމީ ގައުމުތަކުގެ މެދުގައި އިގްތިސަދީ އެއްބާރުލުން ފުޅާކޮށް، ދޭދޭ ގުޅުންތައް އިތުރަށް ފުޅާކޮށް ވަރުގަދަކުރަންޖެހޭ ކަމަށެވެ.
އެމެރިކާއާއި އިސްތިއުމާރީ ދައުލަތުން އީރާނާ ދެކޮޅަށް ފެށި އުދުވާނުތަކަށް އީޝާރާތް ކުރައްވައި އީރާނުގެ ރައީސް ވިދާޅުވީ، އިސްލާމީ ގައުމަކާ ދެކޮޅަށް އުދުވާނު ހިންގުމަށް އިސްލާމީ އެހެން ގައުމެއްގެ ސަރަހައްދު ބޭނުން ކުރުމުގެ ފުރުސަތު އެއްވެސް ހާލެއްގައި ދީގެން ނުވާނޭ ކަމަށެވެ.
ޕެޒެޝްކިއާން ވިދާޅުވީ، އަމިއްލަ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެއްވެސް އިސްލާމީ ގައުމަކުން އަވަށްޓެރި ގައުމެއްގެ ސަލާމަތަށް ނުރައްކާ ކޮށްގެން ނުވާނޭ ކަމަށެވެ. އެއީ، ގަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.
އަވަށްޓެރި ގައުމުތަކުގެ ސަރަހައްދުތައް ބޭނުންކޮށްގެން އެމެރިކާއާއި އިސްތިއުމާރީ ދައުލަތުން އީރާނާ ދެކޮޅަށް ފެށި އުދުވާނު ކުށްވެރި ކުރައްވަމުން އީރާނުގެ ރައީސް ވިދާޅުވީ، އެ އުދުވާނުތަކުގެ ކުރިމަތީގައި އީރާނު ދެމިއޮތީ ސާބިތުކަމާ އެކުގައި ކަމަށެވެ.
އަނިޔާވެރިވާ މީހާއާ ދެކޮޅަށް ތެދުވެ، އަދި އަނިޔާލިބޭ މީހުންގެ ދިފާއުގައި ގާއިމްވެ ތިބެންޖެހޭ ކަމަށާއި، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އީރާނު ތެދުވުމަކީ ބާރު ހޯދުމަށް ކުރާ ކަމެއް ނޫން ކަމަށާއި، އެއީ އިސްލާމީ ވާޖިބެއް ކަމަށްވެސް އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން ވިދާޅުވިއެވެ.
އީރާނހެ ރައީސް ވިދާޅުވީ، ދުޝްމަނުންގެ ހަމަލާތަކުން އީރާނު ދިފާއުކުރުމުގެ މާނައަކީ އަވަށްޓެރި ގައުމުތަކާއި، އިސްލާމީ ގައުމުތަކާ އާދާވާތްތެރިވުމެއް ނޫން ކަމަށެވެ.
ފެބްރުއަރީމަހު ހަނގުރާމަ ފެށީ އީރާނުން ނޫން ކަމަށާއި، އީރާނުން މަސައްކަތްކުރީ ގައުމު ދިފާއުކުރަން ކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ. އަދި އީރާނަކީ ބަލި ގައުމެއް ނޫން ކަމަށާއި، ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ދިފާއުކުރަން އީރާނަށް ނިކަން ރަނގަޅަށް އެނގޭ ކަމަށްވެސް ޑރ. މަސްއޫދު ޕެޒެޝްކިއާން ވިދާޅުވިއެވެ.
ހަނގުރާމައިގެ ތެރޭގައި އީރާނުން އަވަށްޓެރި ގައުމުތަކާއި، ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ 17 އަސްކަރީ ބޭހަކަށާއި، އަސްކަރީ ތަންތަނަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ، ގިނަ ތަންތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށް ސުންނާފަތި ކޮށްލާފައެވެ. އީރާނުގެ ހަމަލާތަކުގެ ސަބަބުން އެމެރިކާ ސިފައިންވަނީ ބައެއް ތަންތަން ދޫކޮށް ގޮސްފައެވެ.



