ޔޫރަޕްގެ ގައުމުތަކުގެ ކިބައިން ބަދަލުހިފުމުގެ ފިޔަވަޅުތައް އަޅަން އިސްތިއުމާރީ އިސްރާއީލުން ތައްޔާރުވާން ފަށައިފިއެވެ.
މިއީ، ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި އުފައްދާ މުދާ އެ ގައުމުތަކަށް އެތެރެކުރުން މަނާކުރަމުންދާތީ އެކަމުގެ ރައްދުގައި އިސްރާއީލުން އަޅަން ތައްޔާރުވާ ފިޔަވަޅުތަކެކެވެ.
އިސްތިއުމާރީ އިސްރާއީލުން ހުޅަނގު އައްސޭރި ހިފާފައިވަނީ 1967 ވަނަ އަހަރު އިސްރާއީލާއި އަރަބި ބައެއް ގައުމުތަކާ ދެމެދު ކުރި 6 ދުވަހުގެ ހަނގުރާމައިގައެވެ. ހުޅަނގު އައްސޭރި ހިފައި، ހުޅަނގު އައްސޭރީގެ އެތައް ބިމަކަށް ވެރިވެގަނެ ޔަހޫދީ އާބާދީތައް ހަދައި އިސްރާއީލުން ޔަހޫދީން ވަޒަންވެރި ކުރަމުން ގެންދެއެވެ.
ނަމަވެސް، ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ ބިމެއް ކަމަށް އދގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނުތައް ގަބޫލެއް ނުކުރެއެވެ. އިސްރާއީލަށް ތާއީދުކުރާ ހައެއްކަ ގައުމު ނޫން ގައުމަކުން ހުޅަނގު އައްސޭރީގެ މައްޗަށް އިސްރާއީލަށް އެއްވެސް ހައިސިއްޔަތެއް އޮތް ކަމަށް ގަބޫލެއް ނުކުރެއެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ހަދާފައިވާ ޔަހޫދީ އާބާދީތަކުގައި ކާރުޚާނާތައް ހަދައިގެންނާއި އެނޫންވެސް ސިނާއީ މަސައްކަތްތައް ކޮށްގެން އުފައްދާ ތަކެތި އިނގިރޭސިވިލާތަށް އެތެރެކުރުން އެގައުމުން މިހާރުވަނީ މަނާކޮށްފައެވެ. މިކަމާ ގުޅިގެން އިސްރާއީލުން އިނގިރޭސިވިލާތާ ދެކޮޅަށް އެކި ކަހަލަ ފިޔަވަޅުތައް ގެންދަނީ އަޅަމުންނެވެ. އެގޮތުން، ހިފާފައިވާ އިރުމަތީ ގުދުސްގައި ހުރި އިނގިރޭސި ކޮންސިއުލޭޓް މިހާރުވަނީ ބަންދުކޮށްފައެވެ. 30 ދުވަސްތެރޭ އެތަން ހުސްކުރުމަށްވެސް ވަނީ އަންގާފައެވެ. މިއީ، ފަލަސްތީނު ރައްޔިތުންނަށް ޚިދުމަތްދޭ ކޮންސިއުލޭޓެވެ.
މީގެއިތުރުން، އިސްރާއީލަށް ދިޔަ އިނގިރޭސި ޕާލަމެންޓުގެ 12 މެމްބަރުން އިސްރާއީލަށް އެތެރެވިޔަނުދީ ވަނީ އަނބުރާ ފޮނުވާލާފައި ވެއެވެ. އަދި ޣައްޒާ ޕީސް މިޝަންއިން އިނގިރޭސިވިލާތް ބޭރުކޮށްލާފައި ވެއެވެ. އެމެރިކާއިން އުފައްދާފައިވާ ޣައްޒާ ކޯޑިނޭޝަން ޔުނިޓްގައި ހިމެނިގެން ހުޅަނގު އައްސޭރިއާއި، ރާމަﷲ އަދި އިސްރާއީލުގައި ހަރަކާތްތެރިވާ އިނގިރޭސި އަސްކަރީ އަދި އިދާރީ އޮފިޝަލުންވެސް ބޭރުކޮށްލާފައި ވެއެވެ. އެންމެން ރަށުން ބޭރުވާން ދީފައިވަނީ 7 ދުވަހުގެ މުހުލަތެވެ.
އިނގިރޭސިވިލާތުގެ އިތުރުން، ފްރާންސާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އިސްތިއުމާރީ ދައުލަތުން ދަނީ ތައްޔާރުވަމުންނެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަދާފައިވާ ޔަހޫދީ އާބާދީތަކުގައި އުފައްދާ ތަކެތި އިނގިރޭސިވިލާތަށް އެތެރެކުރުން މަނާކުރުމުން، އިނގިރޭސިވިލާތުގެ ފަހަތުން އެކަން ކުރުމަށް ޔޫރަޕްގެ އިތުރު 12 ގައުމަކުން ނިންމައި، އެކަން އިއުލާން ކޮށްފައި ވެއެވެ.
ޣައިރުގާނޫނީ ޔަހޫދީ އަބާދީތަކުގައި އުފައްދާ ތަކެތި ޔޫރަޕަށް އެތެރެކުރުން މަނާކުރުމުގެ އިތުރުން، ފަލަސްތީނުގެ ރަށްތަކުގައި ލާއިންސާނީ ޖަރީމާތައް ހިންގާ ހަރުކަށި ޔަހޫދީ ވަޒަންވެރިންދާ ދެކޮޅަށް ޔޫރަޕްގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާތީވެސް އިސްތިއުމާރީ ދައުލަތުން ގެންދަނީ އެފަދަ ގައުމުތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅައި، އިންޒާރުތައްވެސް ދެމުންނެވެ.
މީގެއިތުރުން، ރާމަﷲ ގައި ހިންގާ ފަލަސްތީނު ސަރުކާރު އެކަހެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ފަލަސްތީނު ސަރުކާރާ އެއްވެސް މުއާމަލާތެއް ކުރާ ބޭރުގެ ގައުމުތަކަށްވެސް އިސްރާއީލުން ދަތިކުރަމުން އެބަ ގެންދެއެވެ. މިއީވެސް، އިސްތިއުމާރީ ދައުލަތުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތަކާ ދުނިޔެ ދެކޮޅު ހެދުމާއި، ހިފާފައިވާ ބިންތަކުގައި ޣައިރުގާނޫނީ ޔަހޫދީ އާބާދީތައް ހެދުމަށް ކުރާ މަސައްކަތްތަކާ ދުނިޔޭގެ ގައުމުތައް ދެކޮޅު ހަދަމުންގެންދާތީ އެކަމާ ރުޅިއައިސްގެން އަޅަމުންގެންދާ ފިޔަވަޅުތަކެކެވެ.



