އެންމެންވެސް ހީކުރީ ބިންހެލުމެއް ކަމަށް، އާންމުންނާ ހަމައަށް ނުރައްކާ ފޯރަންނެގީ 7 މިނެޓް

ޚަބަރު ފަހުގެ ދުނިޔެ

އެންމެންވެސް ހީކުރީ ބިންހެލުމެއް އައީ ކަމަށެވެ. އެއީ ކުއްލިއަކަށް އެރި ވަރުގަދަ ލޮޅުމާ އެކުގައެވެ. އެހެން ނަމަވެސް، އެއީ ނުރައްކަލެއް އަންނަކަމުގެ އިންޒާރެއް ކަމެއް އެއްވެސް ބަޔަކު ހީނުކުރެއެވެ.

އިވުނު ބާރުގަދަ އަޑުފަށްގަނޑާއެކު ނޭޕާލް-ޓިބެޓް ބޯޑަރުގެ ނޭޕާލް ފަޅީގެ ރަސޫވަގަދީއާ ހަމައަށް ނުރައްކާ ފޯރަން ނެގީ ގާތްގަނޑަކަށް އެންމެ 7 މިނެޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެއީ، ގަނޑުފެނާއި، ހިލައާއި، ކިސަޑު ހިމެނޭ ބިޔަ ސައިލެކެވެ. އެއީ، ނުހަނު ބާރު ސްޕީޑްގައެވެ. އެ ސައިލު ދެމިގެންދިޔައީ ގެތަކާއި، އަވަށްތައް ސުންނާފަތި ކުރަމުންނެވެ. ގެތަކުގައި ތިބި މަދު ބަޔަކަށް ސަލާމަތްވާން ލިބުނީވެސް މަދު ސިކުންތުކޮޅެކެވެ. ސަލާމަތްވާން ފުރުސަތު ނުލިބުނު މީހުން ދެމިގެންދިޔައީ ކިސަޑުތަކުގެ ސައިލާއެކުގައެވެ.

މި މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯތަކުން ހިތްފަޅައިގެންދާ ވަރުވެއެވެ. ސަލާމަތްވާނޭ އެއްވެސް ގޮތެއްނެތި މީހުންނާއެކު ގެތައް ސައިލާއެކު ދެމިގެންދާތަން ފެނެއެވެ.

ހިމާލަޔަން ފަރުބަދަތަކުގެ މަތިން ފެށުނު ކިސަޑު ސައިލު، ފަރުބަދަތަކުން ތިރިއަށް ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރު ސަރަހައްދަކަށް ފެތުރިގެންދިޔައެވެ. މަރުވެފައިވާ މީހުންގެ ހަށިތައް ނޭޕާލްގެ ނުވެކޮޓް، ދާޑިންގް، ޗިޓްވާން، ނަވަލްޕަރަސީ އީސްޓްގެ އެކި ހިސާބުތަކުން ފެނިފައި ވެއެވެ. އަދި އިންޑިއާގެ ޔޫޕީގެ މާހާރާޖްގަންގް ކޯރުންވެސް މަރުވެފައިވާ ބައެއް މީހުންގެ ހަށިތައް ފެނިފައި ވެއެވެ.

މިއީ، ބިންހެލުމެއްގެ ސަބަބުން ދިމާވި ކަމެއް ނޫންކަން ސައިންސްވެރިން ފަހުންވަނީ ބުނެފައެވެ. މިހާދިސާ ހިނގީ ހިމާލަޔަން އުސް ފަރުބަދައެއްގެމަތިން 2،000 ފޫޓު ފުޅާ އައިސްފެންގަނޑެއް ނެއްޓި، 4،000 ފޫޓު ތިރިން ކޯރެއްގެ ތެރެއަށް ވެއްޓިގެން ކަމަށެވެ. ބާރުގަދަ ގުޑުންއެރި ވަގުތަކީ އެއީއެވެ.

އައިސްފެންގަނޑު ވެއްޓި ޖެހުމާއެކު، ކޯރުގެ ފެންގަނޑު ޕްރެޝަރުގައި ބަންޑުންވެ، ހިލައާއި، އައިސްފެންގަނޑުތަކާއެކު ކިސަޑުގެ ސައިލު ދެމިގެންއައީ އާންމުން ދިރިއުޅޭ ސަރަހައްދުތަކާ ދިމާއަށެވެ.

މި ކާރިޘާގައި މަރުވި މީހުންގެ އަދަދު 547 އަށް އަރާފައި ވާއިރު، ގެއްލިފައިވާ މީހުންގެ އަދަދު އެތައް ސަތޭކައަށް އަރައެވެ.

މީހުން ސަލާމަތް ކުރުމާއި، ގެއްލިފައިވާ މީހުން ހޯދުމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތް ނޭޕާލްގެ ސަލާމަތީ ބާރުތަކާއި، ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު، އެހެން ބިރެއްވެސް ވަނީ ކުރިމަތިވެފައެވެ.

އެއީ، ދެ ޑޭމެއް ފަޅައިގެންގޮސް ކޯރުތަކަށް ފެންއެޅި ކޯރުތައް ބަންޑުންވެދާނެކަމުގެ ބިރެވެ. އެކަމާހެދި، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ނޭޕާލްގެ ބައެއް ހިސާބުތަކުގައި ޓިބެޓްގެ ބައެއް ހިސާބުތަކުގައިވެސް މިހާރުވަނީ ހުއްޓާލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ