މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ލައިސަންސް ނެތި ގާނޫނާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ ކިބައިން އެދިއްޖެއެވެ.
މިފަދަ ގާނޫނާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށްޓަކައި ކަމާބެހޭ މުއައްސަސާތައް ގުޅިގެން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ގާނޫނާ ހިލާފަށް ހިންގާ ބޭރު ފައިސާގެ މުއާމަލާތްތައް ދެނެގަނެ، އެކަމަށް ފިޔަވަޅު އެޅުމެވެ.
ގާނޫނާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ މައުލޫމާތު، އެ ޓާސްކްފޯހުގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކޮށްގެން ހިއްސާކުރެވޭނެއެވެ. އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށްވެސް އެ ނަންބަރަށް މައުލޫމާތު ފޮނުވޭނެކަމަށް ފުލުހުން ހާމަކުރެއެވެ.
އެ ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރާ އެއްވެސް ފަރާތެއްގެ ވަނަވަރާއި، އެ ފަރާތްތަކުން ފޮނުވާ މައުލޫމާތުގެ ސިއްރު ފުރިހަމައަށް ރައްކާތެރިކޮށްދޭނެކަމުގެ ޔަގީންކަން ފުލުހުން ދެއެވެ. އަދި އެގޮތަށް މައުލޫމާތު ދޭ ފަރާތްތަކުން، އެ މައްސަލަތަކުގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ނުވަތަ މަރުހަލާއެއްގައި ބައިވެރިވާން ނުޖެހޭނެކަމަށްވެސް ފުލުހުން ބުންޏެވެ.
މި ޓާސްކްފޯހުން އަންނަނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ލައިސަންސް ނެތި ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ މާރުކުރާ ކަމަށް ތުހުމަތުކުރެވޭ ތަންތަން ބަލައިފާސްކުރުމާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.


