މުސްލިމް ދައުލަތްތަކުގެ ވެރިން އެމީހުންގެ އަސްލު ދުޝްމަނުން ދެނެގަނެ، ދުޝްމަނުންގެ ރޭވުންތައް ދެނެގަނެ، އެކަމާ ކުރިމަތިލާންޖެހޭ ކަމަށް، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚަމަނާއީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ރޫހީ ލީޑަރު މިފަދައިން ވިދާޅުވީ، މިއަދު ހެނދުނު ނެރުއްވި ބަޔާނެއްގައެވެ.
އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚަމަނާއީ ވިދާޅުވީ، އެމެރިކާގެ މުޖުރިމު ވެރިންނާއި، ފޭކް ޒަޔަނިސްޓު ދައުލަތަކީ ހަމައެކަނި އީރާނުގެ ދުޝްމަނުން ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތުގެ ދުޝްމަނުން ކަމަށެވެ.
ދުޝްމަނުން މުޅި އިސްލާމީ އުންމަތުގެ ތެރޭގައި ބައިބައިވުންތައް އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ޚާމަނާއީ ވިދާޅުވިއެވެ.
މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން އޮތްނަމަ ފަލަސްތީނަކީ މިއަދު ވާތްގެއްނެތް ދައުލަތެއްގެގޮތުގައި ނޯންނާނެ ކަމަށާއި، މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން އޮތްނަމަ ދުޝްމަނުން ފަލަސްތީނުގެ ބިންތަކާއި މުދާ ފޭރިގަތުން ހުއްޓުވުމުގެ ހިތްވަރު ވަށައިގެންވާ ގަލްފުގެ ގައުމުތަކަށް ލިބިގެންދާނެ ކަމަށްވެސް އީރާނުގެ ރޫހީ ލީޑަރު ވިދާޅުވިއެވެ.
މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން އޮތްނަމަ ފަލަސްތީނު ރައްޔިތުން މިއަދު ތަހައްމަލް ކުރަމުންދާ އަނިޔާވެރިކަމާއި ވޭނާއި ކެކުޅުންތައް ނުއޮތީސް ކަމަށްވެސް ވިދާޅުވިއެވެ.
މިހުރިހާ ކަމެއް މިހެން ހުރުމުން، މުސްލިމުންނާއި، ޚާއްސަކޮށް ގަލްފްގެ ގައުމުތަކާއި، ޕާޝިއަންގެ ގައުމުތައް އެކަތިގަނޑަކަށްވުމަށް މުޖުތަބާ ޚާމަނާއީވަނީ ގޮވާލައްވާފައެވެ. މުސްލިމުންގެ ލޯބިވާ އަދި އިސްލާމީ ހަޟާރަތް ހާސިލް ކުރުމަށްޓަކައި މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ސުންނީ މުސްލިމުންނާއި ޝިޔައީ މުސްލިމުންގެ މެދުގައި އެއްވެސް ބައިބައިވުމެއް އޮތުން ހުއްދަ ނޫން ކަމަށާއި، ބައިބައިވުން އުފެދޭ ގޮތަށް އަމަލުތައް ހިންގާ ކޮންމެ މީހަކީ އިސްލާމްދީނުގެ އަދުއްވުންނަށް އެހީތެރިވާ ފަރާތެއް ކަމަށް ޚަމަނާއީ ވިދާޅުވިއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި އުދުވާނީ ހަނގުރާމައިގެ ތެރޭގައި އީރާނުންވަނީ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ މަސްލަހަތުތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ. އީރާނުގެ ރައްދު ހަމަލާތަކާ ގުޅިގެން ސަރަހައްދުގެ ގައުމުތަކާއި އީރާނުގެ ގުޅުމުގައި ކުނިޖެހި ގުޅުންތައް ހީނަރުވެގެން ދިޔައެވެ. އެހެން ނަމަވެސް، އެ ގުޅުންތައް އަލުން ގާއިމްކުރަން އީރާނާއި އަދި ގައުމުތަކުންވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ހަނގުރާމަކޮށްގެން އީރާނު ބަލި ނުކުރެވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރުވަނީ، އިގްތިސާދީގޮތުންނާއި މާލީގޮތުން އީރާނަށް ދަތިކޮށް އީރާނު އިނދަޖައްސާލަން މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ މަސައްކަތް ކާމިޔާބުވާނީ ސަރަހައްދުގެ ގައުމުތަކުންވެސް އެމެރިކާއަށް އެއްބާރުލުން ދޭނަމައެވެ.
އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީގެ ބަޔާނުގައި، އެމެރިކާގެ ފިޔަވަޅުތަކުގެ ކުރިމަތީގައި އީރާނުގެ ރައްޔިތުންވެސް ބަދަހިކަމުގައި ތިބުމަށް އިލްތިމާސް ކުރައްވާފައި ވެއެވެ. ބައިބައިވެގެން ދިއުމަށް ފުރުސަތު ނުދިނުމަށްވެސް އިލްތިމާސް ކުރައްވާފައި ވެއެވެ.



