ޤައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ހަނިމާދޫ ތަމްސީލުކުރާ ދެ ދަރިވަރުންނާ، އެ ރަށު ކައުންސިލުން ބައްދަލުކޮށް ހިތްވަރުދީފިއެވެ.
މިއަދު ހަނިމާދޫ ސްކޫލުގައި ބޭއްވި މި ބައްދަލުވުމުގައި ހަނިމާދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ސްކޫލުގެ އިސްވެރިންނާއި، މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ނަން ރީތިކޮށް، ޤައުމީ ފެންވަރުގައި ފަޚުރުވެރި ކާމިޔާބީއެއް ހޯދުމަށް ދަރިވަރުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވައި ސާބަސް ދެއްވިއެވެ. އަދި މުބާރާތުން ރަނގަޅު ވަނަތަކެއް ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ދަރިވަރުންނަށް ހިތްވަރުދެއްވިއެވެ.
މީގެއިތުރުން، ޢިލްމީ އަދި އިޖުތިމާޢީ ގޮތުން ދަރިވަރުން ކުރިއަރައި ދިއުމަށް ކުރެވޭ ކޮންމެ ކަމެއްގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލުން ތަޢުލީމީ ކަންކަން ބެލެހެއްޓުމަށް ޙަވާލުކުރައްވާފައިވަނީ ކައުންސިލްގެ ނައިބު ރައީސާއެވެ. އަދި ތަޢުލީމީ ދާއިރާގެ ކަންކަމަށް ޚަރަދުކުރުމާއި ނިންމުންތައް ނިންމުމުގައި ރައީސެކޭ އެއްފަދައިން ހުރިހާ އިޚްތިޔާރެއް ނައިބު ރައީސަށް ދެއްވާފައިވާނެ ކަމަށާއި، ތަޢުލީމީ ކަންކަން ކުރިއެރުވުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސްވެސް ވަނީ ދަރިވަރުންނާ މުޚާތަބުކުރައްވައި ހިތްވަރުގެ ބަސްކޮޅެއް ވިދާޅުވެފައެވެ. އެގޮތުން، ދަރިވަރުން ތަޢުލީމީ ދާއިރާއިންނާއި ތަފާތު މުބާރާތްތަކުން ހޯދަމުންދާ ކާމިޔާބީތައް ފާހަގަކުރައްވައި، ދެ ދަރިވަރުންނަށްވެސް އިތުރު ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި ތަޢުލީމީ ކުރިއެރުމަށްޓަކައި މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް ކައުންސިލުން ބޮޑެތި ހޭދަތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ނައިބު ރައީސް ދެއްވިއެވެ.
މި ބައްދަލުވުމުގައި ހަނިމާދޫ ސްކޫލްގެ ފަރާތުން ޕްރިންސިޕަލް އަދި ޓީޗަރުންވެސް ދަރިވަރުންނަށް ހިތްވަރުދެއްވައި ވާހަކަދެއްކެވިއެވެ. މީގެއިތުރުން، ސްކޫލްގެ އެކި ހަރަކާތްތަކަށް ކައުންސިލްގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުވުން ނިންމާލާފައިވަނީ މުބާރާތުގައި ބައިވެރިވާ ޓީމަށް ފުރިހަމަ ކާމިޔާބީއަށް އެދި ހެޔޮދުޢާ ކުރަމުންނެވެ.


